ހަބަރު

ހަތަރު ގޮނޑިއެއް ހުސްވި މައްސަލަ ބަލަން އިލްތިމާސްކޮށްފި

Jul 23, 2017
1

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާ، ދިއްދޫ ދާއިރާ، ތުލުސްދޫ ދާއިރާ އަދި ވިލިގިލި ދާއިރާގެ ގޮނޑި ހުސްވެއްޖެކަމަށް އިލެކްޝަން ކޮމިޝަނުން ކަނޑައަޅާފައިވަނީ ގާނޫނާ ހިލާފަށް އަދި ސުޕްރީމް ކޯޓުގެ ހުކުމާއި ސުޕްރީމް ކޯޓުގެ އަމުރުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮނޑި ގެއްލޭނެ ގޮތް ސަރީހަކޮށް ބަޔާންކޮށްފައި ވަނިކޮށް ނިންމުންތަކާ ކަނޑައެޅިގެން ހިލާފަށް ކަމަށް ބުނެ އެ މައްސަލަ އަލުން ބަލައި ދިނުމަށް އިދިކޮޅު ފަރާތްތަކުން ސުޕްރީމް ކޯޓަށް އިލްތިމާސްކޮށްފި އެވެ.

ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑޭ) އާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިނާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަތު އަމީތު އަދި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ވަނީ ސުޕްރީމް ކޯޓަށް އެ މައްސަލަ ހުށަހަޅާ، ގޮނޑި ނުގެއްލޭ ކަމަށް އަމުރެއް ނެރެދިނުމަށް އެދިފަ އެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ސިޔާސީ ޕާޓީއެއްގެ ޓިކެޓެއްގައި ރައްޔިތުންގެ މަޖިލީހަށް އިންތިހާބުކުރެވޭ މެންބަރަކު އެ މެންބަރު އިންތިހާބުވި ސިޔާސީ ޕާޓީއިން ވަކިވުމުން، ނުވަތަ އިންތިހާބުވި ސިޔާސީ ޕާޓީއިން ވަކިކުރުމުން، ނުވަތަ އިންތިހާބުވި ސިޔާސީ ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވުމުން ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލޭނެކަމަށް ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމުންނާއިއެ ކޯޓުގެ އަމުރުން އެ ހުކުމުގެ ކުރިން އިންތިހާބުވި ސިޔާސީ ޕާޓީއިން ވަކިވުމާއި، ވަކިކުރުމާއި އަދި އެހެން ޕާޓީއަކަށް ބަދަލުވެފައިވާ އެއްވެސް މެމްބަރަކަށް އެ ހުކުމަށްފަހު ގޮނޑި ނުގެއްލޭނެ ކަމަށެވެ.

އެ ހަތަރު މެންބަރުންގެ ގޮނޑި ގެއްލުނު މައްސަލަ އިންޓާ ޕާލިމެންޓަރީ ގްރޫޕް (އައިޕީޔޫ) އަށްވެސް މިހާރު ވަނީ ހުށަހަޅާފަ އެވެ.

މައްޗަންގޮޅީ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާންއާއި ދަގެނތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދުގެ މެންބަރު ކަމުގެ ގޮނޑި ގެއްލުނު ކަމަށްވެސް އިލެކްޝަން ކޮމިޝަނުން ވަނީ މަޖިލީހުގެ އިދާރާއަށް އަންގާފަ އެވެ.