ހަބަރު

ސައުދު ހޯދަން ފުލުހުން ފޮޓޯ އާންމުކޮށްފި

ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ވިލިގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން ހޯދަން ފުލުހުން މިރޭ އިއުލާން ކޮށްފި އެވެ.

ސައުދު ހޯދަން ފުލުހުން ފޮޓޯ އާންމުކޮށްފައިވަނީ ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެން ކަމަށެވެ. ސައުދު ވަނީ މިދިޔަ އަންގާރަ ދުވަހު ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރު ކޮށްފަ އެވެ. ނަމަވެސް ކޯޓު އަމުރު ނުބައިކޮށް ނެރުވިގެން ސައުދު ވަނީ ދޫކޮށްލާފަ އެވެ.

މީގެ ކުރިން ސައުދު ހައްޔަރު ކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހު އިދިކޮޅު މެންބަރުން މަޖިލީހަށް ވަތް ވަގުތު އޭނާ ވެސް މަޖިލީހުގެ ތެރެއަށް ވަދެފައިވާތީ އެކަމާ ގުޅިގެން ފުލުހުން ހިންގާ ތަހުގީގަށެވެ. ފުލުހުން ބުނަނީ އެބޭފުޅާ އަކީ މެންބަރެއް ނޫން ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައި ވަނިކޮށް އެބޭފުޅުންނަށް މަޖިލީހަށް ނުވަދެވޭނެ ކަމަށެވެ. އެހެން ނަމަވެސް އެބޭފުޅުންގެ ގޮނޑި ގެއްލުނު ކަމަށް ބުނާ މައްސަލަ ސުޕްރީމް ކޯޓުން އެ މައްސަލަ ވަނީ ބަލައިގެންފަ އެވެ.

މީގެ އިތުރުން މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު، މިރޭ ފުލުހުން ހައްޔަރުކޮށްފައިވެއެވެ. އަދި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު، ވައްޑޭ ފުލުހުން ހައްޔަރުކޮށް އޭނާގެ ބަންދަށް ވަނީ 15 ދުވަސް ޖަހައިފަ އެވެ. އެ ދެމީހުން ހައްޔަރު ކޮށްފައިވަނީ މަޖިލީހުގެ މެންބަރުކަމުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް އިން ނިންމާފައި ވާތީ އާންމު މީހެއްގެ ގޮތުގައި ހުރެ މަޖިލީހުގެ ތެރެއަށް ވަދެފައިވާތީ އެވެ.

މީގެ އިތުރަށް އެ ދުވަހު ފުލުހުންގެ ސަފުތައް ފަޅާލި ކަމުގެ ތުހުމަތުގައި، އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު އާއި އެމްޕީ ފަލާހު އަދި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒު ވެސް މިއަދު ވަނީ ފުލުހަށް ހާޒިރުކޮށްފަ އެވެ.