ހަބަރު

ރައީސް ޔާމީނަށް ތާއިދުކޮށް، އުދުހިއްޖެ

ރައީސް އަބްދުﷲ ޔާމީންނަށް ތާއިދު ހޯދުމުގެ ގޮތުން "އުދުހުމުގެ" ހަރަކާތްތަކެއް މިއަދު ހަވީރު ކުރިއަށް ގެންގޮސްފި އެވެ. މި ހަރަކާތްތައް ރައީސް ޔާމީނާއި އަނބިކަނބަލުން މެޑަމް ފާތުމަތު އިބްރާހިމް ވަނީ ބައްލަވާލައްވާފަ އެވެ.

"ރައީސް ޔާމީން 2018" ޝިއާރުގެ ދަށުން މެޑަމް ފާތިމަތު އިބްރާހިމް އިސްވެ، ހިންގަވާ ރައީސް އަބްދުﷲ ޔާމީންގެ ކެމްޕެއިން އޮފީހުން މިއަދު ކުރިއަށް ގެންގޮސްފައިވަނީ ޕެރަމޯޓާ ހަރަކާތެކެވެ. ޕެރަމޯޓާއަކީ ފަހަތުގައި ބުރަފައްޗެއް ހަރުކޮށްގެން ޕައިލެޓަކާއިއެކު އުދުހުމުގެ ފުރުސަތު ލިބޭ ހަރަކާތެކެވެ.

މި ހަރަކާތް ބައްލަވާލެއްވުމަށް ރައީސް ޔާމީނާއި އަނބިކަނބަލުންގެ އިތުރުން މަޖިލިސް މެންބަރުންނާއި މިނިސްޓަރުން ޓްރެކް ދަނޑަށް ވަޑައިގެންނެވި އެވެ. އަދި އާންމުން ވެސް އެ ހަރަކާތް ބަލާލުމަށް އެ ސަރަހައްދަށް އެއްވެފައިވެ އެވެ. މިއީ މެޑަމް އޮފީހުގެ ހަރަކާތްތައް މެދުކެނޑިފައި އޮތުމަށްފަހު އަލުން ހަރަކާތްތައް ފެށުމުގެ ގޮތުން ބޭއްވި ހަރަކާތެކެވެ.

މި ހަރަކާތް ކުރިއަށް ދިޔައިރު ޒުވާނުން ވަނީ ރައީސް ޔާމީން ގެންނަވާ ތަރައްގީގެ މަޝްރޫއުތަކަށް ޝުކުރު އަދާކޮށް، އަންނަ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ހޮވަންޖެހޭ ސަބަބުތައް ކިޔައިދީފަ އެވެ. އަދި ރައީސް ޔާމީނަށް ތާއިދު އޮތް ކަމަށް ވެސް އެ ޒުވާނުން ބުނެފައިވެ އެވެ.

މި ހަރަކާތުގައި މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވަނީ ވާހަކަ ދައްކަވާފަ އެވެ. މޫސަ ވިދާޅުވީ، 2018 ގައި އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބު ކޮށްދެއްވާނެ ކަމަށާއި ރާއްޖޭގެ ރައްޔިތުން އުފަލުން ނުކުމެ ވޯޓް ދޭ ވަރުގެ ތަފްސީލުތައް ކިޔާ ދޭނެ ކަމަށެވެ.

ރައީސް ޔާމީނަށް ވޯޓް ކާމިޔާބު ކޮށްދޭން ޖެހެނީ ޒުވާނުންނަށް އެކަނި ފުރުސަތު ތަނަވަސް ކޮށްދީގެނެއް ނޫން ކަމަށާއި ގެދޮރު އަޅަން ބޭނުން ވެފައި ތިބި މީހުންނަށް ބޯހިޔާވަހި ކަމުގެ ފުރުސަތު ހޯދައިދީ ރާއްޖޭގައި ހަމަ ނުޖެހުމާއި ތަޅާފޮޅުމުން އެއްކިބާވެ ރާއްޖޭގެ މަގުތަށް އަމާން ކޮށްދިނީމަ ކަމަށް ރީކޯ ވިދާޅުވި އެވެ.

މެޑަމް އޮފީހުން ބުނެފައިވާ ގޮތުގައި އެ އޮފީހުން ކުރިއަށް ގެންދާ ރައީސް ޔާމީން 2018 ކެމްޕެއިން ހަރަކާތްތައް ކުރިއަށް އޮތް ދުވަސްތަކުގައި ވަރަށް ބާރަށް ކުރިއަށް ދާނެ އެވެ. އަދި މިފަދަ ގިނަ ތަފާތު ހަރަކާތްތަކެއް ކުރިއަށް އޮތް ތަނުގައި ބާއްވަމުން ދާނެ ކަމަށެވެ.