ހަބަރު

ނާޒިމް ދޫކޮށްލަން ސިފައިން ރައީސަށް ސިޓީއެއް ނުފޮނުވާ: އެމްއެންޑީއެފް

ޝަރުއީ ހުކުމެއް ތަންފީޒު ކުރަމުން ގެންދާ ފަރާތެއް ދޫކޮށްލަން އެދި ބައެއް ސިފައިންގެ ފަރާތްތަކުން ސިޓީއެއް ރައީސް އަބްދުﷲ ޔާމީނަށް ހުށަހަޅާފައިވާ ކަމަށް ދެކެވޭ ވާހަކަތައް އެމްއެންޑީއެފް އިން ދޮގުކޮށްފި އެވެ.

އެމްއެންޑީިއެފް އިން މިހެން ބުނީ ކުރީގެ ޑިފެންސް މިނިސްޓަރު އަދި ރިޓަޔާޓް ކާނަލް، ނާޒިމް ދޫކޮށްލަން އެދި ސިފައިންގެ ބައެއް ފަރާތްތަކުން ރައީސް އަބްދުﷲ ޔާމީންއަށް ސިޓީ ހުށަހަޅާފައިވާ ކަމަށް ބުނާ މެސެޖެއް ސޯޝަލް މީޑިއާގައި ދައުރުވުމާ ގުޅިގެނެވެ.

އެކަމާ ގުޅިގެން އެމްއެންޑީއެފްގެ ސްޕޯކްސް ޕާސަން ބްރިގޭޑިޔާ ޖެނެރަލް ޒަކަރިއްޔަ މަންސޫރު ވިދާޅުވީ އެފަދަ އެއްވެސް ކަމެއް ސިފައިންގެ ތެރޭގައި ހިނގާފައި ނުވާ ކަމަށާއި ސިފައިންގެ އެއްވެސް މީހެއް ރައީސް ޔާމީންއަށް ސިޓީ ހުށަހަޅާފައި ނުވާ ކަމަށެވެ. އެހެންކަމުން އެފަދަ ވާހަކަތައް އެއްވެސް ފަރާތަކުން ދައުރު ނުކުރަން އެދިވަޑައިގަންނަވާ ކަމަށެވެ.

"ސިފައިން ތިބޭނީ ގާނޫން އަސާސީ ހިމާޔަތްކޮށް ގާނޫނީ ވެރިކަމަށް ކިޔަމަން ތެރިކަން އަދާކޮށް އެހީތެރިކަން އަދާ ކުރާ ބައެއްގެ ގޮތުގައި. އަދި ރާއްޖޭގެ ސުލްހަ މަސްލަހަތު ހިމާޔަތް ކުރުމަށް ދިވެހި ފުލުހުންގެ ފަރާތުން ސިފައިންގެ އެހީއަށް އެދިއްޖެ ނަމަ އެ ފަރާތައްވެސް އެހީތެރިކަން ފޯރުކޮށްދަން،" މަންސޫރު ވިދާޅުވި އެވެ.