ވިޔަފާރި

އެންޒީ މަހުގައި ފަތީންގެ "ޖާދުލުން"، ސަޝިމީ!

  • އެންޒީ ސްޓޯލުގައި ދިވެހި ގިނަ ބާވަތްތައް
  • މި ބާވަތްތަކުގެ ރަހަ ބެލުމުގެ ފުރުސަތު
  • އާ ބައެއް ޕްރޮޑަކްޓްތައްވެސް ހިމެނޭ

ކަނޑު މަހު ގަރުދިޔަ އާއި ރިހާ ކުރު ހަމައެކަނި ކެއުމުން ފުއްދައި ލެއްވޭކަށް ނެތެވެ. މަހުން އުފައްދާ އެކި ބާވަތްތައް ތަޖުރިބާ ކުރަން ދަމާ ހެއްޔެވެ. އެފަދަ ތަނަކަށް ދާނަމަ މިހާރު އެންމެ ފަސޭހަ އެއް ތަނަކީ ދަރުބާރުގޭގައި މިރޭގެ ނިޔަލަށް ކުރިއަށްދާ، ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސް (އެފްއެޗްއޭއެމް) ފެއާ އެވެ. އެތަނުގައި ހުރި އެންޒީ ސްޓޯލުން މި ބާވަތްތައް ލިބޭނެ އެވެ. މިތަނުގައި އެންމެ ހާއްސަ އެކަށްޗަކީ ތާޒާމަހުގައި ތައްޔާރުކުރާ "ސަޝިމީ" އެވެ. މިކަން ކުރުމުގައި "ޖާދޫ ދައްކަނީ" މަޝްހޫރު ކައްކާ އަހުމަދު ފަތީން އެވެ.

"މީ ކަމަކީ ހާދައޭ މީރޭ! މަހުގެ މީރު ރަހަ މި އެނގެނީ މީގެ އެތިކޮޅެއް ކައިލެވުނީމަ،" އެންސިސް ސްޓޯލުގައި ހުރި މީހަކު ސަޝިމީ ކޮޅެއް އަރުތެރެ އަށް ދިރުވައިލުމަށް ފަހު ދުންފަތުގައި ދޫހާކާލަމުން ބުނެލި އެވެ.

"ސަޝިމީ" އަކީ ތުނިކޮށް ކޮށާފައި ހުންނަ މަހުން ތައްޔާރު ކޮށްފައި ހުންނަ މީރު ކާނާ އެކެވެ.

ހޫނުކޮށްފައި ހުންނަ ހާއްސަ ސޯސް ގަނޑެއްގެ ތެރޭގައި ތެންމާލައިގެން ކައިލެވޭ ގޮތަށް ހުންނަ ސަޝިމީއަކީ ޖަޕަނީސް ފުޑްގެ އެންމެ މުހިންމު އެއް ބަހާ އެވެ. ދިވެހިންނަށް މި އާ ވި ނަމަވެސް މިއީ ދުނިޔޭގައި އެންމެ މަގުބޫލު އެއް ކާނާ އެވެ.

ހާއްސަކޮށް ދުނިޔޭގެ ހަތަރު ބިތުން ރާއްޖެ އަށް ޒިޔާރަތް ކުރާ މެހުމާނު ދިވެހި ފަސްގަނޑުގައި ފައި ޖެހިއްޖެނަމަ ސަޝިމީގެ ރަހަ ބަލާނެވެ. ސަޝިމީ އަރުތެރެ އަށް ވިރުވައިނުލާ މީހަކު ރާއްޖެ އަކަށް ނާންނާނެއޭ ވެސް ބުނެވިދާނެ އެވެ. މިހާރު ދަރުބާރުގޭގައި ހުރި އެންޒީ ސްޓޯލުން މީރެ ރަހަ ފަސޭހަކަމާއެކު އެހުރީ ލިބޭށެވެ. ހުޅުމާލޭގައި "އޮއިޝީ" ގެ ނަމުގައި ޖަޕާނުގެ ރަހަތަކަށް ހާއްސަ ރެސްޓޯރެންޓެއް ހިންގާ ފަތީން މިވަނީ އެންޒީ ސްޓޯލުގައި މިކަން ކޮށްދެމުންނެވެ.

ސަޝިމީގެ ފައިދާތައް

  • ކެލޮރީ މަދުވާނެ
  • އޮމެގާ ތްރީ ފެޓީއެސިޑް ގިނަ
  • މަތީ އަދަދަކަށް ޕްރޮޓީން ހިމެނޭ
  • ވިޓަމިންގެ ބާވަތްތަކުން މުއްސަނދި

އެންޒީގެ ސްޓޯލުގައި ސަޝިމީގެ އިތުރުންވެސް ދިވެހި ގިނަ އުފެއްދުންތަކެއް އެބަހުއްޓެވެ. ދިވެހި ގިނަ ބާވަތްތަކެއް ފެންވަރު ރަނގަޅު ޕެކިންގައި ބަންދު ކުރަމުން ގެންދާ އެންޒީގެ ސްޓޯލުގައި ހުރި އެހެން އެއްޗިހީގެ ތެރޭގައި ރިހާކުރާއި ހެދިކާގެ ގިނަ ބާވަތްތައްވެސް ހިމެނެ އެވެ.