ހަބަރު

އިއްސެ މަރާލި ބިދޭސީ މީހާގެ ޝަރީއަތް މިއަދު ފަށަނީ

ހއ. އިހަވަންދޫ އައިސްޕްލާންޓް ތެރޭގައި މަރާލާފައި އޮތް އިސްމާއިލް އުމަރު މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތުކުރާ ބިދޭސީމީހާގެ ޝަރީއަތް މިއަދު ފެށުމަށް ހަމަޖެހިއްޖެ އެވެ.

އިއްސެ މަރާލި މައްސަލާގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އުފުލާފައިވާ ބަންގްލަދޭޝްގެ ސުމޮން މިއާގެ ޝަރީއަތް ފެށުމަށް މިއަދު މެންދުރުފަހު 2:30 އަށް ވަނީ ޝަރީއަތުގެ އަޑުއެހުމެއް ތާވަލުކޮށްފަ އެވެ.

ސުމޮން މިއާގެ އިތުރުން ވެސް މި މައްސަލާގެ އިތުރު ދެ ބިދޭސީއަކަށް ދައުވާކުރެ އެވެ. އެ ދެ ބިދޭސީންއަށް ކުރަނީ މަރެއް ފޮރުވުމުގެ ދައުވާ އެވެ. އެ ދެ މީހުންގެ އަޑުއެހުމެއް އަދި ތާވަލެއް ނުކުރެ އެވެ.

އައިސްޕްލާންޓްގެ މެކޭނިކެއްގެ ގޮތުގައި މަސައްކަތް ކުރި އުމުރުން 54 އަހަރުގެ އިއްސެ މަރާލާފައި އޮއްވާ ފެނުނީ މިދިޔަ ޖޫން މަހުގެ 16 ވަނަ ދުވަހު އެވެ. އެ މައްސަލައިގެ ތުހުމަތުގައި ފުލުހުން ފުރަތަމަ ވެސް އެ ރަށުން ހައްޔަރު ކުޔރީ ބިދޭސީ އެކެވެ. އެއީ ސުމޮން މިއާ އެވެ. އިއްސެ މަރާލި ކަމަށް ފުލުހުންގެ ތަހުގީގުގައި އޭނާ ވަނީ އިއުތިރާފުވެފަ އެވެ.

އަޑުފެތުރުފައިވާ ގޮތުގައި ބިދޭސީންތަކެއް އޭނާ މަރާލީ ފައިސާތަކެއްގެ މައްސަލައިގަ އެވެ. ފުލުހުން ބުނީ އެ މައްސަލައިގައި މިހާތަނަށް ހައްޔަރުކޮށްފައި ވަނީ ހަ ބިދޭސީ އިން ކަމަށެވެ.