އިދިކޮޅު ޕާޓީތަކުގެ އިސް ބޭފުޅުން މިއަދު ޕްރޮސިކިއުޓާ ޖެނަރަލް އައިޝަތު ބިޝާމްއާ ބައްދަލުކުރަން މަސައްކަތްކޮށްފި އެވެ. ނަމަވެސް ޕީޖީ ބިޒީކޮށް އުޅުއްވާތީ މިއަދު ބައްދަލުވާ ގޮތް ވަނީ ނުވެފަ އެވެ.
އިދިކޮޅު އިއްތިހާދުގެ ތަރުޖަމާނު އަހުމަދު މަހުލޫފް ވިދާޅުވީ، ޕީޖީއާ ބައްދަލުކުރުމަށް މީގެ 10 ވަރަކަށް ދުވަސްކުރިން އެދިފައިވާނެ ކަމަށާއި މިއަދު ޕާޖީ އޮފީހަށް އިދިކޮޅު ބޭފުޅުން ވަޑައިގަތީ ޕީޖީއާ މިއަދު ބައްދަލުވޭތޯ ބެލުމަށެވެ. ނަމަވެސް ޕީޖީ މިއަދު ބިޒީކޮށް އުޅުއްވާތީ މާދަމާ ނޫނީ އޭގެ އަނެއް ދުވަހަށް ވަގުތު ކޮޅެއް ހަމަޖައްސަވައިދެއްވާނެ ކަމަށް ޕީޖީ ދެންނެވި ކަމަށެވެ.
ޕީޖީއާ ހަވާލާ ދެއްވައި، މަހުލޫފް މިހެން ވިދާޅުވި ނަމަވެސް ޕީޖީ އޮފީހުން މިކަމާ ގުޅޭ ގޮތުން އެއްޗެއް ވިދާޅެއް ނުވެ އެވެ.
އިދިކޮޅު ފަރާތްތަކުގެ ފަރާތުން ޕީޖީއާ ބައްދަލުކުރެއްވުމަށް އެދި ފޮނުވި ސިޓީގައި، އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުންދަނީ ރާއްޖެއަށް ދިމާވެފައިވާ ސިޔާސީ މައްސަލަތައް ހައްލު ހޯދައިދެއްވުމަށް ކަމަށާއި އެ ކަންކަމަށް ޝަރުއީ ނިޒާމުގެ ތެރެއިން ހައްލު ހޯދުމަށް ކުރެވެން ހުރި ކަން ކަމާމެެދު މަޝްވަރާ ކުރުމަށް ބޭނުންވާ ކަމަށް ބުނެފައިވެ އެވެ. އަދި ގައުމުގެ ހަމަޖެހުމާއި ރައްޔިތުންގެ އަސާސީ ހައްގުތަކާއި މިނިވަންކަން ހިމާޔާތް ކުރުމަށް ކުރެވެން ހުރި ކަންކަމާމެދު ޕީޖީއާ މަޝްވަރާ ކުރުމަށް އެޕޮއިންޓްމަންޓެއް ހަމަ ހައްސައިދިނުމަށް އިދިކޮޅު ފަރާތްތަކުން ސިޓީގައި ބުނެފައި ވެއެވެ.
ޕީޖީއާއެކު އިދިކޮޅުގެ ފަރާތުން މަޝްވަރާ ކުރައްވާނީ އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހާއި ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒާއި އަދާލަތު ޕާޓީގެ ޑެޕިއުޓީ ލީޑަރު އަލީ ޒާހިރުގެ އިތުރުން ކުރީގެ ރައީސް މައުމޫނުގެ ފަރާތުން ޔުމްނާ މައުމޫން ކަމަށް ވެސް ސިޓީގައިވެ އެވެ. އެ ބޭފުޅުން މިއަދު ޕީޖީ އޮފީހަށް ވަޑައިގަތެވެ.
މިދިޔަ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ ދިފާއުގައި ތިބި ސިފައިންނާމެދު މެންބަރުން މާރާމާރީ ހިންގާފައިވާ ކަމަށް ބުނެ އެ މައްސަލާގައި މެންބަރުންނަށް އެންމެ އަވަހަށް ފިޔަވަޅު އެޅޭނެ ގޮތެއް ހޯދުމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް، ޕީޖީގެ ލަފާ ހޯއްދެވި ކަމަށް ވިދާޅުވެފައިވާތީ އިދިކޮޅު ފަރާތްތަކުން ވަރަށް ބޮޑަށް ގެންދަވަނީ ޕީޖީއަށް ފާޑުވިދާޅުވަމުންނެވެ.