އެއްވެސް ސިޔާސީ ޕާޓީއެއްގެ ޖަގަހައެއް ހަދަން ބިމެއް ދޫކޮށްފައިނުވާނެ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
ހައުސިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ، މާލޭ ހިޔާގެ ހުސް ބިން ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ތިން ފަހަރެއްގެ މަތިން އިއުލާންކުރި ކަމަށެވެ. އަދި އެ ބިން ދޫކުރީ އެންމެ ގިނައިން މާކްސް ހޯދި ފަރާތަށް ކަމަށެވެ. އެ ފަރާތެއް މިނިސްޓްރީން ހާމައެއް ނުކުރެ އެވެ.
މިނިސްޓްރީގެ ބަޔާނުގައި ވަނީ އެ ބިމުގައި ޕާޓީއެއްގެ ޖަގަހަ ހެދުމަށް ދޫކޮށްފައިނުވާނެ ކަމަށާއި އެތަނުގައި މަސައްކަތް ކުރުމަށް މިނިސްޓްރީގެ މުވައްޒަފުން ވެސް ވީއްލާފައި ވެސް ނުވާނެ ކަމަށެވެ.
"ސިޔާސީ އެއްވެސް ޕާޓީއަކަށް ޖަގަހަ ހެދުމުގެ ނަމުގައި އެއްވެސް ބިމެއް މި މިނިސްޓްރީގެ ފަރާތުން ދޫކޮށްފައެއް ނުވާނެ،" މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.
ހައުސިން މިނިސްޓްރީން މިހެން ބުނިއިރު، އެ ބިމުގައި ޕީޕީއެމްގެ ޖަގަހައެއް ތައްޔާރުކުރަމުންދާކަން ޕީޕީއެމްގެ އިސް ބޭފުޅުން ފޮޓޯއެއް އާންމުކުރައްވައި ވަނީ ހާމަކުރައްވާފަ އެވެ. ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ މިއަދު އެތަނުގެ ކުރިމަތީގައި ހުރެ ނަންގަވާފައިވާ ފޮޓޯއަކާ އެކު ކުރެއްވީ ޓްވީޓްގައި ވިދާޅުވީ ރައީސް އަބުދުﷲ ޔާމީންގެ 2018 ގެ ކެމްޕެއިން ޖަގަހަ ނިމެމުންދާ ކަމަށެވެ.
އެފޮޓޯ އިން ފެންނަ ގޮތުގައި އެ ޖަގަހަ ހަދާފައި ވަނީ ދެބުރިއަށެވެ. އެ ފޮޓޯގައި އަބުދުއްރަހީމްގެ އިތުރުން ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި އަދި ދާދި ފަހުން ޕީޕީއެމްއާ ގުޅިވަޑައިގަތް ރައްޔިތުން މަޖިލީހުގެ ނައިބް ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު ވެސް ހުންނެވި އެވެ.
މާލޭހިޔާގައި އޮތް ހުސް ބިމަކީ މީގެ ކުރިން ފުރުގާނު މިސްކިތް ތަޅާލުމަށްފަހު އެ މިސްކިތް ހުޅުވަންދެން ވަގުތީ މިސްކިތެއް ވެސް އެޅި ބިމެކެވެ. އެ ޖަގަހަ އާއި ބެހޭގޮތުން ޕީޕީއެމުން ރަސްމީ ކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.