ހަބަރު

މަހޭ އާއި އީވާ "ކެމަފްލާޖް" ހެދުމުގައި މަޖިލީހަށް

Jul 25, 2017
16

ކެމަފްލާޖް ހެދުމުގައި ރައްޔިތުން މަޖިލީހުގެ އިދާރާއަށް ވަނުމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް އާއި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އީވާ އަބްދުﷲ މިއަދު މަޖިލީހުގެ އިދާރާއަށް ވަޑައިގެން މަސައްކަތް ކުރައްވައިފި އެވެ.

އިއްޔެ މެންދުރުގެ ވަގުތެއްގައި އިދިކޮޅު މެންބަރުން ރައްޔިތުން މަޖިލީހަށް ވަަދެވަޑައިގެން ތިއްބާ، ރަޔަޓު ގިޔަރުގައި ތިބި ގިނަ އަދަދެއްގެ ސިފައިންނާއި އެސްއޯ ފުލުހުން މަޖިލީހުގެ އިދާރާއަށް ވަދެ އެ މެންބަރުން ވަނީ ނެރެފަ އެވެ. އަދި އޭގެ ފަހުން އެއްވެސް އިދިކޮޅު މެންބަރަކަށް މަޖިލީސް ތެރެއަށް ވަނުމުގެ ފުރުސަތެއް ސިފައިން ނުދެ އެވެ.

އެހެންކަމުން މަހުލޫފް އާއި އީވާ މިއަދު ވަނީ ސިފައިންގެ ޔުނީފޯމާ ގުޅޭ ގޮތަށް ކެމަފްލާޖް ހެދުމެއް އަޅުއްވައިގެން މަޖިލީހަށް ވަދެވޭތޯ މަސައްކަަތްކޮށްފަ އެވެ. މަހުލޫފް ވިދާޅުވީ މަޖިލީހަށް ނުރައްކާ ވާނެ ކަމަށް ބުނެ މެންބަރުން ވަނުމަށް ހުރަސް އަޅާތީ ސިފައިންނާ ވައްތަރު ހެދުމެއްލައިގެން ވެސް މަޖިލީހަށް ވަނުމުގެ ފުރުސަތު ދޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެން ރައްޔިތުން ތަމްސީލު ކުރާ މެންބަރުން މަޖިލީހަށް ވަނުމަކީ ވެސް ސަލާމަތަށް ނުރައްކާވާ ފަދަ ކަމެއް ކަމަށް ބުނަނީ. އެހެންވެ ސިފައިންނާ ވައްތަރު ވެގެން ވެސް މަޖިލީހަށް ވައްދާތޯ މި އުޅެނީ،" މަހުލޫފް ވިދާޅުވި އެވެ.

މަޖިލީހަށް ވަނުމަށް މަހުލޫފް އާއި އީވާ މަސައްކަތް ކުރި ނަމަވެސް ސިފައިން އެ ފުރުސަތެއް ނުދެ އެވެ. ނަމަވެސް އެ ދެ މެންބަރުން ކުރިމަތީގައި މަޖިލީހުގެ އެހެން މުވައްޒިފުން މަޖިލީހުގެ އިދާރާ ތެރެއަށް ވައްދަ އެވެ.

ޔުނިފޯމް އަޅައިގެން ތިބި ސިފައިން މިހާރު އަންނަނީ މަޖިލީހުގައި ފޯރިމަރަމުންނެވެ. އިދިކޮޅު ފަރާތްތަކުން ސިފަ ކުރާ ގޮތުގައި މަޖިލީސް ވަނީ ސިފައިން "ހިސޯރު"ކޮށްފަ އެވެ. ނަމަވެސް މަޖިލީހުގެ އިދާރާއިން ބުނެފައި ވަނީ ސިފައިންގެ އެހީތެރިކަން ހޯދީ ސަލާމަތައް ނުރައްކާވެދާނެތީ ކަމަށެވެ. އަދި އިއްޔެ ހެނދުނު ވަނީ މަޖިލީހުގެ ގޭޓްތަކުގައި ތަޅު އަޅުވައި މަޖިލިސް ބަންދުކޮށްފަ އެވެ. ފުލުހުން ބުނަނީ މަޖިލިސް ބަންދު ކުރީ ސަރުކާރުން އެދިގެން ކަމަށެވެ. އެހެން ނަމަވެސް ރައީސް އޮފީހުން މިއަދު ބުނެފައި ވަނީ، މަޖިލީހުގެ އިދާރާގައި ސަލާމަތީ ގޮތުން އެޅި ފިޔަވަޅުތަކަކީ ސީދާ ސިފައިން އެޅި ފިޔަވަޅުތަކެއް ކަމަށެވެ.