އެކްޓަރު ރަންބީރު ކަޕޫރަށް މި އަހަރަކީ ވަރަށް ބުރަ އަހަރެކެވެ. ތިން އަހަރު ކުރިން އުފައްދަން ފެށި އޭނާ އަމިއްލަ އަށް ޕްރޮޑިއުސްކުރި ފިލްމު "ޖައްގާ ޖާސޫސް" ގެ ޝޫޓިން ނިންމައި ފިލްމު ރިލީޒް ކުރަން ތައްޔާރު ކުރުމާއި މަޝްހޫރު އެކްޓަރު ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމުގެ ލީޑްރޯލު ކުޅުން ހިމެނެ އެވެ. އެ ފިލްމުގެ ޝޫޓިން ނިމުމުން ރަންބީރު، އަޔާން މުކަރްޖީ ޑައިރެކްޓްކުރާ ސުޕަހީރޯ ފިލްމުގެ ޝޫޓިން ވެސް ފަށާނެ އެވެ.
މި އަހަރު ކިތަންމެ ބިޒީ ނަމަވެސް ސަންޖޭގެ ބައޮޕިކާއި ސުޕަހީރޯ ފިލްމުގެ އިތުރުން ކުޅޭނެ އެހެން ފިލްމުތަކެއް ވެސް ރަންބީރު އަދިވެސް އަންނަނީ ހޯދަމުންނެވެ. އެގޮތުން "ދަމްލަގާކޭ ހައިޝާ" ގެ ޑައިރެކްޓަރު ޝަރަތް ކާޓާރިޔާ ދެން އުފައްދާ ފިލްމު "ސުއި ދާގާ" އިން ރަންބީރަށް ހުށަހެޅުން ލިބިފައި އޮންނަތާ ވަރަށް ދުވަސް ވަނީ ވެފަ އެވެ.
އެ ފިލްމު ކުޅެން ހުށަހެޅި ހުށަހެޅުމާ ބެހޭގޮތުން ރަންބީރު ފިލްމުގެ ޑައިރެކްޓަރަށް ޖަވާބެއް ނުދީ އެތަކެއް މަހެއް ފާއިތުވުމުން ފިލްމު އުފައްދާ ފަރާތުން ވަނީ އެ ރޯލު އޭނާގެ އެންމެ ވާދަވެރި އެއް އެކްޓަރު ކަމަށްވާ ވަރުން ދަވަން އަށް ދީފަ އެވެ
ފިލްމު ކުޅޭނެކަން ނުވަތަ ނޫންކަން ވެސް ހާމަނުކޮށް ފިލްމުގެ ޑައިރެކްޓަރާއި ޕްރޮޑިއުސަރުން އިންތިޒާރުކުރަން މާ ގިނަ ދުވަހު ބެހެއްޓުމުން އެކަމާ ހިތްހަމަނުޖެހިގެން ވަނީ ވަރުން އަށް ފިލްމުގެ ލީޑް އެކްޓަރުގެ ރޯލު ހުށަހަޅާފަ އެވެ.
މި ފިލްމަކީ ރަންބީރަށް ހުށަހަޅައި އޭނާ ވަކި ގޮތެއް ނިންމަން މާ ގިނަ ދުވަސްތައް ނެގި ފިލްމެއްކަން އެނގުމުން ވަރުން ވަނީ ވަގުތުން ފިލްމު ކުޅެން އެއްބަސްވެފަ އެެވެ.
"ސުއި ދާގާ: މޭޑް އިން އިންޑިއާ" ނަމަކަށް ކިޔާ މި ފިލްމުގައި ބަތަލާގެ ރޯލުން ފެނިގެންދާނީ އަނުޝްކާ ޝަރްމާ އެވެ.
އިންޑިއާގެ އެންމެ ބޮޑު ފިލްމު އުފައްދާ ކުންފުނި، ޔާޝް ރާޖްސްއިން އުފައްދާ މި ފިލްމަކީ ވަރުން އާއި އަނުޝްކާ އެކުގައި ކުޅޭ ފުރަތަމަ ފިލްމެވެ. ވަރަށް އަވަހަށް މި ފިލްމުގެ ޝޫޓިން ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.
ހަބަރުތައް ބުނާގޮތުން ވަރުން މި ފިލްމުގެ ލީޑްރޯލު ކުޅެން ހަމަޖެއްސި ފަހުން ރަންބީރު ވަނީ އޭނާގެ ގާތް އެކުވެރިން ކުރަން މި ފިލްމުގެ ސްކްރިޕްޓްގެ މޮޅު ކަމުގެ ވާހަކަ ދައްކާފަ އެވެ.