ހަބަރު

ޕީޖީގެ މިނިވަންކަމާމެދު ބޮޑެތި ސުވާލުތަކެއް ފެންމަތިވެއްޖެ

މަޖިލީހުގެ އެންމެ ފަހު ޖަލްސާގައި މެންބަރުން ހިންގި ކަންތަކާ ގުޅިގެން ދައުވާ ކުރުމާ ގުޅޭ ގޮތުން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރަށް ޕްރޮސިކިއުޓާ ޖެނަރަލް އައިޝަތު ބިޝާމް ލަފާ ދެއްވާފައިވާ ކަމަށް ލީކްވި އޯޑިއޯއެއްފައި މިނިސްޓަރު ވިދާޅުވެފައިވާތީ، ބިޝާމްގެ މިނިވަންކަމާއި މުސްތަގިއްލު ކަމާ މެދު ސުވާލުތަކެއް ފެންމަތިވެއްޖެ އެވެ.

އެ ލަފާ ޕީޖީގެ ފަރާތުން މިނިސްޓަރު ހޯދާފައިވަނީ މިދިޔަ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ ދިފާއުގައި ތިބި ސިފައިންނާމެދު މެންބަރުން މާރާމާރީ ހިންގާފައިވާ ކަމަށް ބުނެ އެ މައްސަލާގައި މެންބަރުންނަށް އެންމެ އަވަހަށް ފިޔަވަޅު އެޅޭނެ ގޮތެއް ބަލާށެވެ. މިދިޔަ ބުދަ ދުވަހު ލީކްވެފައިވާ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފްގެ އޯޑިއޯގައި މިނިސްޓަރު ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާމެދު އެންމެ އަވަހަށް ފިޔަވަޅު އެޅޭނެ ގޮތާމެދު ބަންޑާރަ ނައިބާއި ޕީޖީގެ ލަފާ ހޯދާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ބެލިން އެންމެ އަވަހަށް މި މައްސަލަ މައްސަލައެއްގެ ގޮތުގައި ކުރިއަށް ގެންދެވޭނެ ގޮތަކީ ކޮބައިތޯ ބަލާފައި އަޅުގަނޑުމެންނަށް އެޓާނީ ޖެނެރަލްގެ އޮފީހުން ވެސް އަދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވެސް އަޅުގަނޑުމެންނަށް ދެއްވި ލަފާއަކީ މިކަން އެންމެ އަވަސް ކުރެވޭނެ ގޮތަކަށް އޮންނާނީ ފުލުހުން މެދުވެރިވެގެން ތަހުގީގު ކުރެވިގެން މައްސަލަ ހުށަހެޅުމުން ކަމަށް، އެހެންވީމާ އަޅުގަނޑުމެން އެ މަގު އިހްތިޔާރު މިކުރީ، އަޅުގަނޑު މިހާރުވާނީ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފަށް ވެސް ދަންނަވާފަ އަދި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމް ވެސް އަރީފަށް ދަންނަވާފަ ވެއްޖެ އޭގެ އިތުރުން ހޯމް މިނިސްޓަރަށް ވެސް ދަންނަވާފަ ވާނެ މި މައްސަލަތައް އަވަސް ކޮށް ދެއްވުމަށް،" އެސްޕީޖީއާއެކު ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

މިކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ، ޑިފެންސް މިނިސްޓަރު ޕްރޮސިކިއުޓާ ޖެނަރަލްގެ ލަފާ ހޯދުމަކީ ކުރެވިގެންވާނެ ކަމެއް ނޫން ކަމަށެވެ. ޕީޖީއަކީ މިނިވަން ބޭފުޅަކަށްވާއިރު ސަރުކާރުގެ ޑިފެންސް މިނިސްޓަރަށް ލަފާ ނުދެވޭނެ ކަމަށެވެ.

"ޕްރޮސިކިއުޓާ ޖެނަރަލްގެ ލަފާ ނަގަމޭ ވެސް ވިދާޅުވި، ހަގީގަތު ޕީޖީއަކީ މިނިވަން ބޭފުޅެއް، އެ ބޭފުޅާގެ ލަފާ ނަންގަވައިގެން އެ ބޭފުޅުން ތަހުގީގު ހިންގަވާ ކަމަށްވާނަމަ އެ ބޭފުޅާގެ މިނިވަންކަން ވެސް ގެއްލިގެންދޭ، އެއީ ޑިފެންސް މިނިސްޓަރު ދެއްކެވި ވާހަކައަކަށްވާނަމަ ބަންޑާރަ ނައިބާއި ޕީޖީއާ މި ހުރިހާ ބޭފުޅުން ގޭންގްއަޕް ކުރައްވައިގެން މެންބަރުންނާމެދު ދެކެވަޑައިގަންނަވާހެން މި ވާހަކައެއް މި ދައްކަވަނީ،" މާރިޔާ ވިދާޅުވި އެވެ.

ގާނޫނީ ވަކީލް ހިސާން ހުސެއިން ވިދާޅުވީ، ސަރުކާރުގެ ޑިފެންސް މިނިސްޓަރަށް ލަފާ ދެއްވުމަކީ ޕީޖީގެ ޒިންމާއެއް ނޫން ކަމަށެވެ. އަދި ޑިފެންސް މިނިސްޓަރު ޕީޖީގެ އަރިހުން ލަފާ ހޯދަން ވެސް ނުޖެހޭނެ ކަމަށާއި މިނިސްޓަރު ގާނޫނީ ލަފާ ބޭނުންވާނަމަ އެކަން ކުރައްވަންޖެހޭނީ ބަންޑާރަ ނައިބު ކަމަށެވެ.

"ޕީޖީއަކަށް ޑިފެންސް މިނިސްޓަރަށް ގާނޫނީ ލަފާ ދެވޭނެ ކަމަކަށް ގަބޫލެއް ނުކުރަން، ޑިފެންސް މިނިސްޓަރު ލަފާ ހޯދަން ޖެހޭނީ ބަންޑާރަ ނައިބުގެ އަރިހުން، ޕީޖީގެ ދައުރަކީ ޖިނާއީ ކުށެއް ހިނގީމަ އެކަމާ ގުޅޭ ގޮތުން ތަހުގީގަށް ދެއްވަން ޖެހޭ ލަފާތައް ތަހުގީގީ އިދާރާއަށް ދެއްވުން، އެއްގޮތަކަށް ވެސް ވަކި ކަމެއް ސަރުކާރުގެ ވަކި ސިޔާސަތެއް ތަންފީޒުކުރަން އަދި މެންބަރުންގެ ބޮލުގަ ޖިނާއީ ތުހުމަތުތަކެއް އެޅުވުމަށް ރާވާ ރޭވުމަކަށް ލަފާދީ އެކަމުގައި ބައިވެރިވުމަކީ އެކަމަނާއަށް ކުރެވޭނެ ކަމެއް ނޫން،" ހިސާން ވިދާޅުވި އެވެ.

އެކަމަކު މި ތުހުމަތުތަކާ ގުޅޭ ގޮތުން ޕީޖީގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.

ޑިފެންސް މިނިސްޓަރު ދައްކަވާފައިވާ ވާހަކަތަކާ ގުޅިގެން ޕީޖީ ބިޝާމަށް ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވެފައިވާއިރު އެ އޯޑިއޯއާ ގުޅިގެން މިހާތަނަށް ޑިފެންސް މިނިސްޓަރު އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ. އަދި ޕީޖީ ބިޝާމް ވެސް އެކަމާ ގުޅޭ ގޮތުން އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ.