ރައްޔިތުންގެ މަޖިލީހަށް ހާޒިރުވުމާއި މަޖިލީހުގެ މަސައްކަތްތައް ކުރުމުގެ އިންތިޒާމްތައް މަޖިލީހުން ހަމަޖައްސައިދޭން އެދި، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން ސިޓީއެއް ފޮނުއްވައިފި އެވެ.
ރިޝްވަތު ހުށަހެޅުމުގައި ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ފާރިސް މައުމޫންގެ ވަކީލް މައުމޫން ހަމީދު ފޮނުއްވި ސިޓީގައި ބުނެފައިވަނީ ދިއްގަރު ދާއިރާގެ މެންބަރުންގެ ހައިސިއްޔަތުން ގާނޫނު އަސާސީ އާއި ގާނޫނުތަކުން މަތިކޮށްފައިވާ ގާނޫނީ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ދެމިހުންނަން ބޭނުންވާ ކަމަށެވެ.
އެހެންކަމުން ޖަލްސާއެއް ނުވަތަ ކޮމެޓީގެ ބައްދަލުވުމެއް ތާވަލުކޮށްފިނަމަ އެކަން ލަސްނުކޮށް ފާރިސްއަށް އެންގުމަށާއި ޖަލްސާތަކަށާއި ކޮމެޓީތަކަށް ހާޒިރުވެވޭނެ އިންޒާމްތައް ހަމަޖައްސައިދިނުމަށް މަޖިލީހުގެ އަމީން އާންމު އަހުމަދު މުހައްމަދަށް އެޑްރެސްކޮށް ވަކީލް މައުމޫން ފޮނުއްވި ސިޓީގައިވެ އެވެ.
މީގެއިތުރުން ކޮމެޓީތަކާއި ޖަލްސާތަކަށް އެޖެންޑާކުރެވޭ ކަންކަމާ ގުޅޭ އެންމެހައި ލިޔެކިޔުންތައް ފޯރުކޮށްދިނުމާއި ހުށަހެޅިފައިވާ ކަންކަމާ ގުޅޭ ގޮތުން އެހެން މެންބަރުންނާއި ދިއްގަރު ދާއިރާގެ ރައްޔިތުންނާ މަޝްވަރާކުރެވޭނެ އިންތިޒާމް ވެސް ހަމަޖައްސައިދޭން އެދިފައިވެ އެވެ. އަދި، މަޖިލީހަށް ހުށަހެޅުމަށް ގަސްދުކުރާ ބިލްތައް ޑްރާފްޓްކުރުމާއި އެކަމާ ގުޅޭ ދިރާސާތައް ކުރުމަށް މަޖިލީހުގެ ސެކްރެޓޭރިއަޓްގެ ކަމާބެހޭ މުވައްޒަފުންނާ ބައްދަލުކުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭން ވެސް އެދިފައިވެ އެވެ.
ފާރިސް މަޖިލީހަށް ހާޒިރުކުރުމަކީ އިއުތިރާޒުކުރާ ކަމެއް ނޫން ކަމަށް ކުރިމިނަލް ކޯޓާއި ޕީޖީ އޮފީހުން ވަނީ ބުނެފަ އެވެ. ނަމަވެސް ކަރެކްޝަނަލް ސާވިސްއިން ބުނެފައިވަނީ ފާރިސް މަޖިލީހަށް ހާޒިރުކުރުމަކީ އެ ސާވިސްއަށް ގާނޫނު ލާޒިމުކުރާ ކަމެއް ނޫން ކަމަށެވެ. އެހެން ނަމަވެސް ފާރިސްގެ ވަކީލުން ބުނެފައިވަނީ، މަޖިލީހުގެ ގަވައިދުގައިވާ ގޮތުން ފާރިސް މަޖިލީހަށް ހާޒިރުކުރަންޖެހޭނެ ކަމަށެވެ.