ބޮލީވުޑް

ރަންބީރުގެ ހަށިގަނޑުގެ ކުރިއަށް ވުރެ ވަރުގަދަކޮށްފި

Aug 5, 2017

އެކްޓަރު ރަންބީރު ކަޕޫރު މިހާރު ކުޅެމުން އަންނަ ސަންޖޭ ދަތުގެ ބައޮޕިކަކީ އޭނާގެ ފިލްމީ ކެރިއަރުގައި ކުޅޭ އެންމެ ބޮޑު އެއް ފިލްމެވެ. މި ފިލްމަށް އޭނާ ވަމުން އަންނަ ތައްޔާރީ އަށް ތައުރީފު ބަންޑުންކުރާހާ ފުރިހަމަ އެވެ.

ރާޖް ކުމާރު ހިރާނީ ޑައިރެކްޓްކުރާ މި ފިލްމުގައި ރަންބީރު، ސަންޖޭގެ ހަޔާތުގެ ތިން ދައުރެއްގައި ފެނިގެންދާނެ އެވެ. އެ ތިން އުމުރުގެ މަންޒަރުތައް ނެގުމަށް ވެސް ރަންބީރު ވަނީ އޭނާގެ ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ.

ސަންޖޭގެ ރޯލު އެންމެ ފުރިހަމަ އަށް އަދާކުރުމަށް ރަންބީރު ވަމުން އަންނަ ތައްޔާރީތަކުގެ ތެރެއިން މީގެކުރިން ވެސް ވަނީ ބަރުދަން އިތުރުކޮށް ހަށިގަނޑުގެ މަސްތައް ވަރުގަދަކޮށްފަ އެވެ.

މިދިޔަ މަހުގެ ތެރޭގައި ނިކުތް ރަންބީރުގެ އެންމެ ފަހުން ރިލީޒްވި ފިލްމު "ޖައްގާ ޖާސޫސް" ގެ ޕްރޮމޯޝަންތަކުގެ ހަރަކާތްތެރިވި ފަހުން ރަންބީރު ބޭރުތެރެއިން ނުފެންނަތާ ދެ ހަފްތާ އަށް ވުރެން ގިނަ ދުވަސްވަނީ ވެފަ އެވެ.

އެ ފިިލްމުގެ ނާކާމިޔާބީ އާއެކު ރަންބީރު މީޑިއާ އަށް ފިލައިގެން އުޅެނީ ކަމަށް ބެލެވިފައި އޮތް ނަމަވެސް ސިއްރުން އޭނާ އައީ ސަންޖޭގެ ފިލްމުގެ އެންމެ ފަހު ޝެޑިއުލްގެ މަންޒަރުތައް ނެގުމަށް ތައްޔާރުވަމުންނެވެ. އެގޮތުން ސަަންޖޭ ޒުވާން ދުވަސްވަރުގެ މަންޒަރުތައް ނެގުމަށް ރަންބީރު ވަނީ ކުރިއަށް ވުރެން ހަށިގަނޑުގެ މަސްތައް ދެގުނޑަ ވަރުގަދަކޮށްފަ އެވެ.

ރަންބީރުގެ ޓްރެއިނަރާއެކު ޖިމްގައި ނަގާފައިވާ ފޮޓޯއެއްގައި އޭނާގެ ދެއަތުގެ މަސްތައް ކުރިއަަށް ވުރެން ވަރުގަދަކޮށްފައިވާ ކަން ފެނެ އެވެ.

ރަންބީރުގެ ފޭން ޕޭޖަކުން އާންމުކުރި މި ފޮޓޯ އާއެކު ބެލުންތެރިންނަށް ވަނީ ބޮޑު ހައިރާންކަމެއް ލިބިފަ އެވެ. ސަބަބަކީ މީގެކުރިން މުޅިން ވެސް ލޯބީގެ ފިލްމުތަކުން ފެނިގެން ގޮސްފައިވާ ރަންބީރު މި ފިލްމަށް ތައްޔާރުވާން ކުރަމުން އަންނަ ބުރަ މަސައްކަތެވެ.

މި ފިލްމާ ގުޅޭގޮތުން މިފަހުން ދިން އިންޓަވިއުއެއްގައި ރަންބީރު ވަނީ ސަންޖޭގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމު ކުޅުމަކީ އޭނާ އަށް ކުރެވުނު ވަރަށް ތަފާތު ތަޖުރިބާއެއް ކަމަށެވެ. އަދި ފިލްމުގައ އޭނާ ފެނިގެންދާ ގޮތުުގެ ބައެއް ފޮޓޯތައް އާންމުވުމުން ގިނަބައެއްގެ ފަރާތުން ތައުރީފުގެ ބަސްތައް ލިބުނު ކަމަށް ބުނެފަ އެވެ.

ހަބަރުތައް ބުނާގޮތުން ރަންބީރުގެ މި ފޮޓޯ ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމުން އެ ފޮޓޯ ފެނި ސަންޖޭ ދަތަށް ލިބުނީ ބޮޑު ހައިރާން ކަމެކެވ. ޑައިރެކްޓަރު ހިރާނީ އާއި ރަންބީރު މި ފިލްމަށް ކުރަމުން އަންނަ ބުރަ މަސައްކަތުން އޭނާ ހުރީ ވަރަށް ހިތްހަމަޖެހިފަ އެވެ.

އަންނަ މާޗުގައި ރިލީޒްކުރާ މި ފިލްމުގައި ސަންޖޭ ރޯލު ކުޅެން ތައްޔާރުވުމަށް ރަންބީރު ވަނީ ބަރުދަނުން 13 ކިލޯ ބަރުކޮށްފަ އެވެ. ރަންބީރު މި ފިލްމުގައި ތިން ސިފައެއްގައި ފެނިގެންދާނެ އެވެ. އެއީ ސަންޖޭ މިހާރު ފެނިގެންދާ ގޮތާއި ފިލްމީ ދާއިރާއަށް އޭނާގެ ޒުވާން ދުވަސްވަރު ނިކުތްއިރު ހުރި ގޮތާއި މަސްތުވާތަކެތީގެ ވަބާގައި ޖެހިގެން އޭނާގެ ރީހެބްގައި އުޅުނު ދުވަސްވަރު ހުރި ގޮތެވެ.

މި ފިލްމުގައި ސަންޖޭގެ މަންމަގެ ރޯލުން މަނީޝާ ކޮއިރަލާ ފެނިގެންދާއިރު، ބައްޕަގެ ރޯލުން ފެނިގެންދަނީ ޕަރޭޝް ރާވަލް އެވެ. އަދި މިހާރުގެ އަންހެނުން މާނިޔަތާގެ ރޯލުން ފެނިގެންދަނީ ދީއާ މިރްޒާ އެވެ. މީގެ އިތުރުން ކެރިއަރުގެ ކުރީކޮޅު ސަންޖޭއާ ލޯބީގެ ގުޅުމެއް އޮތް ދެ ތަރިއެއްގެ ރޯލުން ސޯނަމް ކަޕޫރާއި އަނުޝްކާ ޝަރްމާ ފެނިގެންދާނެ އެވެ.