ދުނިޔެ

ފުކުޝީމާ ރިއެކްޓަރު ހުރި ތަނުން ދެވަނަ ބޮޑު ހަނގުރާމައިގެ ބޮމެއް ފެނިއްޖެ

ޖަޕާނަށް 2011 ވަނަ އަހަރު އައި ބިންހެލުމާއި ސުނާމީގައި ހަލާކުވި ނިއުކްލިއަ ރިއެކްޓަރު ހުރި ތަނުން ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރުގެ ބޮމެއް ފެނިއްޖެއެވެ.

ފުކުޝީމާގެ ނިއުކްލިއަ ޕަވަޕްލާންޓް ހިންގަމުން އައި ޓޯކްޔޯ އިލެކްޓްރިކް ޕަވަ ކޯ( ޓެޕްކޯ)ގެ އޮފިޝަލުންނާ ހަވާލާދީ ބީބީސީ ބުނީ ނުގޮވައި އޮތް ބޮމެއް ފެނުނީ ރިއެކްޓަރު ހުރި ސަރަހައްދުގައި ޕާކިން އޭރިއާއެއް ހަދަން މަސައްކަތް ކުރި ބަޔަކަށް ކަމަށެވެ. ފެނުނު ބޮމަކީ އެމެރިކާގައި އުފައްދާފައިވާ ބޮމެއް ކަމަށް ވަނީ ބެލެވިފައެވެ.

ބޮން ފެނިފައި މިވަނީ ހަލާކުވެފައިވާ ރިއެކްޓަރުގެ ބާރު ކަނޑައިލުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ. އެމަސައްކަތަށް 40 އަހަރު ހޭދަވާނެއެވެ.

ޓެޕްކޯގެ ސައިޓްގައި 2011 ވަނަ އަހަރު ހިނގި ހާދިސާއަކީ 1986 ވަނަ އަހަރު އޭރުގެ ޔޫއެސްއެސްއާރުގެ ނިއުކްލިއަ ސައިޓެއް ކަމަށްވާ ޗެރްނޮބީލްގައި ހިނގި ހާދިސާގެ ފަހުން ދުނިޔޭގައި މިހައިތަނަށް ހިނގި އެންމެ ނުރައްކާތެރި ނިއުކްލިއަ އެކްސިޑެންޓެވެ. އެހާދިސާގެ ސަބަބުން ސީދާ ގޮތެއްގައި މީހަކު މަރު ނުވިޔަސް އެސަރަހައްދުން މީހުން ހުސްކުރުމުގެ ތެރޭގައި މީހުން ހައްޔަރުކޮށްފައި ވާތީ ޓެޕްކޯގެ ކުރީގެ ވެރިންނާ ދެކޮޅަށް ކޯޓުގައި ވަނީ ދައުވާ އުފުލާފައެވެ. އެމީހުންނާ ދެކޮޅަށް އުފުލާފައި ވަނީ އިހުމާލުވުމުގެ ކުށުގެ ދައުވާއެވެ.

ދެވަނަ ބޮޑުހަނގުރާމަ ނިމުނުތާ 70 އަހަރުވީ އިރު ވެސް އެ ހަނގުރާމައިގައި އަޅާފައިވާ ބޮންތަކުގެ ތެރެއިން ނުފެނި ހުރި ބޮން ފެނުމަކީ ޖަޕާނުގައި އާއްމު ކަމެކެވެ. ފުކުޝީމާއަކީ ކުރިން ޖަޕާނު ސިފައިންގެ މަރުކަޒެއް ހުރި ތަނެކެވެ.