ރިޕޯޓް

މުންޑޫ ކޮލަމް: އަޅުގަނޑުގެ ހިތަށް އަރަނީ!

Jul 20, 2017
37

މިއަދު އަޅުގަނޑު ހިތަށް އަރަނީ ރައީސް މައުމޫންގެ 30 އަހަރުގެ ދިގު ވެރި ކަމުގައި ގައުމަށް ހެޔޮ ބަދަލާއި ތަރައްގީތަކެއް އައެވެ. އެކަން ކަމަކީ ބާތިލު އެއްޗެކޭ ނުބުނެވޭނެ އެވެ. އަދި މިއަދު އަޅުގަނޑު ހިތަށް އަރަނީ އެ ދިގު 30 އަހަރު ދުވަހުގެ ތެރޭގައި ކުށެއް ނެތް އެތައް ބަޔަކު ހައްޔަރުކޮށް ނުހައްގުން އަދަބުދީފައި ވެސް ވާނެ އެވެ. ގަސްދުގަ އާއި ނޭނގުމުގެ ތެރޭގަ އެވެ. އޭތެރޭގައި މައުސޫމް އެތައް ބަޔަކު ހިމެނޭނެ އިރު އެ ދުވަހު އެފަދަ މީހުންގެ މައިންބަފައިންގެ ލަނގޮޑި އާއި ހިތަށާއި ފިތަށް ކިހާ ބާރަކާއި އަސަރެއް ކޮށްފައި ހުންނާނެ ހެއްޔެވެ؟ ކިހާ ރުއިމެއް ރޮއި ކިހާ އާދޭހެއް ކޮށް ކިހާ ސިޓީއެއް ލިޔެ ކިހާ ސަލާމެއް ޖަހާފައި ހުންނާނެތޯ އެވެ؟ އަދި އެމީހުން ކިހާ ބަދު ދުއާއެއް ކޮށްފައި ހުންނާނެތޯ އެވެ؟

އެ މީހުން ފަދައިން މިއަދު އަޅުގަނޑުގެ ހިތަށް އަރަނީ 2000 ވަނަ އަހަރު ރެއެއްގެ މެންދަމު އެ ވަގުތު ކޮޅެެވެ. އަޅުގަނޑު ފަކީރު މަރު ނިދީގައި އޮއްވާ ސިފައިން ގުންފާޖަހާފައި ވަދެގަނެ ވެލައެއް ފުރޮޅައިލާހެން ފުށުން ޖަހައި ދެ ބުރި އެދުން ވައްޓައިލީ އެވެ. ސީސޯޓާއި ގަންޖުފަރާސްގަނޑާއެކު ދަމާހަލައި ނެރެ ދެކޮޅަށް ކޮއްޕާ ގަޅުވާ ހެދި އެވެ. އަޅުގަނޑުގެ ހަނދާނަށް އަންނަނީ ދަބަރު ހިލިހިލި އޮތް ދަގަނޑު ބިޑިން ފުރަގަހަށް ދެއަތް ބަނދެގެން އަޅުގަނޑު ގެންދިއުމާއި އެ ބިޑިއަކީ އަޅުގަނޑުގެ ގުނަވަނަކަށް ހަދާލި ވަގުތުކޮޅެވެ. "ލޯބީގެ ސިޓީ ލިޔާ ޅއކ" ބުނަމުން ކުރި ފުރައްސާރަ އާއި އެ ގޮޅީގައި މާކަރީ ލައިޓް ބޭނުންކޮށް ދެއްކި ނަފުސާނީ އަހުވަ އާއި ޖިސްމާނީ ގޮތުން ދިން އަނިޔާ އެވެ.

އަޅުގަނޑު ދުށް ގޮތުގައި އަޅުގަނޑުގެ ކުށެއް ނެތެވެ. އެމީހުން ދުށް ގޮތުގައި އަޅުގަނޑުގެ ކުށް އޮތެވެ. އެއީ "ޝަރީއަތެއްގައި ނޫނީވިއްޔާ ތިޔަ މައުލޫމާތު ދިން މީހާއެއް ނުބުނާނަމޭ" އަޅުގަނޑު ބުނުމެވެ.

އެ ދުވަހު އަޅުގަނޑުގެ މައިންބަފައިން ވެސް ބުނީ އަޅުގަނޑު ކުށެއް ނުކުރެއޭ އެވެ. ތިޔައީ ބާތިލް ތުހުމަތުތަކޭ އެވެ. އަބަދަކު ބާތިލު ދެމިއެއް ނޯންނާނެ އޭ އެވެ. އެހެން މައިންބަފައިން ފަދައިން އެ ދުވަހު އެ މީހުނަށް ހާދަ އަސަރެއް ކުރި އެވެ. ހާދަ އާދޭހެއް ކުރި އެވެ. ހާދަ ގިނަ ރުއިމެއް ރޮއި ހާދަ ގިނަ ކަރުނައެއް އޮހޮރި އެވެ، ހާދަ ސިޓީއެއް ލިޔެ، ހާދަ ގިނަ ތަންތަނަކަށް ހިނގި އެވެ.

މިއަދު އަޅުގަނޑު ހިތަށް އަރައެވެ. ފާރިސް މައުމޫން ހައްޔަރު ކުރުމުން ރައީސް މައުމޫނާއި އަނބިކަނބަލުން ނަސްރީނާ އިބްރާހީމަށް ހާދަ އަސަރެއް ކުރާނެ އެވެ. ގަނޑުވަރުގެ ތެރެއަށް އުފަންވެ ވަޑައިގެން ގަނޑުވަރުން ޖަލު ގޮޅިއަށް ދަރިކަލުން ގެންދެވީމާ ހިތްޕުޅުގައި ހާދަހާ އުދާހެއް އުފެދިފައި ހުންނާނެ އެވެ. ހައްޔަރު ކުރި ފަރާތުން ފާރިސްގެ މައްޗަށް ތުހުމަތުތަކެއް ކުރި ނަމަވެސް ރައީސް މައުމޫނު ވިދާޅުވެފައިވާ ގޮތަށް ފަހަރުގައި ފާރިސްގެ އެއްވެސް ކުށެއް ނެތިވެސް ހިނގައިދާނެ ނޫންތޯ އެވެ.

އަޅުގަނޑަށް ވީ ހާލު ޖެހުނު ވަރަށް ގިނަ މީހުންނަކީ ކޮންމެ ހާލެއްގައި ވެސް އުޅެވޭނެ، އަދި އުޅެފައި ތިބި މީހުނަށް ވެދާނެ އެވެ. އެފަދަ ކޮންމެ ހާލަކަށް އަޅުގަނޑުގެ ފިޓްވާނެ ކަމަށް އަޅުގަނޑުގެ މައިންބަފައިންނަށް އެ ދުވަހު ވެސް ޔަގީންވާނެ އެވެ.

މިއަދު އަޅުގަނޑުގެ ހިތަށް އަރަނީ ދުނިޔޭގެ ކޮންމެ އުފަލަކަށް އަތް ފޯރާއި ހިސާބުގައި އަރާމާއި އިތްޒަތުގައި އުޅުއްވައި ބޮޑުފުޅުވި ފާރިސް ޖަލުގައި އުޅުއްވާނެ ދަތި ދިރިއުޅުން ހިތްޕުޅަށް އަރާވަޑައިގެން ރައީސް މައުމޫނުގެ ދެކަނބަލުންގެ ހިތްޕުޅަށް ހާދަ އަސަރެއް ކުރާނެ އެވެ. އެކަނިވެ ވަޑައިގަންނަވާ ވަގުތުކޮޅެއްގައި ވިއްޔާ ހާދަ ވަރަކަށް ކީރިތި ކުރެއްވޭނެއޭ އެވެ. އަދި އެ އަސަރު ގަދަވެފައި ލޭ ކެކޭނީ ފާރިސް ހައްޔަރު ކުރިއިރު ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނެވީ ފާރިސްގެ ބޮޑު ބޭބެއަށް ވެވަޑައިގަންނަވާތީ އެވެ. އަޅުގަނޑު ހިތަށް އަރަނީ އަޅުގަނޑުމެންގެ މައިންބަފައިން ފަދައި އެ ދެ މަފިރިންނާއި އާއިލާގެ ބަދު ދުއާވެސް އޮންނާނެ ތާއެވެ؟

މިއަދު އަޅުގަނޑު ހިތަށް އަރަނީ ދުނިޔޭގައި އެކި އިރަށްޖެހޭ ކުލަ ނިކަން ދެކިބަލާށެވެ. އަހަރެމެން ކުރިމަތީގައި ދުނިޔެ ދައްކާ ހަގީގަތް ނިކަން ބަލައި ބަލާށެވެ. މިއަދު އަޅުގަނޑު ހިތަށް އަރަނީ އަޅުގަނޑުމެންގެ ހާލު މިހާ ދަށަށް ގޮސް އަޅުގަނޑުމެން މިހާ ނުބައި ބަޔަކަށްވީ ކީއްވެގެންތޯ އެވެ؟ މިއަދު އަޅުގަނޑު ހިތަށް އަރަނީ ބާތިލް ދެމި ނޯންނާނެކަން އެނގެނީ މިއަދު އެކަނިތޯ އެވެ؟ އަދި މިއަދު އަޅުގަނޑުގެ ހިތަށް އަރަނީ މިތާނގައި އަޅުގަނޑު ބާތިލު ވާހަކައެއް ދަންނަވައިފިންތޯ އެވެ؟