ހަބަރު

ބިދޭސީއަކު ހިފަހައްޓާ އަނިޔާކުރި ބަޔަކު ހައްޔަރުކޮށްފި

ވ. ވައްކަރުގައި ބިދޭސީއަކު ހިފަހައްޓާ އަނިޔާކުރި ތިން މީހުން ހައްޔަރުކޮށްފި އެވެ. -- ވައްކަރަކީ ވ. އަތޮޅުގައި ރިސޯޓު ތަރައްގީ ކުރަމުން އަންނަ ރަށެކެވެ.

ފުލުހުން ބުނީ އެ މައްސަލަ ހުށަހަޅާފައިވަނީ އިއްޔެގެ ހަވީރުގެ ވަގުތެއްގައި ކަމަށެވެ. އަދި އެ މައްސަލަ އާއި ގުޅިގެން ހައްޔަރުކޮށްފައިވާ އެންމެނަކީވެސް ބަންގްލަދޭޝް މީހުންނެވެ.

އެ މައްސަލައިގައި އަނިޔާވި ބިދޭސީ މީހާއަށް ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފަ އެވެ. ފުލުހުން ބުނީ އެ މައްސަލަ ތަހުގީގް ކުރަމުން ދާތީ އިތުރު ތަފްސީލް ދެވެން ނެތް ކަމަށެވެ.

މިދިޔަ ޖޫން މަހުގެ ތެރޭގައި ހއ. އިހަވަންދޫ އައިސްޕްލާންޓެއްގެ ތެރޭގައި ދިވެއްސަކަށް އަނިޔާކޮށް މަރާލި މައްސަލައިގައިވެސް ވަނީ ބިދޭސީންތަކެއް ހައްޔަރުކޮށްފަ އެވެ.