ހަބަރު

މަޖިލީސް ހިސޯރު ކުރުން އޮޅުވާލީ ޑިފެންސް މިނިސްޓަރު: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ އިދާރާ ހިސޯރު ކުރުމާބެހޭ ގޮތުން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އެމްއެންޑީއެފްގެ އޮފިސަރުންނާ ބައްދަލުކޮށް އޮޅިވާލި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ތުހުމަތު ކުރައްވައިފި އެވެ.

ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަޖިލީހުގެ އިދާރާ ހިސޯރު ކުރުމާބެހޭ ގޮތުން އެމްއެންޑީއެފްގެ ރޭންކްސްއާ އާދަމް ޝަރީފް ބައްދަލު ކުރައްވައި އޮޅުވާލަން މަސައްކަތް ކުރެއްވި ކަމަށެވެ. އަދި ކަމާބެހޭ އިދާރާތަކުން އެ މައްސަލަ ބަލާ ތަހުގީގު ކުރުމަށް ރައީސް ނަޝީދު ގޮވާލެއްވި އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާ އިރު މިދިޔަ މަހު 24 ވަނަ ދުވަހުން ފެށިގެން ހަފްތާއެއްހާ ދުވަސްވަނެދެއް އިދިކޮޅު މެންބަރަކަށް މަޖިލީިހުގެ އިދާރާތެރެއަށް ވަނުމަށް އެތަނުގެ ސެކިއުރިޓީ ބަލަހައްޓާ ސިފައިން ހުރަސް އެޅި އެވެ. ނަމަވެސް މަޖިލީހުގެ ޖަލްސާތައް ފެށުމާއެކު މިހާރު އެ މެންބަރުންނަށް މަޖިލީހުގެ ތެރެއަށް ވަދެވެ އެވެ.