ހަބަރު

ރިލްވާންއާމެދު ކަންބޮޑުވެ މައުމޫން ފުރަތަމަ ފަހަރަށް ޓްވީޓް ކުރައްވައިފި

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުނު މައްސަލައާ ގުޅޭ ގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ފުރަތަމަ ފަހަރަށް މިއަދު ޓްވީޓެއް ކުރައްވައިފި އެވެ. މިއަދަކީ ރިލްވާންއަށް ވީނުވީއެއް ނޭނގި ގެއްލުނުތާ ތިން އަހަރު ފުރުނު ދުވަހެވެ.

ރިލްވާން ގެއްލުނުތާ ތިން އަހަރު ފުރުމާ ގުޅިގެން ރައީސް މައުމޫން މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރިލްވާން ގެއްލުނުތާ ތިން އަހަރުވީިއިރު އެކަމާ ގުޅޭ ގޮތުން ފުލުހުންނަށް އެއްވެސް މައުލޫމާތެއް ނޭނގުމަކީ ކަންބޮޑުވާންޖެހޭ ހާލަތެއް ކަމަށެވެ.

ރިލްވާން ގެއްލުނު މައްސަލައާ ގުޅޭ ގޮތުން ރައީސް މައުމޫން ކަންބޮޑުވުން ފާޅުކުރައްވައި ޓްވީޓެއް ކުރެއްވި މިއީ ފުރަތަމަ ފަހަރެވެ. ނަމަވެސް ރާއްޖެޓީވީގެ ނޫސްވެރިންތަކެއް ކޯޓަށް ގެންދިޔަ ދުވަސްވަރު ރައީސް މައުމޫން ނެރެއްވި ބަޔާނެއްގައި ރިލްވާންގެ މައްސަލައަށް އިޝާރަތްކުރައްވައި އެކަމުގެ ހަގީގަތް ނުހޯދޭތީ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

ރިލްވާނަށް ވީގޮތެއް އަދިވެސް ފުލުހުންނަށް ހޯދިފައިނުވާ ކަމަށް ފުލުހުން ޝަރީއަތުގައި މަޖިލީހުގައި ބުނެފައިވާ ކަމަށް ރިލްވާންގެ އާއިލާއިން ވަނީ ބުނެފަ އެވެ.

ރިލްވާން ގެއްލުނު މައްސަލާގެ ތަހުގީގު މިހާތަނަށްވެސް ފުރިހަމަނުވާ އިރު މިދިޔަ އަހަރުގެ ކުރީކޮޅު ފުލުހުން ވަނީ ރިލްވާންގެ ތަހުގީގާ ގުޅޭ ބައެއް ވީޑިއޯތައް އާންމު ކޮށްފަ އެވެ. އަދި އެ ވީޑިއޯތަކަށް ބިނާކޮށް ފުލުހުން ބުނެފައި ވަނީ ރިލްވާން އަށް އެރޭ ދެ މީހަކު ފާރަލީ ކަމަށެވެ. އަދި އެ މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ކާރެއްގައި ހުރި އިސްތަށިން ހޯދުނު ޑީއެންއޭ ރިލްވާންގެ ޑީއެންއާއާ ދިމާވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

އެ މައްސަލާގައި ދެ މީހަކު ހައްޔަރުކޮށް ފަހުން އެކަށީގެންވާ ހެކި ނެތިގެން ދޫކޮށްލާފައިވެއެވެ.