ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދު ކުރުމުގެ ގޮތުން އުއްތަމަ ފަނޑިޔާރަކަށް ހުންނެވި އަހުމަދު ފާއިޒު ހުސައިނާއި އަހުމަދު މުއުތަސިމް އަދުނާން ފަނޑިޔާރުކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގައި އިއްޔެ ނެގި ވޯޓުގައި ބައިވެރިނުވި އެމްޑީޕީގެ މަޖިލިސް މެމްބަރުންނާ މެދު ހަތް ދުވަހުގެ ތެރޭގައި ފިޔަވަޅު އަޅަން އެ ޕާޓީގެ ގައުމީ މަޖިލީހުން މިރޭ ފާސްކޮށްފި އެވެ.
ފާއިޒާއި މުއުތަސިމް ވަކިކުރަން ނަގާ ވޯޓުގައި އެމްޑީޕީގެ ހުރިހާ މަޖިލިސް މެމްބަރުން ބައިވެރިވެ، އެކަމާ ދެކޮޅަށް ވޯޓު ދޭން އެ ޕާޓީން ތްރީލައިން ވިޕެއް ނެރެފައި ވަނިކޮށް އެއާ ޚިލާފްވެ އެ ޕާޓީގެ ހަތަރު މަޖިލިސް މެމްބަރަކު ވަނީ އިއްޔެގެ ޖަލްސާއަށް ހާޒިރު ނުވެފަ އެވެ.
އިއްޔެގެ ޖަލްސާއަށް ހާޒިރުނުވީ މަޖިލީހުގެ ނައިބު ރައީސް ކަން ވެސް ކުރައްވާ ހުޅު ހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކާއި ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީނާއި މުލަކު ދާއިރާގެ މެމްބަރު އިބްރާހިމް ނަސީރާއި ފެލިދޫ ދާއިރާގެ މެމްބަރު އަހުމަދު މަރުޒޫގުގެ އިތުރުން ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލްބާރީ އަބްދުﷲ އަދި ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމެވެ.
އެ މެމްބަރުންނާ މެދު ފިޔަވަޅު އަޅަން ގައުމީ މަޖިލީހުން މިރޭ ފާސްކޮށްފައިވަނީ އެކަމާ މެދު އެ މަޖިލީހުން ގޮތެއް ނިންމުމަށޗ މިރޭ މާލޭ ސިޓީ ހޯލްގައި ބޭއްވި ޖަލްސާގައި ބައިވެރިވި 36 މެމްބަރުންގެ އިއްތިފާގުންނެވެ.
އެމްޑީޕީއަށް ނިސްބަތްވާ ހަ މެމްބަރަކު އިއްޔެގެ ޖަލްސާއަށް ހާޒިރު ނުވި ނަމަވެސް ޖަލްސާއަށް ހާޒިރުވި އެ ޕާޓީއަށް ނިސްބަތްވާ 17 މެމްބަރުން ވެސް ވަނީ ފާއިޒާއި މުއުތަސިމް ވަކިކުރަން ނުފެންނަ ކަމަށް ވޯޓު ދީފަ އެވެ. ނަމަވެސް ސަރުކާރަށް ތާއީދުކުރާ ޕާޓީތަކުގެ މެމްބަރުންގެ ވޯޓުން އެ ދެ ބޭފުޅުން ވަކިކުރަން މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.
އުއްތަމަ ފަނޑިޔާރަކަށް ހުންނެވި ފާއިޒު ފަނޑިޔާރުކަމުން އިއްޔެ ވަކިކުރުމުން އުއްތަމަ ފަނޑިޔާރަކަށް އައްޔަން ކުރެއްވުމަށް ރައީސް އަބްދުﷲ ޔާމީން މަޖިލީހަށް ފޮނުއްވި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ސައީދަށް ރުހުން ދިނުމާ މެދު ގޮތެއް ނިންމުމަށް ރޭ މަޖިލީހުގައި ނެގި ވޯޓުގައި އެމްޑީޕީން ބައިވެރިއެއް ނުވެއެވެ. އެއީ ގާނޫނު އަސާސީއާ ޚިލާފަށް ނަގާ ވޯޓެއް ކަމަށް ބުނެ އެ ވޯޓުގައި އެމްޑީޕީން ބައިވެރިނުވި ނަމަވެސް އަބްދުﷲ ސައީދު އެ މަގާމަށް އައްޔަން ކުރަން މަޖިލީހުން ރޭ ވަނީ ފާސްކޮށްފަ އެވެ.