ކުރީގެ ރައީސް މައުމޫން އަބުދުލް ގައްޔޫމްގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫނުގެ މައްޗަށް އުފުލާފައިވާ ދައުވާއަށް ޖަވާބުދާރީވުމަށް ކޯޓުން އޭނާއަށް އިތުރު ފުރުސަތެއް ދީ މިމަހުގެ 31 ވަނަ ދުވަހަށް އިތުރު އަޑުއެހުމެއް ތައާވަލުކޮށްފި އެވެ.
ކްރިމިނަލް ކޯޓުގައި ކުރިޔަށް ދިޔަ މި ޝަރީއަތުގައި ފާރިސްގެ ވަކީލު މައުމޫން ހަމީދު ވިދާޅުވީ މިއަދުގެ އަޑުއެހުމަކީ އިތުރަށް ޖަވާބުދާރީވެ ދިފާއު ބިނާކުރައްވާ އަސާސްތައް ހާމަ ކުރައްވައި އިއުތިރާޒް ކުރާ ކަންތައްތައް ހާމަ ކުރުމަށް ބޭއްވުނު އަޑުއެހުމެއް ކަމަށާއި ނަމަވެސް އެކަމަށް ތައްޔާޜު ވުމަށް ފުރުސަތު ދީފައި ނުވާ ކަމަށެވެ. ސަބަބެއް ކަމަށް ވިދާޅުވެފައިވަނީ 17 ވަނަ ދުވަހު ބޭއްވި އަޑުއެހުމަށްފަހު މިއަދަށް އަޑުއެހުން ތައާވަލު ކުރިފަހުން ފާރިސް ހައްޔަރުކޮށްގެން ދޫނިދޫއަށް ގެންގޮސް ބަންދު ކުރުމަށްފަހު އެތަނުގައި ބަހައްޓައި ވަކީލުންނާއި ބައްދަލު ކުރުމުގެ ފުރުސަތުވެސް މަދުން ދީ އަޑުއެހުމަށް ތައްޔާރުވާން ފުރުސަތު ލިބިފައިނުވާ ކަމަށެވެ.
އަދި މައުމޫން ހަމީދު ވިދާޅުވީ މިއަދުގެ އަޑުއެހުމަށްފަހު ފުލުހުން ފާރިސްއާ ސުވާލުކުރުމަށް ހަމަޖެހިފައިވީ ނަމަވެސް ރޭ ވަނީ މެސެޖަކުން އަންގައި މިއަދު ހެނދުނު 9:00 އަށް ސުވާލުކުރުން ބަދަލުކޮށްފަ އެވެ. އަދި ތަހުގީގު އިންޓަވިއު ނިމުނީ މިއަދު 10:30 ގައި ކަމަށެވެ. އެކަމުގެ ސަބަބުން މިއަދުގެ އަޑުއެހުމަށް ތައްޔާރުވާން ދަތިތަކާއި ކުރިމަތިވެފައިވާ ކަމަށާއި އެކަމަކީ ފާރިސްގެ ޝަރީއަތަށް ހުރަސް އެޅުމަށް ހިންގާފައިވާ އަމަލެެއް ކަމަށް މައުމޫން ހަމީދު ވިދާޅުވި އެވެ.
"ޖިނާއީ އިޖުރައާތުގެ ގާނޫނުގެ ދަށުން ހޯދަން ބޭނުންވާ މައުލޫމާތުތަކެއް ހާމަ ކޮށްދިނުމަށް އެދި މިމަހު 4 ވަނަ ދުވަހު ޕްރޮސެކިއުޓާ ޖެނެރަލް އަށް ސިޓީއެއް ފޮނުވައިފައިވާ ސިޓީއަށް މިމަހު 19 ވަނަ ދުވަހު ޕީޖީ އޮފީހުން ދެއްވި ޖަވާބުގައި ބުނެފައިވަނީ ފާރިސް އެދުނު މައުލޫމާތު ހާމަ ކުރަން ނުޖެހޭ ކަމަށާއި ގިނަ މައުލޫމާތުތަކަކީ ހާމަ ކުރަން ނުޖެހޭ މައުލޫމާތު ކަމަށް ވިދާޅުވެފަ" މައުމޫން ހަމީދު ވިދާޅުވި އެވެ. އަދި "ފާރިސް މިހާރު ބަންދު ކޮށްފައި އެވަނީ ގާނޫނާ ހިލާފަށް ކަމަށް. އަދި ކޯޓް އަމުރާވެސް ކަނޑައެޅިގެން ހިލާފަށްކަމަށް. ގާނޫނީ ހަމަތަކުގެ މަތިން ހިންގި ތަހުގީގެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ފާރިސް ވަނީ ވިދާޅުވެފަ"
ޕީޕީއެމްގެ ދިދަ އާއި ލޯގޯ ގަވާއިދާ ހިލާފަށް ބޭނުންކުރި ކަމަށް ބުނެ، ޝަހުސު އޮޅުވާލި ކަމަށް ވިދާޅުވެ ފާރިސްގެ މައްޗަށް ކުރާ ދައުވާގެ ފުރަތަމަ އަޑުއެހުމުގައި އޭނާ ވަނީ އެކަމަށް އިންކާރުކޮށްފަ އެވެ. ނަމަވެސް ދައުލަތުން ވަނީ އެ ދައުވާ ފާރިސަށް ކުށް ސާބިތުވެއްޖެ ނަމަ އަންނާނެ އަދަބާއި އެއްބަސްވެއްޖެ ނަމަ ލިބޭނެ ލުއި އަދަބު ބަޔާންކޮށްދީފަ އެވެ.
ޝަހުސު އޮޅުވާލުމުގެ ދައުވާ ފާރިސްއަށްކޮށްފައިވާ އިރު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލައާ ގުޅިގެން މެންބަރުންނަށް ރިޝްވަތު ދެއްވުމުގައި ފާރިސް އިސްކޮށް އުޅުއްވި ކަމުގެ ތުހުމަތުގައި ފާރިސް ވަނީ ހައްޔަރުކޮށްގެން މާފުށީ ޖަލުގައި ޝަރީއަތް ނިމެންދެން ބަންދު ކޮށްފަ އެވެ. އެ މައްސަލައިގައި އޭނާގެ މައްޗަށް އަދި ދައުވާއެއް ނުކުރެ އެވެ. އަދި އެ މައްސަލަ ދަނީ ތަހުގީގު ކުރަމުން އެވެ.