ދުނިޔެ

އަހަރެމެންނަކީ އުތުރުކޮރެއާގެ ދުޝްމަނުންނެއް ނޫން: އެމެރިކާ

އެމެރިކާއިން އެގައުމަކާ ދެކޮޅަށް ދަތިކުރުމުގެ ގިނަ ފިޔަވަޅުތަކެއް އަޅާފައިވާ އުތުރުކޮރެއާ ދުޝްމަނުކަމެއް ނެތްކަމަށް އެމެރިކާއިން ބުނެފިއެވެ.

އުތުރުކޮރެއާއިން އެންމެ ފަހުން ކުރި މިސައިލްޓެސްޓްތަކާ ގުޅިގެން ބޮޑު ނުތަވަސްކަމެއް އުފެދިފައިވާ ދަނޑިވަޅުގައި އެގައުމުގެ ސެކްރެޓަރީ އޮފް ސްޓޭޓް ރިކްސް ޓިލާސަން ވިދާޅުވީ ކޮންމެ އިރަކުން އުތުރުކޮރެއާއާ އެކު ވާހަކަތައް ބާއްވަން އެމެރިކާއިން ބޭނުންވާ ކަމަށެވެ.

" ވެރިކަން ބަދަލުކުރާކަށް އަހަރެމެން ނޫޅެން. ސަރުކާރު ރޫޅައިލާކަން އަހަރެމެން ނޫޅެން. ޕެނިންސިއުލާ އަލުން ގުޅުވުން( އެއްގައުމަކަށް ހެދުން) އަވަސްކުރާކަށް އަހަރެމެން ނޫޅެން. 38 ޕެރަލެލް( ދެކޮރެއާ ގުޅޭ ސަރަހައްދީ ރޮނގު)ގެ އުތުރަށް އަަހަރެމެންގެ ސިފައިން ފޮނުވާކަށް އަހަރެމެން ނޫޅެން،" ޓިލާސަން ވިދާޅުވި ކަަމަށް ބީބީސީގެ ހަބަރުގައި ވެއެވެ.

އެމެރިކާއަކީ އުތުރުކޮރެއާއަށް އޮތް ނުރައްކަލެއް ނޫން ކަމަށާއި އެހެން ނަމަވެސް އުތުރުކޮރެއާއިން އެމެރިކާއަށް ނުރައްކާ ކުރާ ކަމަށް ވެސް ޓިލާސަން ވިދާޅުވިއެވެ.

ޓިލާސަން މިމޭރުމުން ވާހަކަ ދައްކަވާފައި މިވަނީ ކޮރެއާއާ ހަނގުރާމަކުރުމަކީ އޮތް ފުރުސަތެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕް ވިދާޅުވި ކަމަށް ވެރިކަން ކުރާ ރިޕަބްލިކަން ޕާޓީގެ ސެނެޓަރަކު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ. އަދި އުތުރުކޮރެއާއަށް ބާރުވެރިކަން ދައްކަން އެމެރިކާއިން ހަނގުރާމަމަތީ މަތިންދާބޯޓްތަކެއް ފޮނުވިތާ އެއް ދުވަސް ފަހުންނެވެ.

އެމެރިކާގެ ވައިގެ ސިފައިން އާދީއްތަ ދުވަހު ބަޔާނެއްގައި ބުނީ ބީ-1ބީ މަރުކާގެ ދެބޯޓް ފޮނުވީ އުތުރުކޮރެއާއިން އެންމެ ފަހުން ކުރި މިސައިލް ޓެސްޓްތަކާ ގުޅިގެން އެގައުމަށް ބާރު ދެއްކުމަށް ކަމަށެވެ.

އުތުރުކޮރެއާއިން ބުނީ އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލް އެއް އެގައުމުން ހުކުރުދުވަހު ކާމިޔާބުކަމާ އެކު ޓެސްޓްކޮށްފައިވާ ކަމަށެވެ. އަދި ބުނީ އެމެރިކާގެ މައިރަށަށް ހަމަލާދިނުމުގެ ގާބިލުކަން ލިބިއްޖެކަން އެ ޓެސްޓުން ކަށަވަރުކުރެވިފައިވާ ކަމަށެވެ.

މިސައިލް ޓެސްޓް ކުރުމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕް ވަނީ އުތުރަށް ވަރުގަދަ އިންޒާރެއް ދެއްވާފައެވެ.

އެމެރިކާގެ ވައިގެ ސިފައިންގެ ބަޔާނުގައި ބުނެފައި ވަނީ މަތިންދާބޯޓްތައް އުދުއްސައިލީ ގުއާމްގައިވާ ވައިގެ މަރުކަޒަކުން ކަަމަށާއި ފަރިތަަކުރުންތަކުގައި ޖަޕާނާއި ދެކުނު ކޮރެއާގެ މަތިންދާބޯޓްތައް ވެސް ބައިވެރިވި ކަމަށެވެ.

" ސަރަހައްދުގެ ހަމަޖެހުމަށް އެންމެ އިހަށް އޮތް ނުރައްކަލެއްގެ ގޮތުގައި ދެމި އޮތީ އުތުރުކޮރެއާ،" ބަޔާނުގައި އެމެރިކާގެ ޕެސިފިކް އެއާފޯސަސް ކޮމާންޑަރް ޖެނެރަލް ޓެރެންސް ޖޭ އޯ ޝައުޣްނެސީ ވިދާޅުވެފައި ވެއެވެ.

އޭނާ ވިދާޅުވެފައި ވަނީ ގޮވާލައިފި ކޮންމެ ހިނދެއްގައި ހަމަލާދޭން އެމެރިކާގެ ވައިގެ ސިފައިން ތިބީ ތައްޔާރަށް ކަމަށެވެ.

ނިއުކްލިއަ ޓެސްޓް ނުކުރުމަށާއި މިސައިލް ނޫފެއްދުމަށް އދ.ގެ ސަލާމަތީ މަޖިލީހުން ގޮވައިލަމުންދާ ގޮވައިލުންތަކަށް އުތުރުކޮރެއާއިން ވަނީ ބީރު ކަންފަަތެއް ދީފައެވެ. އަދި އެގައުމުން ވަނީ ފަހަކަށް އައިސް ގިނަ މިސައިލްތަކެއް ޓެސްޓްކޮށްފައެވެ