ހަބަރު

ހައްޔަރު ކުރި ނޫސްވެރިންނާ އެމްއެމްސީއިން ބައްދަލުކޮށްފި

އިދިކޮޅު ފަރާތްތަކުން ބޭއްވި ހަރަކާތް ކަވަރަމުން ދަނިކޮށް ރޭ ހައްޔަރު ކުރި ނޫސްވެރިންނާ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ބައްދަލުކޮށްފި އެވެ.

އެމްއެމްސީއިން ބުނީ ރޭ ފުލުހުން ހައްޔަރު ކުރި ނޫސްވެރިންނާ މިއަދު މެންދުރު ބައްދަލުކޮށްފައިވާ ކަމަށާއި އެގޮތުން ރޭ ހިނގައިދިޔަ ކަންކަމާ ބެހޭ ގޮތުން ބައެއް މަައުލޫމާތު އޮޅުން ފިލުވާފައިވާ ކަމަށެވެ.

ނޫސްވެރިން ހައްޔަރު ކުރުމާ ގުޅިގެން ރޭ ވެސް އެމްއެމްސީގެ މެންބަރުން ވަަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވެ ނޫސްވެރިންނާ ބައްދަލު ކުރައްވާފަ އެވެ. އޭގެ އިތުރުން ފުލުހުންގެ ކަމާ ބެހޭ ފަރާތްތަކާ އެކަމާ ބެހޭ ގޮތުން މަޝްވަރާ ވެސް އެމްއެމްސީއިންކޮށްފައިވާ ކަމަށް އެ ކައުންސިލް ބުންޏެވެ.

ރޭ މުޅިއަކު ހަތް ނޫސްވެރިއަކު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި ސަންގު ޓީވީގެ ވީޑިއޯ ޖާނަލިސްޓުން ކަމަށްވާ ޔާމީން އާއި ޝަނޫން އާއި ޖަނާހު އަދި ރިއްފަތުގެ އިތުރުން ރާއްޖެ ޓީވީގެ ނޫސްވެރިޔާ ވިސާމާއި މުރުޝިދު އަދި ކެމެރާމަން މަމްދު ވަނީ ހައްޔަރުކޮށްފަ އެވެ. އެ ޓީވީ ސްޓޭޝަނުން ތުހުމަތު ކުރާ ގޮތުގައި ހައްޔަރު ކުރުމުގެ ތެރޭގައި ފުލުހުން ވަނީ ނޫސްވެރިންނަށް ވަރަށް ބޮޑަށް އަނިޔާކޮށްފަ އެވެ.