ހަބަރު

ޒިންމާ ނުއުފުލާ، ސަރުކާރު ދޯދިޔާ ސިޔާސަތުތައް ފޮރުވާތީ ކަންބޮޑުވޭ: މައުމޫން

ގައުމު އަމާން ތަނަކަށް ހެދުމަށް މުއައްސަސާތަކުން އުފުލަންޖެހޭ ޒިންމާ އުފުލުމުގެ ބަދަލުގައި ސަރުކާރުގެ ދޯދިޔާ ސިޔާސަތުތައް ފޮރުވުމަށް މަސައްކަތް ކުރަމުންދާތީ ކަންބޮޑުވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ. އަދި ގައުމުގައި ހަމަޖެހުން ގާއިމު ނުކުރެވޭނަމަ ކަމާ ގުޅުންހުރި މުއައްސަސާތަކުގެ ވެރިން އިސްތިއުފާ ދެއްވުމަށް ރައީސް މައުމޫން ވަނީ ގޮވާލައްވާފަ އެވެ.

ރައީސް މައުމޫންގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސަރުކާރުން ސިޔާސީ ފަރާތްތައް ފްރޭމްކޮށް ފަހާ ދުވުމުގެ ބަދަލުގައި، މިހާރު ރާއްޖޭގައި ހިނގަމުންދާ މާރާމާރީތައް ހުއްޓުވަންޖެހޭ ކަމަށެވެ. މާލޭގައި ހިނގަމުންދާ ގްރޫޕް މާރާމާރީތައް ހުއްޓުވައި ރައްޔިތުންނަށް އަމާންކަމާ އެކު އުޅެވޭނެ މަގު ފަހިކޮށްދޭންޖެހޭ ކަމަށެވެ.

"އެކަމަކީ ކަމާ ގުޅުންހުރި ހުރިހާ މުއައްސަސާތަކުގެ ޒިންމާއެކެވެ. ނަމަވެސް އެކަންކަން ހުއްޓުވުމުގެ ބަދަލުގައި ސަރުކާރުގެ ދޯދިޔާ ސިޔާސަތުތައް ފޮރުވުމަށް މަސައްކަތް ކުރުމަކީ ނުހަނު ކަންބޮޑުވާ ކަމެކެވެ." ބަޔާނުގައި ބުނެފައިވެ އެވެ.

ރައީސް މައުމޫން އިތުރަށް ވިދާޅުވީ، ވޭތުވެދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ވެރިރަށް މާލޭގައި ހަތް މާރާމާރީއެއް ހިނގައި ދެ ޒުވާނަކު އަނިޔާވެރި ގޮތަކަށް މަރާލާފައި ވާއިރު، ކަމާއި ގުޅުންހުރި މުއައްސަސާތަކުން އެކަށީގެންވާ ފިޔަވަޅު އަޅާފައި ނެތް ކަމަށެވެ. އެއީ ރައްޔިތުންނަށް އަމާންކަން ގާއިމްކޮށްދިނުމުގައި މި ސަރުކާރު ނުކުޅެދިފައިވާ މިންވަރު ވަރަށް ސާފުކޮށް ސާބިތުކޮށްދޭ އަލިގަދަ ހެއްކެއް ކަމަށެވެ. މީގެ ކުރިން ސިޔާސީ މީހުން ހައްޔަރު ކުރުމުގައި ކަމާއިބެހޭ އިދާރާތަކަށް އިންޓެލިޖެންސް ރިޕޯޓްތައް ލިބުނުނަމަވެސް މިފަދަ ރައްޔިތުންގެ މަސްލަހަތު ހިމެނޭ ނުރައްކާތެރި ކަންކަންކަމުގައި އެތަކެއް ބަޔެއް މިދުނިޔެއާ ވަކިވެދާއިރު، ކަމާއިބެހޭ އިދާރާތަކުގެ އިންޓެލިޖެންސް ރިޕޯޓްތައް ނުލިބުމުން އެކަށީގެންވާ ފިޔަވަޅު އެޅިފައި ނުވުމަކީ ރައްޔިތުންނަށް ބަލައިގަންނަން ފަސޭހަ ކަންކަމެއް ނޫން ކަމަށް ވެސް ބަޔާނުގައި ރައީސް މައުމޫން ވިދާޅުވެފައިވެ އެވެ.

"ރައްޔިތުންނަށް ރައްކާތެރިކަން ގާއިމްކޮށްދޭން ހަވާލުވެ ތިއްބެވި ފަރާތްތަކުން އެ ޒިންމާ ނުނަންގަވާ އަދި އެކަމުން ރެކިވަޑައިގަތުމުގެ ގޮތުން ވާދަވެރި ސިޔާސީ ފަރާތްތަކުގެ ބޮލުގައި އެއްވެސް ހެއްކެއް ގަރީނާއެއް ނެތި އެކިއެކި އިލްޒާމް އަޅުވައި އަދި އެއީ ސިޔާސީ ކަމެއް ކަމަށް ރައްޔިތުންނަށް ދެއްކުމަށް ނޫސްވެރިންގެ ބައްދަލުވުން ތަކުގައްޔާއި ސޯޝަލް މީޑިއާގައި ވާހަކަ ދައްކަވަމުން ގެންދަވަނީ ކަމުގެ ހަގީގަތް ރައްޔިތުންނަށް އޮޅުވާލުމުގެ ބެނުމުގައެވެ. އެހެންކަމުން މިފަދަ އަމަލު ތަކުގެ ސަބަބުން ޒިންމާ ނަންގަވަން ތިއްބެވި ފަރާތްތަކުގެ ގާބިލުކަމާއި މެދު ސުވާލު އުފެދެއެވެ،" މައުމޫން ވިދާޅުވި އެވެ.

ރައީސް މައުމޫން ވިދާޅުވީ، ސަލާމަތީ ބާރުތައް ނުހަމަ ގޮތުގައި ބޭނުން ކުރައްވައިގެން ސިޔާސީ ފަރާތްތައް ހިފާ ހައްޔަރުކުރުމާއި، ގާނޫނު އަސާސީން ލިބިދީފައިވާ ހައްގުތަކުގެ ބޭނުން ކުރުން ހުއްޓުވުމުގެ ބަދަލުގައި އެ މުއައްސަސާތަކުގެ ބޭނުން ހެޔޮގޮތުގައި ހިފައި، މާލޭގައި ހިނގަމުންދާ މާރާމާރީތައް ހުއްޓުވުމަށް މިހާރުން މިހާރަށް ސަރުކާރަށް ގޮވާލާ ކަމަށެވެ. މީގެ ކުރިންވެސް މިފަދަ މާރާމާރީތައް ހުއްޓުވުމަށްޓަކައި މޮނިކަން އަމުރުގެ ދަށުން ކުށްކުރާ ކަމަށް ތުހުމަތުކުރެވޭ އެތަކެއް ފަރާތެއްގެ ފައިގައި ޓެގް އެޅުވުންފަދަ އެތައް މަސައްކަތެއްކޮށް މާރީމާރީ ހިންގުން ކޮންޓްރޯލް ކޮށްފައިވާ ކަމަށެވެ. ނަމަވެސް މިހާރު މާލޭގައި ވަނީ މާރާމާރީ އާއި އަނިޔާވެރި އަމަލުތައް އިންތިހާއަށް އިތުރުވެފަ ކަމަށެވެ.

"މިކަންކަން ނުހުއްޓުވޭނަމަ ކަމާއި ގުޅުންހުރި އިދާރާ ތަކާއި މުއައްސަސާތައް ހިންގަވަން ތިއްބެވި ވެރިން މިހާރުން މިހާރަށް އިސްތިއުފާ ދިނުމަށް ގޮވާލަމެވެ،" ރައީސް މައުމޫން ބަޔާނުގައި ވިދާޅުވެފައިވެ އެވެ.