ޏ. ފުވައްމުލަކުގައި 2010 ވަނަ އަހަރު ހިންގި މާރާމާރީއެއްގައި އެރަށު މެކޯ އަބްދުﷲ ޝުހާދު މަރާލިކަމުގެ ދައުވާލިބުނު ހަސަން ފަރީދު މެރުމަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމަށް ހައިކޯޓުން މިއަދު ތާއިދުކޮށްފި އެވެ.
މީގެ ހަތް އަހަރު ކުރިން ޖެނުއަރީ، 2010 ގައި ފުވައްމުލަކު ދޫނޑިގަމް އަވަށުގެ ޒުވާނުންތަކަކާއި ހޯދަޑު އަވަށުގެ ޒުވާނުންތަކެއްގެ މެދުގައި ހިންގި އެ މާރާމާރީގައި އަނިޔާވި ޝުހާދު މަރުގެ މައްސަލާގައި ފަރީދު މަރަން ކުރިމިނަލް ކޯޓުން ހުކުމް ކުރީ 2015 ވަނަ އަހަރުގެ މެއި މަހު އެވެ.
ހައި ކޯޓުގައި މިއަދު ހެނދުނު ބޭއްވި އަޑުއެހުމުގައި ހުކުމް އިއްވަވަމުން ފަނޑިޔާރު އަލީ ސަމީރު ވިދާޅުވީ ޝުހާދަށް ފަރީދު ހަމަލާދިން ކަމަށް ހަތް މީހަކު ހެކިބަސް ދީފައިވާ ކަމަށާއި ޝުހާދު މަރުވެފައިވަނީ އޭނާގެ އަރިކަށްޓަށް ލިބުނު ޒަހަމްތަކުގެ ސަބަބުންކަން އޭނާގެ މެޑިކޯ ލީގަލް ރިޕޯޓުން އެނގޭ ކަމަށެވެ. އެހެންވެ ޝުހާދަށް ހަމަލާދީ އޭނާ މަރާލިކަން ފަރީދުގެ މައްޗަށް ސާބިތުވާއިރު ޝުހާދުގެ ވާރިސުންގެ ގޮތުގައި ތިބި އޭނާގެ މަންމަ އާއި ބައްޕަ ވެސް ބޭނުންވަނީ ފަރީދުގެ ކިބައިން މަރަށް މަރު ހިފަން ކަމަށް އެ ދެ މީހުން ބުނެފައިވާތީ ފަރީދުގެ އަދަބަކީ މެރުން ކަމަށެވެ.
ފަރީދާ ދެކޮޅަށް ސިއްރުން ހަތް މީހަކު ކޯޓުގައި ކުރިން ހެކިބަސް ދީފައިވާއިރު އެ އެންމެން ވެސް ބުނެފައިވަނީ ޝުހާދަށް ހަމަލާދިނީ ފަރީދު ކަމަށެވެ.
ފަރީދު މަރަން ކުރިމިނަލް ކޯޓާއި ހައިކޯޓުން ހުކުމްކުރި ނަމަވެސް އެ ހުކުމް ތަންފީޒު ކުރުމާ ހަމައަށް ދެވޭނީ ސުޕްރީމް ކޯޓުން އެކަމާ ގުޅޭ ގޮތުން ގޮތެއް ނިންމުންނެވެ. ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން 30 ދުވަހުގެ މުއްދަތެއް ފަރީދަށް ލިބޭނެ އެވެ. އެ މުއްދަތުގައި ފަރީދު ސުޕްރީމް ކޯޓަށް ނުގޮސްފިނަމަ ދައުލަތުން އެ ހުކުމަކީ ނިހާއީ ހުކުމެއްތޯ ކަށަވަރުކުރަން ސުޕްރީމް ކޯޓަށް ހުށަހަޅަންޖެހޭނެ އެވެ.