ހަބަރު

ބާރުތައް ކުރިމަތީ ރައްޔިތުން ގަދަވާނެ ކަން ދައްކާނަން: ޝިފާޒް

ދައުލަތުގެ ބާރުތަކަށް ވުރެ ރައްޔިތުންގެ ބާރުތައް ގަދަވާނެ ކަމަށާއި އެކަން ދައްކާލުމަށް މާދަމާ މާލެ ތޮއްޖެހޭ ވަރަށް ނިކުމެ ޝުއޫރު ފާޅު ކުރަން ޖެހޭ ކަމަށް އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވެއްޖެ އެވެ.

މ. ކުނޫޒުގައި އިދިކޮޅު ފަރާތްތަކުން މިރޭ ބޭއްވި ބޮޑު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝިފާޒް ވިދާޅުވީ ދައުލަތުގެ ހުރިހާ ބާރުތައް ލިބިފައި ހުރި ކަމަށް ހީފުޅު ކުރައްވައިގެން ރައީސް އަބްދުﷲ ޔާމީން މަސައްކަތް ކުރެއްވުން ހުއްޓާލަން ޖެހޭ ކަމަށާއި އެނބުރި ގާނޫން އަސާސީގެ އިމުގެ ތެރެއަށް އެމަނިކުފާނު ރުޖޫއަވެވަޑައިގަންނަވަން ޖެހޭ ކަމަށެވެ. އަދި ގާނޫނުގައި ލާޒިމް ކުރާ މިންވަރު ބޭނުން ކުރުމުގެ ހައްގު ހުރިހާ ރައްޔިތުންނަށް ލިބޭނެ ކަމަށާއި އެ ގާނޫނުތަކަށް ވުރެ މަތިން އެއްވެސް މުއައްސަސާއެއް ނުވަތަ ވެރިއެއްގެ އަމުރެއް ނުހިނގާނެ ކަމަށް ވެސް ޝިފާޒް ވިދާޅުވި އެވެ.

"ރައްޔިތުންނަށް ވުރެ ބާރު ގަދަ ބައެއް ނޫޅޭނެ. ރައްޔިތުން ރައީސް ޔާމީން މިހާރު މި ކުރަމުން ގެންދާ ކަންތައްތަކުން ސަލާމަތްވާން. އެ މަސައްކަތް ކުރަން ރައްޔިތުން ނިކުތުމުން ބާރު އިސް ކުރައްވަން ރައީސް ޔާމީން ނޫޅުއްވާތި ބާރުގެ ކުރިމަތީގައި ރައްޔިތުން އަބަދުވެސް ރައްޔިތުން ގަދަވާނެ ދައްކާނަން،" ޝިފާޒް ވިދާޅުވި އެވެ.

ޝިފާޒް ވިދާޅުވީ ޝުއޫރު ފާޅު ކުރުމަކީ ޣައިރު ގާނޫނީ ކަމެއް ނޫން ކަމަށާއި މާދަމާ މާލެ ތޮއްޖެހޭ ވަރަށް ހުރިހާ ގެތަކުގެ އުޅޭ ފަރާތްތަކުން މަގުމައްޗައް ނިކުތުމަށް ގޮވާލާ ކަމަށެވެ. އަދި މެންދދުރު މަޖިލީސް މެންބަރުންނާއެކު މަޖިލީހުގެ ގޭ ދޮަށަށް ރައްޔިތުން ވެސް ދިޔުމަށް ގޮވާލާ ކަމަށް ޝިފާޒް ވިދާޅުވި އެވެ.

މާދަމާ ބޮޑު މުޒާހަރާއެއް ބޭއްވުމަށް އިދިކޮޅު ފަރާތްތަކުން ނިންމާފައިވީ ނަމަވެސް ފުލުހުން ވަނީ އެ ޖަލްސާއެއް ބާއްވަން ފުރުސަތެއް ނުދެއްވާނެ ކަމަށް އަނގާފަ އެވެ.