ލައިފްސްޓައިލް

އޮފީސްތެރޭ ސިޔާސީ ވާހަކަ ނުދައްކާތި!

Jul 26, 2017

އެންމެ މިނެޓެއްވެސް ގަޑި ނުޖެހި އެންމެ ކުރިން އޮފީހަށް ގޮސް ވެރިންނަށް އިހުތިރާމްކޮށް މަސައްކަތްތައް ގަޑިއަށް ނިންމުމަށްވުރެ މުހިންމު އެހެން ކަމެއް ވަޒީފާގެ މާހައުލަކު ނޯންނާނެ އެވެ. އެ ކަންތައްތައް ފުރިހަމަ ވުމުން އެންމެ ރަނގަޅު މުވައްޒަފުގެ އެވޯޑު ލިބެން ޖެހޭނެ ކަމަށް ގިނަ މީހުން ގަބޫލު ކުރެ އެވެ. އެކަމަކު އޭގެ ކުރިން ރަނގަޅު ކުރަން ޖެހޭ އެހެން އިތުރު ކަންތައްތަކެއްވެސް އެބަ ހުއްޓެވެ.

ނިންމަން ޖެހޭ މަސައްކަތްތައް ނިންމާ ގަޑިއަށް އޮފީހަށް އަޔަސް ނިކަން ގިނައިން ޝަކުވާ ކުރަމެއް ނޫން ހެއްޔެވެ؟ ކައިރީގައި އިންނަ އެކުވެރިޔާ މަޖަލަކަށް ނުވަޔަ ސީރިޔަސްކޮށް އެއްޗެއް ބުންޏަސް ގޮސް ޑިޕާޓްމަންޓްގެ ބޮސް ނުވަތަ ހިއުމަން ރިސޯސް މެނޭޖަރު ކައިރީގައި ޝަކުވާ ނުކުރާށެވެ. ވަޒީފާގެ މާހައުލުގައި އަބަދު އަޑުގަދަ މީހާ ރުއް ގިނަވާ އުސޫލުން ކަން ކުރެވޭނެ ކަމަށް ވިސްނުން ރަނގަޅެއް ނޫނެވެ. ގިނަ ޝަކުވާ ކުރާ ވަރަކަށް ގިނަ މައްސަލަތައް ކުރިމަތިވާނެ އެވެ. ޝަކުވާގެ ބަދަލުގައި ވާހަކަ ދައްކައިގެން އެކަން ކަން ހައްލު ކުރަން މަސައްކަތް ކުރާށެވެ.

ކަންކަމުގައި އިސްނަގާނަމަ ނިކަން ފަސޭހައިން ވެރިންގެ ލޮލުގައި އަޅައިގަންނާނެ އެވެ. ވެރިންގެ ރުހުން ލިބި އެއީ ކުރިއަށް ދާން ހުޅުވާލެވޭ ދޮރަކަށް ވެގެންދާނެ އެވެ. އެހެން ނަމަވެސް އަބަދު ކަންކަމުގައި އިސްނަގާނަމަ އެއީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. އެހެން މުވައްޒަފުންނަށްވެސް ފުރުސަތު ދީ އެމީހުންނަށް އިސްނަގައިގެން ކަންތައްތައް ކޮށް ކަންކަމުގައި ބައިވެރިވާން ނަސޭހަތްދީ ދަސްކޮށްދޭން ވާނެ އެވެ. އިސް ނަގައި ކަންކަން ކުރަން ބައެއް މީހުން ނިކަން ފަސްޖެހޭނެ އެވެ.

މިއަދު ލަހުން ހޭލެވުނީ އޭ ކިޔާފައި އާދައިގެ ހެދުމުގައި ނުވަތަ އޮފިޝަލް ޑްރެސް ކޯޑާ ހިލާފަށް އޮފީހަށް އައުން ހުއްޓާލާށެވެ. އޮފީހުގެ ރަސްމީ ވަގުތުތަކުގައި ރަސްމީކޮށް ހެދުން އެޅުމަކީ މުހިންމު ކަމެކެވެ. ކިތަންމެ ފަރުވާތެރިކަމާއެކު މަސައްކަތް ކުރި ނަމަވެސް އެއީ މަސައްކަތަށް ބުރޫ އަރާ ކަމެއް ކަމަށްވެ އެވެ. ވަކި އުސޫލަކަށް ހެދުން އަޅަން ގަވާއިދުގައި ބުނެފައިވަނީ އޭގައި ގިނަ ސަބަބު ތަކެއް ވާތީ އެވެ.

ގައުމުގެ ސިޔާސީ މަޝްރަހު ވަރަށް ހޫނެވެ. ހަލަބޮލި ދުވަސްވަރެކެވެ. އެހެން ނަމަވެސް މާގިނައިން ސިޔާސީ ވާހަކަ ނުދައްކާށެވެ. މަސައްކަތާއި ދުރު ވާހަކަތައް ދެއްކުމުގެ ސަބަބުން އެހެން މުވައްޒަފުންވެސް އެ ވާހަކައިގައި ބައިވެރިވެ މަސައްކަތްތަކުގެ ސްޕީޑް ދަށްވެ އެވެ. އަދި ހިޔާލު ތަފާތު ވުންތައް އުފެދި ހައްލުކުރަން އުނދަގޫ މައްސަލަތައް ކުރިމަތިވެ މަސައްކަތުގެ މާހައުލުގައި އޮންނަން ޖެހޭ އެއްބައިވަންތަކަން ގެއްލެ އެވެ. މިއި މަސައްކަތުގެ މާހައުލާއި އެއްވެސް ވަރަކަށް އެކަށޭނަ ކަމެއް ނޫނެވެ. މާގިނަ ވަގުތު ސޯޝަލް މީޑިއާގައިވެސް ހޭދަނުކުރާށެވެ. އެންމެ ބިޒީވާ ވަގުތުތަކުގައި ފޭސްބުކްގެ ތެރެއަށް ގެއްލި ހުސްވެގެން އިނީމަ ކަމަކު ނުދާނެ އެވެ. ނޭނގުނު ކަމުގައި ވިޔަސް ވެރިން އަބަދުވެސް މުވައްޒަފުން އޮފީސް ތެރޭގައި ވަގުތު ހޭދަކުރާ ގޮތް ބަލާނެ އެވެ. ވަގަކަށް ހާސް ދުވަހެވެ. ވެރިއަކަށް އެއް ދުވަހެވެ.

މާބޮޑަށް ބަލި ނޫނިއްޔާ ސަލާން ނުބުނައްޗެެވެ. ސަލާން ބުނާ ދުވަސްތައް ވީހާވެސް މަދުކުރަން ވާނެ އެެވެ. ކިރިޔާ ބޮލުގައި ރިއްސާލިއަސް ނުވަތަ ހުން އަޔަސް އެއީ އޮފީހަށް ނުދެވޭ ވަރު ނޫން ނަމަ ދާން ވާނެ އެވެ. ބޭސް ކާލައިގެން މަސައްކަތް ފެށުމުން ބަލި ރަނގަޅުވެސް ވެދާނެ އެވެ. ބޭނުންވަނީ ކުޑަ ހިތްވަރެކެވެ.

އެހެން ވީމަ ބެސްޓް ސްޓާފް އެވޯޑު ހޯދުމަކީ ހީކުރާހާ އުނދަގޫ ކަމެއް ނޫނެއް ނޫން ހެއްޔެވެ؟ މިކަންކަން ފުރިހަމަކޮށްލާށެވެ. ގަޑިއަށް އޮފީހަށް އައިސް އުފަލާ ހިންހަމަޖެހުމާއެކު މަސައްކަތް ކޮށްލާފައި ގެއަށް ދާން ވީ އެވެ.