ދުނިޔެ

ފުރަތަމަ މޮޅާއެކު ވެލެންސިއާއިން ލީގް ނިންމާލައިފި

Jul 18, 2017

ޔުނައިޓަޑް ވިކްޓަރީގެ މައްޗަށް 1-0 ން ކުރި ހޯދައި، މާލޭ ލީގްގައި ހޯދި ފުރަތަމަ މޮޅާއެކު ވެލެންސިއާއިން ލީގް ނިންމާލައިފި އެވެ. މާލޭ ލީގްގެ ދެ ބުރުން އެ ޓީމަށް ހަމަ ކުރެވުނީ ހަ ޕޮއިންޓެވެ.

މިއީ މި ސީޒަންގައި ވެލެންސިއާ އިން ހޯދި ދެ ވަނަ މޮޅެވެ. އަދި ދިވެހި ޓީމެއްގެ އަތުން ހޯދި ފުރަތަމަ މޮޅެވެ. މި އަހަރު އެ ޓީމުން ހޯދި ފުރަތަމަ މޮޅަކީ، އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރުގައި، ބޫޓާންގެ ތިމްޕޫ ސިޓީ އަތުން، މާލޭގައި ހޯދި މޮޅެވެ. ވެލެންސިއާ އިން އެ މެޗު ކާމިޔާބު ކުރީ، 3-0 ން ނެވެ.

މިއަދުގެ މެޗުގައި، ކޮންމެ ނަތީޖާއެއް ނުކުތް ނަމަވެސް، ދެ ޓީމުގެ އަތުން ގެއްލޭނެ އެއްޗެއް ނެތެވެ. އެ ދެ ޓީމު ކުރިމަތި ލާނީ، މާލޭ ލީގްގެ ކޮލިފިކޭޝަން މުބާރާތާ އެވެ.

މިއަދުގެ މެޗުގައި، ދެ ޓީމުން ވެސް ވަނީ ގިނަ ފުރުސަތު ތަކެއް ތަނަވަސް ކޮށްފަ އެވެ. ނަމަވެސް، ރަނގަޅަށް ކުޅުނީ ޔުނައިޓަޑް ވިކްޓަރީ އެވެ. ވެލެންސިއާގެ ކޯޗް އަހްމަދު މުޖުތޮބާ (ފެސްކޯ) ބުނީ، މޮޅުވުމުން ހިތް ހަމަ ޖެހޭ ކަމަށާއި ނަމަވެސް މެޗުގައި ކުޅުނު ގޮތާ މެދު ހިތްހަމަ ނުޖެހޭ ކަމަށެވެ. މެޗުގައި، ވެލެންސިއާއިން ލިބުނު ފުރަތަމަ ފަހި ފުރުސަތު ލިބުނީ، ބިދޭސީ ކުޅުންތެރިޔާ ޕްރިންސް ޗިންޑާ އަށެވެ. ޕެނަލްޓީ އޭރިއާ ރޮނގުމަތިން، އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލް ހުރަސް ދަނޑިއަށް ވުރެ ކުޑަތަންކޮޅެއް މަތިން ނެވެ.

ފުރަތަމަ ހާފުގައި، ޔުނައިޓަޑް ވިކްޓަރީއަށް ވަނީ ހިލޭ ޖެހުންތަކުގައި ވެލެންސިއާގެ ގޯލަށް ނުރައްކާ ކުރަން ފުރުސަތު ލިބިފަ އެވެ. ނަމަވެސް އެއިން ފުރުސަތެއް އެޓީމަށް ބޭނުން ކުރެވޭ ގޮތެއް ނުވި އެވެ. ފުރަތަމަ ހާފުގައި އެޓީމުގެ އިބްރާހިމް ޝަފްރާޒް (ޝަފަލޭ) އަށް ލިބުނެވެ. ނަމަވެސް އޭނާ ފޮނުވާލި ދެ ބޯޅަ ވެސް، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ވެލެންސިއާގެ ކީޕަރު މުހައްމަދު ފައިސަލް ދިފާއު ކުރި އެވެ.

އޭގެ ފަހުން، އެ ޓީމުގެ ބިދޭސީ ފޯވަޑް ޒިވޮކޮވިޗް ތިމޯރުއަށް ހުރަހަކުން ތަނަވަސްވި ބޯޅައިން ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑި މަތިން ބޭރަށެވެ. ދެ ވަނަ ހާފުގައި، ވެލެންސިއާއިން، ރަނގަޅަށް ކުޅުން ފެށި ނަމަވެސް، ފަހުން ޔޫވީން ވަނީ މެޗު ކޮންޓްރޯލް ކޮށްގެން ރަނަގަޅު ހަމަލާތަކެއް އުފައްދައިގެން ކުޅެން މަސައްކަތް ކޮށްފަ އެވެ. ނަމަވެސް އެ ޓީމަށް ލިބުނު ފުރުސަތުތައް އެޓީމަށް ބޭނުން ކުރެވޭ ގޮތެއް ނުވި އެވެ.

މެޗުގެ ކުރިންން ޔޫވީގެ ކޯޗް މުހައްމަދު ނަޒީހް ބުނެފައި ވަނީ، އެ ޓީމަށް ބޭނުން ވަނީ ރަނގަޅު ސްޓައިކަރެއް ކަމަށެވެ. އޭނާ ބުނީ ޖަޕާންގެ ޖޭ ލީގްގައި ކުޅުނު ސްޓައިކަރަކަށް ޔޫވީން ހުށަހަލާފައިވާނެ ކަމަށެވެ. ނަޒީހް ބުނީ، މިއަދުގެ މެޗުގައި ފެނުނު ކުޅުން ތަކުރާރު ކުރެވިއްޖެނަމަ، އެ ޓީމަށް ކޮލިފިކޭޝަން ބުރުގައި ސަލާމަތް ވެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.