ރާއްޖެއަކީ ކާބަން ބޭނުންކުރާ މިންވަރު މަދު ގައުމަކަށް ހެދުމުގެ މަގުޗާޓެއް އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ބަނޑޮސް އައިލެންޑް ރިސޯޓްގައި މިއަދު ބޭއްވި "ރޯޑްމެޕް ފޯ ލޯ ކާބަން ޑިވެލޮޕްމަންޓް އޮފް އެނަޖީ ސެކްޓަ އިން ދަ މޯލްޑިވްސް" ވޯކްޝޮޕްގައި ބައިވެރިވި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އޭޑީބީ ގެ އޮފިޝަލުންނާއި އާއި ބޭރުގެ ފަންނީ މާހިރުނާއެކު މަސައްކަތް ކުރަމުން ދަނީ ރާއްޖެއަކީ ކާބަން މަދު ގައުމަކަށް ހެދުމުގެ މަގުޗާޓެއް އެކުލަވާލުމަށް ކަމަށާއި ރާއްޖޭގައި ބޭނުން ކުރާ ކާބަންގެ މިން ވަރު 70 ޕަސެންޓަށް މަދުކުރެވޭނެ ނިޒާމެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަމުން ދަނީ 2018 ނިމުމުގެ ކުރިން ރާއްޖޭގެ މީހުން ދިރި އުޅޭ ހުރިހާ ރަށެއްގައި ދުވާލުގަޑީގައި ބޭނުންވާ ކަރަންޓުގެ 30 ޕަސެންޓަކީ އިއާދަކުރަނިވި ހަކަތަ އިން ހުފައްދާ ކަރަންޓަށް ހެދުން ކަމަށާއި އެމަސައްކަތް ވަރަށް ކާމިޔާބު ކަމާއެކު ކުރެވެމުން އެބަދާ ކަމަށެވެ. އަދި ހއ އަދި ހދ ގެ 26 ރަށެއްގައި އިއާދަކުރަނިވި ހަކަތަ ގާއިމު ކުރުމަށް ޗައިނާގެ ކުންފުންޏަކާ ވަނީ ހަވާލު ކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އައްޑޫ ސިޓީގައި ދުވާލު ގަޑީގައި 1.6 މެގަވޯޓުގެ ކަރަންޓު އިއާދަ ކުރަނިވި ހަކަތައިން އެބަ ލިބޭ. ހއ އަދި ހދ ގެ 26 ރަށެއްގައި އިއާދަކުރަނިވި ހަކަތަ ގާއިމު ކުރުމަށް ޗައިނާގެ ކުންފުންޏަކާ ވަނީ ހަވާލު ކުރެވިފައި. އެހެން އަތޮޅުތަކާއި ރަށްތަކުގައި ވެސް އިއާދަ ކުރަނިވި ހަކަތަ ގާއިމުކުރުމަށް މިދަނީ ބޮޑެތި މަސައްކަތްތަކެއް ކުރަމުން." މިނިސްޓަރު ވިދާޅުވި އެވެ. "ރާއްޖެއަކީ ކާބަން މަދު ގައުމަކަށް ހަދަން އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ. އޭރުން ރައްޔިތުންނަށް މާލީގޮތުންނާއި ތިމާވެށީގެ ދާއިރާއިން ފައިދާތަކެއް ކުރާނެ. ގައުމަށް ހެއުގޮތްތައް މެދުވެރިވެގެންދާނެ."