ދުނިޔެ

ތުރުކީ ބަޣާވާތުގެ ބޮޑު ޝަރީއަތް ފަށައިފި

އަންކާރާ( އަނާޑޮލޫ) ތުރުކީގައި މިދިޔަ 2016 ވަނަ އަހަރުގެ ޖުލައިމަހު ކުރި ނާކާމިޔާބު ބަޣާވާތުގައި ބައިވެރިވި ގާތްގަނޑަކަށް 500 މީހެއްގެ ޝަރީއަތް އެގައުމުގައި މިއަދު ފަށައިފިއެވެ.

ތުރުކީގެ ވެރިރަށް އަންކަރާގެ ރަށްބޭރުގައި ގާއިމްކޮށްފައިވާ ހާއްސަ ކޯޓެއްގައި މިއަދު ފެށީ ޖުމްލަ 486 މީހެއްގެ ޝަރީއަތެވެ. އެއީ މިހާރު ހައްޔަރުކޮށްފަައި ތިބި 461 މީހަކާއި ޝަރުއީ ނިޒާމުގެ ބެލުމުގެ ދަށުން ދޫކޮށްލާފައިވާ 18 މީހަކާއި ފިލައިގެން އުޅޭ ހަތް މީހެކެވެ. އެމީހުންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި މީހުން މެރުމުގެ ކުށުގެ ދައުވާއާއި ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އަވަހާރަކޮށްލަން އުޅުމުގެ ކުށުގެ ދައުވާއާއި ގާނޫނުއަސާސީއާ ހިލާފުވުމުގެ ކުށުގެ ދައުވާ ހިމެނެއެވެ.

މިއަދު ފެށި ޝަރީއަތުގެ ނާރެހަކީ އަންކާރާގެ އިރު އުތުރުގައިވާ އަކިންޗީ ނަމަކަށް ކިޔާ ވައިގެ މަރުކަަޒެކެވެ. ތުރުކީގައި ބަޣާވާތް ކުރި ރޭ އެކަމުގައި އިސްކޮށް އުޅުނު މީހުން ކޮމާންޑް ސެންޓަރެއްގެ ގޮތުގައި ބޭނުންކުރީ އެތަނެވެ. އަދި ޕާލަމެންޓަށް ބޮން އަޅަން ފޮނުވި އެފް 16 މަރުކާގެ މަތިންދާބޯޓްތައް އުދުއްސައިލުމުގެ އަމުރު ކުރީވެސް އެތަނުންނެވެ. އެރޭ މަތިންދާބޯޓްތަކުން ތުރުކީ ޕާލަމެންޓަށް ތިން ފަހަރުު ބޮން އެޅިއެވެ.

ތުރުކީގައި ކުރި ބަޣާވާތް ނާކާމިޔާބުވި ނަމަވެސް އެކަމުގެ ތެރޭގައި ހިނގި ހަމަނުޖެހުންތަކުގައި 250 މީހުން މަރުވިއެވެ.

މިއަދު ފެށި ޝަރީއަތުގައި ބަޣާވާތުގެ އެންމެ އިސްމީހެއްގެ ގޮތުގައި އުޅުނު ކަމުގެ ދައުވާ އުފުލާފައި ވަނީ 1999 ވަނަ އަހަރުން ފެށިގެން އެމެރިކާގައި ދިރިއުޅުއްވާ އިލްމުވެރިއެއްކަމަށްވާ ފަތުހުﷲ ގުލެންއެވެ. އޭނާ އަނބުރާ ތުރުކީއަށް ފޮނުވައިދޭން އެގައުމުން އެތައް ފަހަރަކު އެދުނު ނަމަވެސް އެމެރިކާއިން އެކަމަށް އެއްބަހެއް ނުވެއެވެ.