ދުނިޔެ

ރަތްކަނޑުގެ އައްސޭރީގައި ސައުދީން ރިސޯޓްތަކެއް ތަރައްގީ ކުރަނީ

ސައުދީ އަރަބިއްޔާގެ އިގުތިސާދު ތެލަށް ބަރޯސާކުރުން ކުޑަކުރުމަށް ހިންގާ "ވިޝަން 2030"ގެ ދަށުން ރަތްކަނޑުގެ އައްސޭރިގައިވާ 50 ޖަޒީރާއެއްގައި ރިސޯޓްތަކެއް ތަރައްގީކުރުމުގެ ބޮޑު މަޝްރޫއެއް އެގައުމުން އިއުލާންކޮށްފިއެވެ.

އެ ޖަޒީރާތަކުގައި ލަގްޒަރީ ރިސޯޓްތައް ތަރައްގީ ކުރަނީ އެތެރެއާއި ބޭރުން ގިނަ ޓޫރިސްޓުން ގެނައުމަށް އަމާޒު ހިފައިގެންނެވެ. އެހެންވެ، އެގައުމަށް ދަތުރުކުރުމަށް ވިސާ ދުކުރުމުގެ އުސޫލު މިހާރަށް ވުރެ ފަސޭހަކުރަން އެގައުމުން ވަނީ ނިންމާފައެވެ. އެކަމަކު ބަނގުރާ ވިއްކުމާއި ގެންގުޅުން މަނާކުރާ ގާނޫނާއި އަންހެނުން ހެދުުން އެޅުމުގެ ގަވާއިދަށް ބަދަލެއް ގެންނާނެކަން ނުވަތަ ނޫންކަން އެގައުމުން އަދި ހާމައެއް ނުކުރެއެވެ.

ރިސޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ކުރާނެ މަސައްކަތްތަކަކީ ވައިގެ ބަަނދަރެެއް ހެދުމާއި ލަގްޒަރީ ހޮޓާތަކާއި މީހުން ދިރިއުޅޭ ގެތައް އެޅުމެވެ. އެ މަސައްކަތް 2019 ވަަނަ އަހަރު ފަށައި، 2022 ވަނަ އަހަރު ނިންމަން ސައުދީ ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.

ސައުދީ އިގުތިސާދު ފުޅާކުރުމުގެ ތަސައްވަރު "ވިޝަން2030" ގައި ބުނެފައިވާ ގޮތުގައި ރިސޯޓްތައް ތަރައްގީކުރާނީ އެގައުމުގެ ހުޅަނގުގައިވާ ރަތްކަނޑުގެ އައްސޭރީގެ 125 މޭލުގެ ދިގު ސަރަހައްދެއްގައެވެ. އެރިސޯޓްތަކާއި އެކު އެގައުމުގެ އާސާރީ ސަރަހައްދެއް ކަމަށްވާ މަދާއިން ސޯލިޙު އަށް ފަސޭހައިން ޒިޔާރަތް ކުރުމުގެ އިންތިޒާމުތައް ވެސް ހަމަޖައްސާނެ އެވެ.