ހަބަރު

ފާރިސް ހައްޔަރު ކުރުމުން ޔޫކޭ ވެސް ކަންބޮޑުވެއްޖެ

Jul 18, 2017
1

ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނު ހައްޔަރު ކުރުމުން އިނގިރޭސިވިލާތުން ކަންބޮޑުވުން ފާޅުކޮށްފި އެވެ. ރާއްޖެއަށާއި ސްރީލަންކާއަށް އިނގިރޭސިވިލާތުން ކަނޑައަޅާފައި ހުންނަވާ ސަފީރު ޖޭމްސް ޑޯރިސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ސަރުކާރު ޒިންމާދާރު ކުރުމަކީ ޑިމޮކްރަސީގެ އަސާސީ އެއް ސިފަ ކަމަށެވެ.

ފާރިސް ހައްޔަރު ކުރުމުން އެމެރިކާއިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ރާއްޖެއަށާއި ސްރީލަންކާއަށް އެމެރިކާއިން ކަނޑައަޅާފައި ހުންނަވާ ސަފީރު އަތުލް ކެޝަޕް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މެމްބަރުން ހައްޔަރު ކުރުމަކީ އާއްމު އުސޫލުން ޕާލަމެންޓްގެ މަސައްކަތް ހިނގުމަށް ހުރަސް އެޅޭނެ ކަމެެއް ކަމަށެވެ.

"އިންތިހާބުކޮށްފައި ތިއްބަވާ ލެޖިސްލޭޓަރުން، ފާރިސް މައުމޫނު ހިމެނިވަޑައިގަންނަވާ ގޮތުން، ހައްޔަރު ކުރުމާއި ހުރަސް އެޅުމަކީ އާއްމު އުސޫލުން ޕާލަމެންޓްގެ މަސައްކަތްތައް ހިނގުމަށް އަދި ޑިމޮކްރަސީއަށް ހުރަސްް އެޅޭނެ ކަމެއް،" ކެޝަޕްގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

މެންބަރު ފާރިސް ހައްޔަރު ކުރީ އޭނާ ދިރިއުޅުއްވައި ގެ، މ. ސްނޯރޯސް މިއަދު ހެނދުނުން ފެށިގެން ބަލައި ފާސް ކުރުމަށް ފަހު އެވެ.
ފުލުހުން ބުނެފައި ވަނީ ފާރިސް ހައްޔަރު ކުރީ ބަލަމުން ގެންދާ މައްސަލައަކާ ގުޅިގެން ކަމަށެވެ. އޭނާއާ ގުޅޭ ގޮތުން ފުލުހުން މައްސަލައެއް ތަހުގީގު ކުރަނީ ރައްޔިތުން މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދެއްވި ކަމަށް ބުނެ އެވެ. މީގެ ކުރިން ފުލުހުން ވަނީ އެ ތުހުމަތާ ގުޅޭ ހެއްކާއި ގަރީނާ ހުރި ކަމަށްވެސް ބުނެފަ އެވެ.

އޭނާ ހައްޔަރު ކުރި އިރު ޝަހުސް އޮޅުވާލުމުގެ މައްސަލައެއްގެ ދައުވާގެ ޝަރީއަތް ފާރިސްއަށް އުފުލައި އެ ދައުވާގެ ޝަރީއަތް ވަނީ ފަށާފަ އެވެ.