ހަބަރު

ގާސިމް އެޑްމިޓްކޮށްފައިވާތީ އަޑުއެހުން ކެންސަލްކޮށްފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ހާލުކޮޅު ގޯސްވެ، އޭޑީކޭ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައިވާތީ މިއަދަށް ތާވަލުކުރި އެމަނިކުފާނުގެ ޝަރީއަތުގެ އަޑުއެހުން ކެންސަލްކޮށްފި އެވެ.

ގާސިމްގެ ބޯ އަނބުރައި ނޭވާލާން އުނދަގޫވާތީ އެމަނިކުފާނު ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވަނީ މިއަދު 8:30 ހާއިރު އެވެ. ޝަރީއަތުގެ އަޑުއެހުން ތާވަލުކޮށްފައި އޮތީ 10:30 އަށެވެ.

ދައުލަތުން ގާސިމްގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ހުށަހެޅުމުގެ ދައުވާގެ މިއަދުގެ އަޑުއެހުމުގައި ތާވަލުކޮށްފައި އޮތީ ހެއްކާ ބެހޭ ގޮތުން ވާހަކަ ދެއްކުމެވެ.

ގާސިމްގެ މައްސަލައަކީ މީގެކުރިން ކޯޓުން ބޭރުކޮށްލާފައިވާ މައްސަލައެކެވެ. އެ މައްސަލަ އަލުން ހުށަހަޅައިގެން ޝަރީއަތް ކުރިއަށް ގެންދާތީ ވަކީލުން ވަނީ ކަންބޮޑުވުން ފާޅުކޮށް، އެއީ ގާނޫނާ ހިލާފު ކަމެއް ކަމަށް ބުނެފަ އެވެ. އަދި، އެކަން ކުރަނީ ކޮން އުސޫލެއްގެ ދަށުންތޯ ބެލުމަށް ކުރިމިނަލް ކޯޓަށް ސިޓީއެއް ވެސް ވަކީލުން އިއްޔެ ވަނީ ފޮނުވާފަ އެވެ.

މީގެއިތުރުން ގާސިމްގެ ބަލި ހާލުކޮޅާ ގުޅޭ ސިޓީއެއް ވެސް ގާސިމްގެ ވަކީލުން ވަނީ ކުރިމިނަލް ކޯޓަށް ހުށަހަޅާފަ އެވެ. ގާސިމްގެ ހިތުގެ އޮޕަރޭޝަނެއް ކުރަން އައިޖީއެމްއެޗްގެ ޑޮކްޓަރުން ވަނީ ލަފާދީފަ އެވެ. އެ އޮޕަރޭޝަނަކީ ރާއްޖެއިން ބޭރުން ކުރެވޭ އޮޕަރޭޝަނަކަށްވާތީ ގާސިމްގެ ޕާސްޕޯޓް ދޫކޮށްލުމަށް ވެސް ވަކީލުން ވަނީ އެދިފަ އެވެ.

ޕާސްޕޯޓް ހިފެހެއްޓުމަށް ކުރިމިނަލް ކޯޓުން ނެރުނު އަމުރު ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ހުށަހެޅުމުން އެ އަމުރަކީ ކުރިމިނަލް ކޯޓަށް މުރާޖާކުރެވޭނެ އަމުރެއް ކަމަށް ބުނެ އެ މައްސަލަ ހައިކޯޓުން ވަނީ ބަލައިގަތުމަށް އިންކާރުކޮށްފަ އެވެ. އެހެންކަމުން އެކަން މުރާޖާކޮށްދިނުމަށް ކުރިމިނަލް ކޯޓުގައި ވަކީލުން ވަނީ އެދިފަ އެވެ.