ކިތަންމެ އަނިޔާއެއް ދިނަސް، ރައްޔިތުންނަށް ހަރާންކޯރުވެ ސަރުކާރުގެ ކުރިމަތީ ކުޑަކަކޫ ނުޖަހާނެ ކަމަށް ވިލިނގިލީ ދާއިރާގެ މެންބަރު ކަމުން ވަކިވެފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ނިންމާފައިވާ ސައުދު ހުސެއިން ވިދާޅުވެއްޖެ އެވެ.
ސައުދުގެ މަންމަ ނާސިރާ އަހުމަދު އިއްޔެ ނިޔާވެފައިވާއިރު މަންމަގެ ޖަނާޒާއަށް ފުލުހުން ވަނީ އޭނާ ދޫކޮށްފަ އެވެ. އެ ޖަނާޒާގައި އާންމުންގެ ގިނަ ބަޔަކާއި އިދިކޮޅު ޕާޓީތަކުގެ އިސްވެރިން ބައިވެރިވެ، ސައުދަށް ހިތްވަރުދީފައިވެ އެވެ. ޖަނާޒާ ނިމުމާއެކު ސައުދު ވަނީ އަނބުރާ ޖަލަށް ގެންގޮސްފަ އެވެ.
ޖަލަށް ގެންދިޔުމުގެ ކުރިން ހެޔޮ އެދޭ ފަރާތްތަކަށް ސައުދު ވަނީ މެސެޖެއް ދެއްވާފަ އެވެ. އެ މެސެޖުގައި ސައުދު ވަނީ މަންމަ ނިޔާވުމުން ތައުޒިޔާ ދެންނެވި އެންމެހާ ފަރާތްތަކަށް ޝުކުރު ދަންނަވާފަ އެވެ. އަދި އޭނާއާމެދު ބެހެއްޓި ގާތް ކަމަކީ ހުރަ ގޭގައި މިއަދު އޮންނަން ޖެހުނަސް ލިބުނު އިތުރު ހިތްވަރެއް ކަމަށް ސައުދު ވިދާޅުވި އެވެ.
"ނުހައްގުން އަޅުގަނޑުގެ މައްޗަށް ކިތަންމެ ދައުވާއެއް ކުރިޔަސް ރައްޔިތުންނަށް ހަރާންކޯރުވެ ކުޑަކަކޫ ނުޖަހާނަން،" ސައުދު ވިދާޅުވި އެވެ.
ޖަނާޒާއަށްފަހު ސައުދު އަނބުރާ ގެންދިޔުމަށް ފުލުހުންގެ އޮފިސަރުން އައުމުން ސައުދާއި އޭނާގެ އާއިލާއަށް ގިނަ އަސަރުތަކެއް ކޮށްފައިވެ އެވެ. އެ ވަގުތު ސައުދާއި އޭނާގެ ބޮޑުދައިތަ ރޯ މަންޒަރު ދައްކުވައިދޭ ފޮޓޯތައް ވެސް ވަނީ އާންމުވެފަ އެވެ.
ސައުދު މިވަގުތު ހުރީ މެންބަރުކަން ގެއްލިފައި ވަނިކޮށް ރައްޔިތުންގެ މަޖިލީހަށް ވަތް މައްސަލާގައި ހައްޔަރުކޮށްފަ އެވެ. ސައުދަށް ވަނީ ހައިކޯޓްގެ ފަނޑިޔާރު ސުޖާއު އުސްމާން އަވަހާރަކޮށްލަން އުޅުނު ކަމުގެ ތުހުމަތުގައި ޓެރަރިޒަމްގެ ދައުވާ އުފުލާފަ އެވެ. އެ މައްސަލަ މިހާރު ކްރިމިނަލް ކޯޓަށް ފޮނުވާފައިވާއިރު އެ މައްސަލާގެ ޝަރީއަތް ފެށުމަށް އިއްޔެ ސައުދު ކުރިމިނަލް ކޯޓަށް ހާޒިރުކޮށް ލިޔެކިޔުންތައް ވަނީ ހަވާލުކޮށްފަ އެވެ.
މީގެއިތުރުން ވެސް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ވެސް ސައުދުގެ މައްސަލައެއް ދަނީ ބަލަމުންނެވެ. ސައުދު ވަނީ އޭނާގެ ގޮނޑި ގެއްލިއްޖެ ކަަމަށް އިލެކްޝަން ކޮމިޝަނުން ނިންމި ނިންމުން ސްޕްރީމް ކޯޓަށް ހުށަހަޅައި އޭނާގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅައި ދޭން އެދިފަ އެވެ.