ދުނިޔެ

ހިޔާނާތުގެ ތުހުމަތާ އެކު ލަންކާގެ ހާރިޖީ ވަޒީރު އިސްތިއުފާ ދެއްވައިފި

Aug 10, 2017
1

ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ފެންމަތިވެފައިވާ ލަންކާ ފޮރިން މިނިސްޓަރު ރަވީ ކަރުނަޔަކެ މިއަދު މަގާމުން އިސްތިއުފާދެއްވައިފި އެވެ. އޭނާ މަގާމުން އިސްތިއުފާދެއްވީ، އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހަށް އޭނާ މިއަދު ދެއްވި ހާއްސަ ބަޔާނެއްގަ އެވެ.

މިނިސްޓަރު ރަވީ އިސްތިއުފާ ދެއްވަން އެގައުމުގެ ރައީސް މައިތިރި ޕާލާ ސިރިސޭނާ މީގެ ކުރިން ވަނީ އޭނާއަށް އަންގަވައިފަ އެވެ. ރަވީގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތު ކުރެވެނީ، ލަންކާއިން 2015 ވަނަ އަހަރު ވިއްކި ބޮންޑްގެ ބޮޑު ބައެއް ގަނެފައިވާ ކުންފުނިން ރަވީގެ ނަމުގައި ކުއްޔަށް ހިއްޕަވާފައިވާ ލަގްޒަރީ އެޕާޓްމަންޓަކަށް ކުލި ދެއްކި ކަމަށް ބުނެ އެވެ.

ޕާޕެޗުއަލް ޓްރެޒަރީސް ލިމިޓެޑް ނަމަކަށް ކިޔާ އެކުންފުންޏަށް ބޮންޑުތަކުގެ ދެބައިކުޅަ އެއްބައި ވިއްކި އިރު އެ ކުންފުންޏަކީ ލަންކާ ސެންޓްރަލް ބޭންކްގެ އޭރުގެ ގަވާނާ އަރުޖުނާ މަހެންދުރަންގެ ދަނބިދަރިއަކުން ހިންގަމުން އަންނަ ކުންފުންޏެއްގެ ސަބްސިޑަޔަރީއެކެވެ.

މަަސްލަހަތު ފުށުއަރާގޮތަށް ކޮށްފައިވާ އެ މުއާމަލާތުގެ މައްސަލަ ލަންކާ ރައީސް އުފެއްދެވި ކޮމިޝަނަކުން މިހާރު ވަނީ ބަލަން ފަށާފަ އެވެ. އަދި އެގައުމުގެ ސެންޓްރަލް ބޭންކުން ވެސް މިހާރު ވަނީ އެކުންފުނީގެ މަސަައްކަތްތައް ހުއްޓުވާފަ އެވެ.

އެ މުއާމަލާތައް ހިންގި އިރު ރަވީ ކަރުނަޔަކެ ހުންނެވީ ފިނޭންސް މިނިސްޓަރުކަމުގައެވެ. ލަންކާގެ ރައީސް މައިތިރިޕާލަ ސިރިސޭނާގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން އޭނާ ވަނީ މިއަހަރު މޭމަހު ރާއްޖެއަށް ދަތުރުފުޅެއް ކުރައްވާފައެވެ. އަދި އެއީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ ވެސް ގާތްގުޅުންތަކެއް ބޭއްވެވި ބޭފުޅެކެވެ.