ރިޕޯޓް

ބޯހިޔާވަހިކަމުގެ ވައުދު، މިއީ ނަނާ ހުވަފެނެއް

Aug 2, 2017
27
  • ބޯހިޔަވާވަހިކަން ވަނީ ސިޔާސީ ހަތިޔާރަކަށް
  • ފްލެޓް މަޝްރޫއުތައް ފިނިހަކަ ދުވެލީގައި
  • މި ސަރުކާރުން ބުނަނީ މަސައްކަތް ބާރަށްދާ ކަމަށް

ބޮޑު މިނުގައި 5.8 ކިލޯމީޓަރު ހުންނަ މި ކުޑަކުޑަ މާލެއަށް މުޅި އާބާދީގެ 40 ޕަސެންޓް މީހުން ޖަމާވެ، ފިތި ބާރުވެ ތޮއްޖެހިފައި ވަނީ ފަސޭހަވެގެނެއް ނޫނެވެ. ތަނާއި ނުބައްދަލު އިންތިހާއަށް ބޮޑެތި ކުލިތައް ދައްކައިގެން، ކުދި ކުދި ގޮޅި ގޮޅީގައި ތިރީހަކަށް މީހުން އެކަކު ގައިމަތި އަނެކަކު ނިދައިގެން ކަހަލަ ގޮތަކަށް އުޅެމުން ދަނީ މިއީ އަރާމު ދިރިއުޅުމަކަށް ވެގެނެއް ވެސް ނޫނެވެ. ކުރު ގޮތަކަށް ބުނާ ނަމަ، އެހެން ގޮތެއް ނެތި، މަޖުބޫރުވެގެންނެވެ. ކިރިޔާވެސް އެކަށީގެންވާ ވަރުގެ ސިއްހީ ފަރުވާ އާއި ތައުލީމާއި އެހެން ވެސް ކަންކަން ލިބެން މި އޮތީ މާލޭގައި ކަމަށްވުމުން މިތަނުގައި އުޅެން މި އޮތީ މަޖުބޫރުވެފަ އެވެ. ހަގީގަތަކީ މިރަށުގައި އުޅެން ވެސް ޖެހެ އެވެ. އެކަމަކު އުޅެވޭކަށް ވެސް ނެތެވެ. އެއަށްވުރެ ބޮޑު ހަގީގަތަކީ ރާއްޖެއަށް ދިމާވެފައިވާ ހުރިހާ އިޖުތިމާއި މައްސަލަތަކެއްގެ އަސްލަކީ ވެސް މިއީ ކަމެވެ.

ޖުމްލަކޮށް އާންމު މީހެއްގެ މަހު މުސާރައަކީ ހައެއްކަ ނުވަތަ ދިހަ ވަރަކަށް ހާސް ރުފިޔާ ކަމަށްވާ އިރު، މަސް ނިމޭ އިރު ކުލި ދައްކާފައި އަނބިދަރިންނަށް އިތުރު ކަމެއް ކޮށްދޭ ވަރަށްވުރެ މީހާ ހަމަ ހަގީގަތުގައި ވެސް ހުންނަނީ އަތްމަތި އެކީ ހުސްވެ ދަރާފަ އެވެ. ނިކަމެތި ކަމާއި ވޭނުގައި ގަނަތެޅި ތެޅި އެތައް ބަޔަކު މަރުވެގެން ވެސް ގޮސްފި އެވެ. އަރާމުގައި ބޯހިޔާވަހިކޮށްލެވޭނެ ތަންކޮޅެއް ލިބޭނެ ކަމަށް ބުނެ، ކޮންމެ ސަރުކާރަކުން ވެސް ދެއްކި ނަނާ ހުވަފެންތައް ހަގީގަތަކަށް ވާނެ ކަމުގައި އިންތިޒާރުގައި ރައްޔިތުން ތިބޭތާ ލައްކަ ދުވަސް ވެއްޖެ އެވެ. އެކަމުގައި އެއީ ދުވަހަކު ވެސް ވާން ނެތް ކަމެއް ފަދަ އެވެ.

އެންމެ ބޮޑު ސުވާލަކީ ރައްޔިތުންގެ އެންމެ ބޮޑު އާދޭހާއި ވޭނާއި ތަކުލީފަށް ސަރުކާރުތަކަށް މިހާތަނަށް ވެސް ކަމެއް ކޮށް ނުދެވުނީ ކީއްވެ ހެއްޔެވެ؟ އެކަމަށް އޮތީ ކޮން ހުރަހެއް ހެއްޔެވެ؟ ނޫނީ މިހާލުގައި މި ގަނަތެޅުމުގެ ރައްޔިތުން ބައިތިއްބަން ސަރުކާރުތަކުން ބޭނުން ވަނީ ހެއްޔެވެ؟

މިއީ ސިޔާސީ ހަތިޔާރެއް

ރައްޔިތުންގެ މި ނިކަމެތި ކަމުގެ ފައިދާ ސަރުކާރުތަކުން ނަގަނީ ވަރަށް ނާޖާއިޒު ގޮތަކަށެވެ. ރައްޔިތުންގެ މި ހާލާއި ނިކަމެތި ކަމަކީ ހަމައެކަނި ވޯޓު ހޯދަން ބޭނުން ކުރާ ބަރު ހަތިޔާރެއްގެ ގޮތުގައި ސިޔާސީ ފަރާތްތަކުން ވަނީ ބަދަލުކޮށްލައިފަ އެވެ. ނޫނީ އެއީ ސިޔާސީ ޕޯޑިއަމްތަކުގައި އެވާހަކަތައް ދައްކައިގެން ރައްޔިތުންގެ ހަމްދަރުދީ އާއި ކުލުނާއި ލޯބި ދަމައިގަތުމުގެ އުކުޅަކަށް މި ވަނީ ބަދަލުވެފަ އެވެ. ބޯހިޔާވަހިކަމުގެ ވާހަކަ އަކީ ކޮންމެ ޕާޓީ އަކުން ވެސް ހަމައެކަނި މެނިފެސްޓީތަކުގައި ލިޔެފައި ހުރި ވާހަކަތަކެކެވެ. އެކަން މި ވަނީ ސީރިއަސް ކަމެއް ނެތް ހަމައެކަނި ދަޅަ ދައްކާލުމެއްގެ ގޮތުން ދައްކާ ވާހަކަތަކަކަށެވެ.

ކޮންމެ ސަރުކާރަކުން ވެސް ރައްޔިތުން ރޯމާ އަވީގައި ބައިތިއްބައިގެން ފްލެޓަށް އެދި ފޯމުލަ އެވެ. އެހެން ނަމަވެސް އެ ފޯމުތަކަށް ވާއެއް ނުވާއެއް ނޭނގެ އެވެ. ރައްޔިތުން ދިގު ކިޔޫތަކުގައި ޖައްސައިގެން ކުރީގެ ރައީސް މުހައްމަދު ނަޝީުގެ ސަރުކާރުގައި ވެށި ފަހި މާލެ ބޯހިޔާވަހިކަމުގެ މަޝްރޫއަށް އެތައް ހާސް ބަޔަކު ފޯމުލި އެވެ. އެތައް ބަޔަކަށް ފްލެޓް ލިބުނު ކަމުގެ ލިޔުން ވެސް ހަވާލު ކުރި އެވެ. އެހެން ނަމަވެސް، އޭގެ ތެރެއިން ގިނަ ބަޔަކު އަދިވެސް ތިބީ އެ ފްލެޓަަކަށް ވަދެވޭނެ ދުވަހެއް ވެސް ނޭނގި އިންތިޒާރުގަ އެވެ. ރައްޔިތުންނަށް ބޯހިޔާވަހިކަން ދޭނެ ކަމަށް ބުނެ ރައީސް އަބްދުﷲ ޔާމީންގެ މި ސަރުކާރުން ބިންގާ އެޅިފްލެޓްތަކުގެ މަސައްކަތްތައް ދަނީ ފިނިހަކަ ދުވެލީގަ އެވެ. އަނެއް ބައި މަޝްރޫއުތައް ބިންގާ ދަމާލައި ފައުންޑޭޝަން އަޅާލި ގޮތަށް އެހެރީ ނިމޭނޭ ދުވަހެއް ވެސް ނޭނގި އެވެ. އެކަމަކު އޭގެ ފަހުން ފެށި ލަގްޒަރީ މާކެޓަށް ހާއްސަ ފްލެޓްތަކުގެ މަސައްކަތް ބާރު ދެވެލީގައި ގޮސް ނިމި، އެތަންތަން ގަތް މުއްސަދިން އެތަންތަނުގައި ދިރިއުޅެން ވެސް ފަށައިފި އެވެ.

ގެދޮރުގެ ނިކަމެތިކަން ފިލުވާލުމަށް، މި ސަރުކާރުން ވެސް ބޯހިޔާވަހިކަމަށް ވެފައި ހުރި ވައުދުތަކުގެ ލިސްޓް ވަރަށް ވެސް ދިގެވެ. ރައީސް އަބްދުﷲ ޔާމީން ވައުދުވެ ވަޑައިގެންފައި ވަނީ ކޮންމެ ދިވެއްސަކަަށް ވެސް ބޯހިޔާވަހިކަމެއް ހޯއްދަވައި ދެއްވުމަށެވެ. މި އޮތީ އެމަނިކުފާނުގެ ވައުދުތަކެވެ.

  • ދަފުތަތުގައި ތިބި އާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުން
  • މާލެ ނޫން އެހެން ރަށްރަށުގައި ވެސް ބޯހިޔާވަހިކަން ހޯދައިދިނުން
  • ބަޖެޓުން ހަރަދު ކުރާ ހައުސިން ފަންޑެއް ގާއިމް ކުރުން
  • ލުއި ލޯނުގެ ނިޒާމް ހަރުދަނާކުރުން
  • ކުޑަ އިންޓަރެސްޓެއްގައި ހައުސިން ލޯން ލިބޭނެ ގޮތް ހެދުން
  • ހައުސިން ސަބްސިޑީޒް ނިޒާމް ގާއިމް ކުރުން
  • ހޯމް ސްޓާޓާ ލޯން ސްކީމް ތައާރަފް ކުރުން

މި ސަރުކާރުގެ ފަހު އަހަރު ފަށަން ދާއިރު މި ވައުދުތަކުގެ ތެރެއިން ބައެއްކަންކަން ފުއްދައިފި ވެސްމެ އެވެ. އެކަމަކު ރައްޔިތުން މި ހާލުން ސަލާމަތް ކުރަން މި ސަރުކާރަށް ކުރަން ޖެހޭ އަމަލީ މަސައްކަތްތަކުގެ ބަދަލުގައި މުޅިން ވެސް ކުރެވިފައި އަދި މި ހުރީ ކަރުދާހުގެ މަސައްކަތެވެ. ރައްޔިތުން ދިގު ކިޔޫގައި ބައިތިއްބައިގެން 1،100 ފްލެޓަށް ވެސް 15،000 އަށް ވުރެ ގިނަ ފޯމު ރައްޔިތިން މި ވަނީ ލައިފި އެވެ. އެކަމަކު މިއީ އަދި ކަމެއް ކޮށްދެވުނީއެއް ނޫނެވެ. މީގެ ކުރިން ވެސް އެތައް ސަރުކާރަކުން މިކަހަލަ ކިތަންމެ ދަޅައެއް ދެއްކި އެވެ. މިއީ އަދި ރައްޔިތުންނަށް ލިބޭ އުންމީދެއް ނޫނެވެ.

މި ސަރުކާރުން މިކަން ކޮށްދޭނެތަ؟

ބޯހިޔާވަހިކަން ސިޔާސަތުގެ ދަށުން މި ސަރުކާރުގެ އެންމެ ބޮޑު އެއް މަޝްރޫއަކީ ޔޫތް ސިޓީގެ ގޮތުގައި ސަރުކާރުން ޕްރޮމޯޓް ކުރާ ހުޅުމާލެ އެވެ. ސަރުކާރުން އެ މަޝްރޫއު ފެށުމަށް އެ ރަށަށް އިތުރު 250 ހެކްޓަރުގެ ބިން ވަނީ މިހާރު ހިއްކައި ނިންމައިފަ އެވެ. ސަރުކާރުން ބުނެފައި ވަނީ، ހުޅުމާލޭގެ ޔޫތް ސިޓީގައި 20،000 ފްލެޓް އަޅާނެ ކަމަށެވެ. އެއީ ސޯޝަލް ހައުސިން އަށް ހާއްސަކޮށް 7،100 ޔުނިޓާއި މެދު ފަންތީގެ ބޯހިޔާވަހިކަމަށް 3،000 ފްލެޓް އަދި އެޗްޑީސީ އިން އަޅަން ނިންމާފައިވާ 9،900 ފްލެޓެވެ. ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައި ވަނީ ހުޅުމާލޭގެ ޔޫތް ސިޓީ އަށް އާބާދީގެ 30 ޕަސެންޓް ގެނެވޭނެ ކަމަށެވެ. އަދި ހުޅުމާލެއަށް ހިޖުރަ ކުރާ ރަށްރަށުގެ މީހުންނަށް ހުޅުމާލެއިން ފްލެޓް ދޭނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ. މީގެ އިތުރަށް ވެސް ހުޅުމާލޭގެ ފުރަތަމަ ފޭސްގައި 1،100 ފްލެޓް އެޅުމުގެ މަޝްރޫއުތައް ވެސް ދަނީ ކުރިއަށް ކަމަށް ސަރުކާރުން ބުނެ އެވެ.

ދެން އޮތް މައިގަނޑު ސުވާލަކީ މި މަޝްރޫއުތަކުގެ އަސަރު ރައްޔިތުންނަށް ކުރާނީ ކިހާ ދުވަހަކުން ހެއްޔެވެ؟ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވަނީ، މި ސަރުކާރުން ހުޅުމާލޭގައި ކުރިއަށް ގެންދާ ހައުސިން މަޝްރޫއުތަކުގެ ސަބަބުން މާލޭގައި ދިރިއުޅެމުން އަންނަ އަތޮޅުތަކުގެ މީހުންނަށް ފްލެޓް ލިބި އެ މީހުންނަށް ލުޔެއް ލިބޭނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވަނީ ފްލެޓްތައް އެޅުމުގެ މަސައްކަތް ވަރަށް ބާރު ސްޕީޓްގައި ކުރިއަށް ދާ ކަމަށެވެ. އަދި ބޯހިޔާވަހި ކަމުގެ ވައުދަކީ ސަރުކާރުން އެންމެ އިސްކަން ދޭ މަސައްކަތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެމަނިކުފާނު ލަފާ ކުރައްވާ ގޮތުގައި އަންނަ އަހަރުގެ ތެރޭގައި މި ސަރުކާރުން ވަރަށް ގިނަ ފަރާތްތަކަށް ބީހިޔާވަހިކަން ފޯރުކޮށްދޭނެ އެވެ.

"ސަރުކާރުން ފެށި ހައުސިން މަޝްރޫއެއް ވެއްޖިއްޔާ ބާރު ދުވެލީގައި ކުރިއަށް އެބަދޭ. އަޅުގަނޑުމެންގެ ޓާގެޓަށް ނިންމާލެވޭނެ ކަމަށް އަޅުގަނޑުމެން މި ބަލަނީ. އަޅުގަނޑުމެން މި ބަލަނީ ވާހަކަތަކެއް ދެއްކުމަށް ވުރެ މަސައްކަތްތަކެއް ވެސް ކޮށްފައި ދައްކަން. ހައުސިން ވައުދުގެ ތެރެއިން އަމަލީ މަސައްކަތްތައް އެހެރީ ފެށިފައި. ދެން ފެންނާނީ އެކަންކަން ތަންފީޒު ވެގެން އައިސް ރައްޔިތުންނަށް އޭގެ މަންފާ ކުރާތަން،" މިނިސްޓަރު ވިދާޅުވި އެވެ.

ރައްޔިތުންގެ އޮތް އެންމެ ބޮޑު ޝަކުވާ އަކީ ހައްގުވެރިންނަށް ފްލެޓް ނުލިބުމެވެ. ހައުސިން މިނިސްޓްރީ އިން ނިންމާފައި އޮތީ ފްލެޓަށް އެދި ފޯމުލީ ހުރިހާ ގޭގެއަށް ޒިޔާރަތް ކޮށް އެ މީހުންގެ ދިރިއުޅުމުގެ ސާވޭއެއް ކުރުމަށެވެ. އަދި އެއަށް ފަހު، ފްލެޓަށް ދައްކަން ޖެހޭ ފައިސާ ދެއްކުމަށް ހާއްސަ ސްކީމެއް ސަރުކާރުން ތައާރަފް ކުރަން ނިންމާފައިވެ އެވެ. ސަރުކާރުން ބުނަނީ އެ ސާވޭގެ ސަބަބުން ފްލެޓްތައް އޭގެ އެންމެ ހައްގުވެރިންނަށް ލިބޭނެ ކަމަށެވެ. އަދި ފްލެޓް ދިނުމުގައި މާކްސް ދޭ ކްރެއިޓީރިއާތަށް އަންނާނީ ވެސް އެ ސާވޭ އިން ފާހަގަ ކުރެވޭ ކަންކަމުގެ މައްޗަށް ކަމަށް ވެސް ވަނީ ކަނޑައަޅައިފަ އެވެ.

އެހެން ނަމަވެސް، އެންމެ ފަހުން މާލޭގެ ގާކޮއްޓާއި ކުރީގެ އަރަބިއްޔާ ހުރި ބިމުގައި ހަދާފައި އެހެރަ ޓާޓާ ފްލެޓްތައް ވެސް އަގުބޮޑުވެ، ގިނަ ބަޔަކަށް އެ އުޅެނީ އެތަންތަން މިލްކް ކުރަން ލޯނު ވެސް ނުހޯދިގެން އެވެ. މައްސަލައަކަށް ވަނީ ލޯނަށް ދައްކަން ޖެހޭ އެކުޒިޝަން ކޮސްޓް އިންތިހާއަށް ބޮޑުވުމެވެ. ނަތީޖާއަކަށް ވަނީ ފްލެޓްތަކުގެ މަހު ކުލި އިންތިހާއަށް ބޮޑުވުމެވެ. ލޯނެއްގެ އެކުޒިޝަން ކޮސްޓްގެ ގޮތުގައި ގާތްގަނޑަކަށް އެންމެ އަގުހެޔޮ ފްލެޓަށް ވެސް 300،000-500،000 ރުފިޔާއާ ދެމެދުގެ އަދަދެއް ދައްކަން ޖެހެ އެވެ. ހައުސިން ލޯނުތައް އަތް ނުފޯރާ ފަށުގައި ހުރުމުގެ ގޮންޖެހުމަކީ މި ސަރުކާރަށް ވެސް ހައްލު ނުހޯދާދެވި އޮތް ކަމެކެވެ. ހީވާ ގޮތުން މި ސަރުކާރުން ބޮޑަށް ފޯކަސް ކޮށްފައި އޮތީ މުއްސަދިންނަށް ހާއްސަ ލަގްޒަރީ ފްލެޓްތަކުގެ މާކެޓަށެވެ. ހުޅުމާލޭގައި އެގޮތަށް ބުރިބުރިއަށް ނަގާލެވޭ އިމާރާތްތައް އެތައް ސަތޭކައަކުން ގުނާލެވެ އެވެ. އެހެން ނަމަވެސް ސޯޝަލް ހައުސިންގެ ބޮޑު މަޝްރޫއެއް ހުޅުމާލޭގައި އަދި ސަރުކާރުން ފަށާފައެއް ނުވެ އެވެ.

ދެން ވެސް އަދި މި އޮތީ ބޮޑު މައްސަލައެކެވެ. ހުޅުލެ-މާލެއާ ދެމެދު ދަމާލެވޭ ބްރިޖާ އެކު ބޯހިޔާވަހިކަމުގެ މައްސަލައަށް ބޮޑު ބިރެއް ވެސް މި އަންނަނީ ކުރިމަތިވަމުންނެވެ.

ކުލި ކޮންޓްރޯލް ކުރާކަށް ނުވޭތަ؟

އަބަދުވެސް މި ދެއްކެނީ ރައްޔިތުންނަށް ފްލެޓްތައް ބަހާލައި ވާހަކަ އެވެ. ހުޅުމާލެ އާއި މާލެއާ ދެމެދު ބްރިޖް އަޅައި ދެ ސިޓީ ގުޅާލުމުން ބޯހިޔާވަހިކަން ވެސް ފަސޭހަ ވާނެ ކަމަށް ސަރުކާރުން އެބަ ވިސްނަދެ އެވެ. ފޮތުގައި އޮންނަ ދެލިގަނޑަށް ބަލާ ނަމަ މިއީ ހަމަ ވަރަށް ރަނގަޅު ވާހަކަ އެކެވެ. އެކަމަކު އަސްލު މައްސަލައަށް އެ ތިއަރީ އެޕްލައި ކުރުމުން ނިކުންނަން ހުރި ގޯސްތައް ވަރަށް ގިނަ އެވެ. ހުޅުލެ-މާލެ ބްރިޖާ އެކު މާލެއަށް މީހުން ހިޖުރަ ކުރާ އަދަދު މިހާރު ހުރި ގުނައަށް ވުރެ އެތައް ގުނައެއް އިތުރު ކުރާނެ އެވެ. ނަތީޖާއަކަށް ވާނީ ހައުސިން ޑިމާންޑް ހުޅުމާލެއާ މާލޭގައި ބޮޑުވުމެވެ. މާލޭގައި އެޕާޓްމަންޓްތައް ބުރި ބުރިއަށް ހަދައި ކުއްޔަށް ދޭ ތަންތަނުގެ ވެރިންގެ ބަހަނާ އަކީ، ފްލެޓްތައް އިމާރާތް ކުރުމަށް ހިނގާ އަގު ބޮޑުވުމާއި ޑިމާންޑް ބޮޑުވެ އެކަށީގެންވާ އަދަދަށް މާކެޓަށް ފްލެޓްތައް ނުނެރެވުމެވެ.

ސަރުކާރުން ހުޅުމާލެ ދެވަނަ ފޭސްގައި ފްލެޓް ބޮޑުވަރެއް އެޅިޔަސް މި އޮތް ޑިމާންޑަށް ކޭޓާ ކޮށްލެވޭނެއެކޭ ހިތެއް ނުބުނެވެ. އެއީ މާލޭގައި އެކަނިވެސް މިހާރު 200،000 އާ ގާތް ކުރާ އާބާދީއެއް އޮތް އިރު އޭގެ ތެރެއިން ގިނަ ބަޔަކީ ހިޖުރަ ކޮށްގެން ބޮޑު ކުލީގައި އުޅޭ މީހުންނެވެ. ސަރުކާރުން އެނބުނާ 20،000 ފްލެޓް އެޅުން ވާނީ ކަނޑަށް ތިނޯހެއް ކޮއްޕާލުން ކަހަލަ ކަމަކަށް ނޫން ހެއްޔެވެ؟ އެހެން ވީމާ ހައުސިންގެ އަގުތަކަށް އަންނާނެ ބަދަލު ހަމަ ވަރަށް ކުޑަ އެވެ.

ހައުސިން ދާއިރާގެ ބޭފުޅަކު ވިދާޅުވާ ގޮތުގައި، ފްލެޓްތަކެއް އަޅައި ބްރިޖް ދަމާލެވޭ އިރު ހައުސިންގެ ކަންކަން ހަމަޔަކަށް އަޅުވަން މިހާރަށް ވުރެ ވަރުގަދަ ސިޔާސަތުތަކެއް ސަރުކާރުން ނެރެން ޖެހެ އެވެ. އެހެން ނޫނީ މާލޭގެ ތޮއްޖެހުމަށް އަދި ހައުސިންއަށް ހުރި މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އޭނާ ދެކެވަޑައެއް ނުގަންނަވަ އެވެ. ބޯހިޔާވަހިކަމުގެ މައްސަލަ އަކީ ހައްދު ނެއްޓިފައި އޮތް މައްސަލައަކަށް ވާ އިރު އެކަންކަން ހައްލު ކުރަން ސަރުކާރުން ނެރެން ޖެހޭ ސިޔާސަތުތައް ގިނަވާނެ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ވެސް މީގެ ކުރިން ވިދާޅުވަނީ ފްލެޓް ފަދަ ތަންތަނުގެ އަގުތައް ކުޑަ ކުރުމަށް އެންމެ ފުރަތަމަ ފިޔަވަޅު އަޅުއްވާނެ ރައީސް އަކީ ރައީސް ޔާމީން ކަމަށެވެ. އެކަމަކު އެކަމުގައި އަދި ސީރިއަސް ކަމެއް ނުފެނެ އެވެ. ހައުސިން ލޯންތަކުގެ އިންޓަރެސްޓް ރޭޓް ކުޑަ ކުރިއަސް، ހަމައިން ނެއްޓިފައި އޮތް ހައުސިން ބާޒާރުގައި ތިބި މީހުން ބާޒާރުގެ އަގާ އެއްވަރަށް ކުލިތައް ތިރިކޮށްފާނެތޯ އެއީ ކުރިމަތީގައި އޮތް ސުވާލެކެވެ. އެ މާކެޓްގައި ތިބި މީހުން ބަލަނީ މީހުން ފެލައިލެވޭތޯ އެވެ. ގާނޫނަކުން ތަންތަން މޮނީޓާ ކޮށް ކުލި ކަނޑައެޅުމުގެ ބާރު ހިފެހެއްޓިގެން ނޫން ގޮތަކަށް ހައުސިންގެ އަގުތައް ތިރި ކުރެވޭނެ ކަމަށް ބުނުމުގެ ޖާގަ މި އޮތީ ހަމަ ވަރަށް ބޮޑަށް ހަނިވެފަ އެވެ.

ގެދޮރުވެރިކަމެއް ހޯދުމަށް ސަލާން ޖަހަ ޖަހާ ރައްޔިތުންގެ ކެތްތެރިކަން މި ވަނީ ކޮޅުންލައިފަ އެވެ. ސަރުކާރަކުން ދެން މިކަމުގައި ދައްކާނެ ބަހަނާއެއް އޮތް ހެނެއް ހިއެއް ނުވެ އެވެ. ސަރުކާރުތަކުން މިހާތަނަށް ވެސް ބޭނުމެއް ކަމެއް ހުރީ ކޮށްފަ އެވެ. ބޭނުން ކަމެއް ކުރަން ވީމާ ފައިސާ ވެސް ހުރެ އެވެ. އެންމެ ރެއަކާ ދުވާލުން ބޮޑެތި ގާނޫނުތައް ފާސްކޮށްލައި ގާނޫނު އަސާސީ ވެސް ބޭނުން ގޮތަކަށް އަނބުރާލަ އެވެ. އެހެން ވީމާ ރައްޔިތުންގެ މި އާދޭހަށް ނިމުން ގެނެވިދާނެ އެވެ. ބަހަނާ ނުދައްކާށެވެ. އިހުލާސްތެރިކަމެއް އޮވެއް ޖިއްޔާ ކޮންމެ ރައްޔިތަކަށް ފްލެޓެއް ދީ، ގެދޮރު ނިކަމެތިކަން ފިލުވާލަދެވިދާނެ އެވެ.