ހަބަރު

ސިފައިން ގެނައީ މަޖިލީހަށް ނުރައްކާ ވުމުން: މަޖިލިސް

މަޖިލީހަށް އިދިކޮޅު ފަރާތްކުން ވަނުމުން ސިފައިގެން އެހީތެރިކަމަށް މަޖިލީހުގެ އިދާރާއިން އެދެފައިވަނީ މަޖިލީހުގެ ގޯތިތެރޭގައި ގަވާއިދާ ހިލާފު އަމަލުތަކެއް ހިންްގަމުން ދިއުމާއި މަޖިލީހުގެ ސަލާމަތަށް ނުރައްކާވާފަދަ ކަމެއް ހިނގާފާނެތީ ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފި އެވެ.

މަޖިލީހުން މިރޭ ނެރުނު ބަޔާނުގައި ބުނެފައިވަނީ ފުލުހުންގެ ސަފުތައް ފަޅާލައި ރައްޔިތުން މަޖިލީހުގެ މެންބަރުންތަކަކާއި މަޖިލީހުގެ މެންބަރުނޫން ބަޔަކު މަޖިލީހުގެ ގޯތި ތެރެއަށާއި މަޖިލީހުގެ ގެއަށް ވަދެ ގަނޫނާ ހިލާފު އަމަލު ހިންގަމުންދާ ކަމުގެ މައުލޫމާތާއި އަދި މަޖިލީހުގެ ސަލާމަތައް ނުރައްކާވެދާ ފަދަ ކަމެއް މެދުވެރި ވެދާނެ ކަމުގެ މައުލޫމާތު ލިބުމާއި ގުޅިގެން އެކަން ހުއްޓުވުމަށް ސަލާމަތީ ހިދުމަތްތަކުގައި ދަންނަވާފައިވާނެ ކަމަށެވެ

އަދި ގާނޫނު އަސާސީއާ އެއްގޮތްވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ ގެއާއި ގޯތިތެރޭގެ ސަލާމަތާބެހޭ އެންމެހާ ކަންތައް މިއަދާ ހަމައަށްވެސް ބަލަހައްޓަވަމުން ގެންދަވާފައިވަނީ އެމްއެންޑީއެފް އިން ކަމަށާއި ކުރިއަށްއޮތް ތަނުގައިވެސް މަޖިލީހުގެ ސަލާމަތީ ކަަންތައްތައް ބަލަހައްޓަވަމުން ގެން ދާނީ އެމްއެންޑީއެފުން ކަމަށް މަޖިލީހުގެ އިދާރާއިން ބުންޏެވެ.

އަދި އިއްޔެ އިން ފެށިގެން މިމަހުގެ 31 ހާ ހަމަޔަށް މަޖިލީހުގެ ޖަލްސާއެއް ނޯންނާނެ ކަމަށް އަންގަވާފައިވާނެ ކަމަށާއި ރައްޔިތުން މަޖިލީހުގެ ރައީސް އަބުދުﷲ މަސީހުގެ އިތުބާރު ނެއް މައްސަލަ ބާތިލް ކުރަމުން އެކަން މަޖިލީހުގެ ނައިބް ރައީސް ރީކޯ މޫސާ މަނިކު އަންގާފައިވާނެ ކަމަށެވެ. ނަމަވެސް ގާނޫނު އަސާސީ އާއި ގާނޫނުތަކާއި މަޖިލީހުގެ ގަވާއިދުތަކާއި ހިލާފަށް މިއަދު މަޖިލީހުގައި ކަންތައްތަކެއް ކުރުމަށް ގޮވާލައި ބަޔަކު މަސައްކަތްތަކެއް ކުރަމުން ގެންގޮސްފައިވާ ކަމަށް މަޖިލީހުގެ އިދާރާއިން ބުންޏެވެ.

މަޖިލީހުގެ އިދާރާއިން މިއަދު މަޖިލީހުގެ އެއްވެސް ޖަލްސާއެއް އަދި ކޮމެޓިއެއް ނޯންނާނެ ކަމަށް ވިދާޅުވެ އަންގާފައި ވަނިކޮށް މަޖިލީހުގެ އިިދިކޮޅު މެންބަރުން ވަނީ ފުލުހުންގެ ސަފުތައް ފަޅާލައި މަޖިލީހުގެ ގޯތިތެރެއަށް ވަދެފައެވެ. ނަމަވެސް ސިފައިން ވަނީ ބާރުގެ ބޭނުން ކޮށްގެން ހުރިހާ މެންބަރުން މަޖިލީހުނެ ނެރެފަ އެވެ.