ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ މައްސަލަ ބައްލަވާ ފަނޑިޔާރު އެ މައްސަލަ ތަކުން ތަނާޒުލްވެ ވަޑައިގެންފި އެވެ.
ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރުކަން ވެސް ކުރެއްވެވި އާޒިމާގެ މައްޗަށް ދައުލަތުން ކުރަނީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމައި ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންއަށް މަގު ފަހި ކޮށްދިނުމުގެ ކުށުގެ ދައުވާ އެވެ.
މާދަމާ އަށް ތާވަލްކުރީ މި މައްސަލައިގައި އާޒިމާ ފަރާތުންނާއި ދައުލަތުގެ ފަރާތުން ހުށަހަޅުއްވާފައިވާ ކަންކަމާމެދު އަދި މައްސަލަ ކުރިއަށް ގެންދިޔުމާމެދު ގޮތެއް ނިންމުމަށް ބާއްވާ ޝަރީއަތުގެ މަޖިލީހެވެ. ނަމަވެސް މި އަޑުއެހުމަށް 24 ގަޑިއިރަށްވުރެ ކުޑަތަން ވެފައިވަނިކޮށް ކްރިމިނަލް ކޯޓުން ވަނީ މި އަޑުއެހުން ކެންސަލް ކޮށްފަ އެވެ.
މިިކަމާ ގުޅިގެން އާޒިމާ ވިދާޅުވީ، މިހާލަތުގައި މިހާ ފަސްވަގުތެއްގައި ފަނޑިޔާރު މި މައްސަލައިން ތަނާޒުލްވެ ވަޑައިގަތުމަކީ އިންތިހާއަށް ކަމެއް ކަމަށެވެ.
އެންމެ ފުރަތަމަ އާޒިމާގެ މައްސަލަތައް ބެއްލެވީ ފަނޑިޔާރު އަހުމަދު ހައިލަމެވެ. އެކަމަކު އޭނާ ވަނީ ފަނޑިޔާރު ކަމުގެ މަގާމުން ވަކިކޮށްފަ އެވެ. އޭގެ ފަހުން މި މައްސަލަ ބައްލަވަނީ ފަނޑިޔާރު ހަސަން ސައީދު އެވެ. ހަސަން ސައީދު ކުރިން ހުންނެވީ ފެމިލީ ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގަ އެވެ. އެކަމަކު ދާދިފަހުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ އޭނާ އާއި ގުޅެ ސުލޫކީ މައްސަލައެއް ބަލާ އޭނާ ވަނީ ކުރިމިނަލް ކޯޓަށް ބަދަލު ކޮށްފަ އެވެ.
ފަނޑިޔާރު ހަސަން ސައިދު މި މައްސަލާގައި ތަނާޒުލްވެ ވަޑައިގަތް ސަބަބު މިހާތަނަށް ހާމަ ކޮށްފައިނުވާއިރު ފަނޑިޔާރުން މައްސަލަތަކުން ތަނާޒުލްވެ ވަޑައިގަންނަވަނީ އެ މައްސަލަތަކުގައި މަސްލަހަތާ ފުށުއަރާ ކަމެއް ހިނގުމުގެ ފުރުސަތު އޮވެގެން ނުވަތަ އެފަދަ ކަމެއް ހިނގާފާނެ ކަމަށް އެހެން ބަޔަކަށް ގަބޫލު ކުރެވިގެންނެވެ.
މި މައްސަލައިގައި މިހާތަނަށް ހަތަރު އަޑުއެހުމެއް ބާއްވާފައިވާއިރު މިހާރު މިމައްސަލަ އޮތީ ހުކުމް ކުރުމުގެ މަރުހަލާގަ އެވެ.
އެންމެ ފަހުން ބޭޢްވި އަޑުއެހުމުގައި އާޒިމާ ވަނީ އެމްއެމްޕީއާރަސީގެ ހިޔާނާތާއި ގުޅެ ބޮޑެތި ތުހުމަތުތަކެއް ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝަމަށް ކުރައްވާފަ އެވެ.