ހަބަރު

މަރުގެ ހުކުމް ތަންފީޒުކުރަން އުޅެނީ ސަމާލުކަން އަނބުރާލަން: އެމްނެެސްޓީ

ރާއްޖޭގައި މަރުގެ ހުކުމް ތަންފީކުރަން އަލުން ފަށަން އުޅެނީ ގޯސްވެފައިވާ ސިޔާސީ މަޝްރަހުން މީހުންގެ ސަމާލުކަން އެހެން ދިމާލަކަށް އަނބުރައިލުމަށް ކަމަށް ތުހުމަތުކޮށް، މަރުގެ ހުކުމް ތަންފީޒު ނުކުރަން އެމްނެސްޓެސްޓީ އިންޓަނޭޝަނަލް އިން ގޮވާލައިފި އެވެ.

ބަޔާނުގައި ބުނެފައި ވަނީ ރާއްޖޭގައި މަރުގެ ހުކުމް އިއްވާފައިވާ މީހުންނަށް އެހުކުމް ކުރުމަށް ހިންގި ޝަރީއަތްތަކުގެ އިންސާފުވެެރިކަމާ މެދު ސީރިއަސް ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ. އެގޮތުން މަރުގެ ހުކުމް އިއްވާފައިވާ އެކަކު ކަމަށްވާ ހުސައިން ހުމާމް ( ތަހުގީގަށް) ދީފައިވާ ބަޔާނަކީ މަޖުބޫރުކޮށްގެން ދީފައިވާ ބަޔާނެއްކަން ފެންނަން އެބައޮތް ކަމަށް ވެސް ބުނެފައި ވެއެވެ. ދެން ފާހަގަކޮށްފައި ވަނީ ހުމާމް އެބަޔާނަށް ފަހުން އިންކާރު ކުރި ކަމެވެ.

ޙުސައިން ހުމާމް މުޙައްމަދަކީ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު އަދި ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް ޢަލީ އަވަހާރަކޮށްލިކަމުގެ ކުށް ސާބިތުވެގެން މަރަން ހުކުމްކޮށް، ސުޕްރީމްކޯޓުން އެހުކުމް ދަމަހައްޓާފައިވާ މީހެކެވެ.

ހުމާމްއާއި މުއްރަތާއި ނަބީލަށް މަރުގެ އަދަބު ދިނުން ހުއްޓައިލުމަށް ޔޫއެން އިން ދިވެހި ސަރުކާރުގައި އެދިފައިވާކަން ވެސް ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.

އެމްނެސްޓީން ބުނެފައި ވަނީ ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ނުކުރާތާ 60 އަހަރު ފަހުން އަލުން އެކަން ތަންފީޒުކުރަން ފެށުމަކީ ރާއްޖެ ބައިވެރިވެފައިވާ ބައިނަލް އަަގުވާމީ ގާނޫނުތަކާ ހިލާފު ކަމެއް ކަމަށެވެ.

" ދިވެހިރާއްޖޭން ވަނީ އެކަމަކަށް އަމަލުކުރަން ޖެހޭ ކަމެއްގެ ގޮތުގައި ހިއުމަން ރައިޓްސް ކޮމިޓީއަށް އެއްބާރުލުންދޭން ވައުދުވެފައެވެ. މަރުގެ ހުކުމް ތަންފީޒުކުރުމައިގެން ސަރުކާރުން ކުރިއަށް ހިނގައްޖެ ނަމަ ވާނީ ރާއްޖޭން ބައިވެރިވެފައިވާ ބައިނަލް އަގުވާމީ ގާނޫނުތަކާ ހިލާފުވުން ކަމަށެވެ،" އެމްނެސްޓީގެ ބަޔާނުގައި ވެއެވެ.