ހަބަރު

ވައްޑޭ އަނެއްކާވެސް ހައްޔަރު ކޮށްފި

މަޖިލީސް މެންބަރުކަން ގެއްލިފައިވާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ކަނޑައަޅާފައިވާ އެ މަޖިލީހުގެ ތުލުސްްދޫ ދާއިރާގެ މެންބަރު ކަން ކުރެއްވި މުހައްމަދު ވަހީދު އިބްރާހިމް (ވައްޑޭ) މިރޭ ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހައްޔަރުކޮށްފި އެވެ.

ވައްޑޭ ހައްޔަރު ކުރި ސީދާ ސަބަބެއް ފުލުހުން ނުބުނެ އެވެ. މިރޭ އޭނާ ހައްޔަރު ކުރި އިރު މިއަދު ހެނދުނު މަޖިލީހުގެ އިދާރާގެ ތެރެއަށް ވަދެ ވަޑައިގެންނެވުމުގެ ސަބަބުން ވެސް ވައްޑޭ ހައްޔަރު ކުރި އެވެ.

ވައްޑޭ މިރޭ ހައްޔަރުކޮށްފައިވާ މަޖިލީހުގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަން ކޮމިޝަނުން ނިންމުމުން އެ މައްސަލަ އޭނާ ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފަ އެވެ. އަދި މިއަދު ވަނީ އެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިވެސް ގަނެފަ އެވެ. އަދި ތިން ދުވަސް ތެރޭގައި މައްސަލަ ކޯޓުގައި ރަޖިސްޓްރީކުރުމަށް ވެސް ވަނީ އަންގާފަ އެވެ.

ވައްޑެ ކޯޓުގެ އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ސަބަބެއް ސާފުނުވާއިރު، މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން ވެސް މިހާރު ހުންނެވީ ހައްޔަރުގަ އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މަޖިލިސް މެންބަރުންނަށް ރިޝްވަތު ދެއްވަން އުޅުމުގެ ތުހުމަތުގަ އެވެ.