ބޮލީވުޑް

ސަލްމާންގެ ޅިޔަނުގެ ފިލްމަށް ޑައިރެކްޓަރަކު ނުލިބިފައި

Aug 12, 2017

ސުޕަސްޓާ ސަލްމާން ޚާންގެ ކޮއްކޮ، އަރްޕިތާ ޚާންގެ ފިރިމީހާ އާޔުޝް ޝަރްމާ ބޮލީވުޑަށް ނެރެން ސަލްމާން މަސައްކަތް ކުރަމުން އަންނަ ކަމުގެ ވާހަކަތައް ދެކެވޭތާ ދުވަސްތަކެއް ވެއްޖެ އެެވެ.

އާޔުޝް ބޮލީވުޑަށް ނެރުމަށް ސަލްމާން ބައެއް ޕްރޮޑިއުސަރުންނާ ވެސް ވާހަކަދައްކާފައިވާއިރު، ފަހުން ވަނީ އާޔުޝް ބޮލީވުޑަށް ނިކުންނާނީ އޭނާ އުފައްދާ ފިލްމަކުން ކަމަށް ނިންމާފަ އެވެ.

މީގެކުރީގެ ހަބަރުތައް ބުނާގޮތުން އާޔުޝް ބޮލީވުޑަށް ނެރޭ ފިލްމަކަށް "ރާތް ބާކީ" ހެދުމަށް ސަލްމާން ވަނީ އެ ފިލްމުގެ ރައިޓްސް ކަރަން ޖޯހަރު އަތުން ގަނެފަ އެވެ. ނަމަވެސް ފަހުން ވާހަކަތައް ދެކެވުނު ގޮތުގައި އެ ފިލްމު ކުޅެނީ ސަލްމާނާއި ކުރީގެ ލޯބިވެރިޔާ ކެޓްރިނާ ކައިފް އެވެ.

އޭގެފަހުން އެކްޓަރު ސައިފް އަލީ ޚާން އާއި އަމްރިތާ ސިންގް އަންހެން ދަރިފުޅު ސާރާ އަލީ ޚާން އާއެކު، އަބީޝެކް ކަޕޫރު ޑައިރެކްޓްކުރާ ފިލްމު "ކެދާރްނަތް" ގެ ބަތަލުގެ ރޯލުން އާޔުޝް ފެނިގެންދާނެ ކަމަށް ބުނެވެން ފެށި އެވެ. ނަމަވެސް ފިލްމުގެ ތަރިން ހަމަޖެއްސިއިރު އެ ރޯލު ކުޅެން ހަމަޖެއްސީ ސުޝާންތް ސިންގް ރާޖްޕުތެވެ.

އެއާއެކު ސަލްމާން ވަނީ އަލުން އާޔުޝް ބޮލީވުޑަށް ނެރުމުގެ މަސައްކަތާ ހަވާލުވެފަ އެވެ. އެގޮތުން ފިލްމެއް ހޯދައި އޭނާ ވަނީ އެ ފިލްމުގެ ބަތަލާގެ ރޯލު ކުޅެން ޓީވީ ތަރި އަދި އަކްޝޭ ކުމާރުގެ "ގޯލްޑް" އިން ބޮލީވުޑަށް ނިކުންނަ މޯނީ ރޯއި ހަމަޖައްސާފައި ކަމަށް ހަބަރުތައް ބުނެ އެވެ.

އެހެންނަމަވެސް އެ ފިލްމަށް މި ފަހަރު ދިމާވަނީ ޑައިރެކްޓަރަކު ނުލިބުމުގެ މައްސަލަ އެވެ. އެގޮތުން ކުރިން އެ ފިލްމު ޑައިރެކްޓްކުރަން ދެ ޑައިރެކްޓަރާ ހަވާލުކުރި ނަމަވެސް ސަލްމާނާ ހިޔާލު ތަފާތު ވާތީ އެ ދެމީހުން ވެސް ވަނީ ފިލްމު ދޫކޮށްލާފަ އެވެ.

އަލުން ޑައިރެކްޓަރަކު ވެސް ހޯދުމުގެ މަސައްކަތް ސަލްމާން ކުރަމުން އަންނައިރު، އަދި އެ ފިލްމު ޑައިރެކްޓްކުރަން ރައްޔާރަށް ހުރި މީހަކާ ދިމާނުވާ ކަމަށްވެ އެވެ.

ލޯބީގެ ވާހަކައެއްގެ މައްޗަށް އުފައްދާ އެ ފިލްމަށް ކިޔާފައިވާ ނަމަކީ "ނަވްރާތްރީ" އެވެ، އިންޑިއާގައި ވަރަށް ކުަލަގަދަކޮށް ފާހަގަކުރަމުން އަންނަ ފެސްޓިވަލެއް ކަމަށްވާ ނަވްރާތްރީއާ ގުޅުވައިގެން އުފައްދާ މި ފިލްމަށް ކީ ނަމާ މެދު ގަޔާނުވެގެން އެއް ޑައިރެކްޓަރަކު މި ފިލްމު ވަނީ ދޫކޮށްލާފަ އެވެ.

ސަލްމާން މިހާރު "ޓައިގާ ޒިންދާހޭ" ގެ ޝޫޓިން އަބޫދާބީ ގައި ނަގަމުން އަންނައިރު، އޭނާ އިންޑިއާ އަށް އެނބުރި އައިސް މި ފިލްމު ޑައިރެކްޓްކުރާނެ މީހަކު ހަމަޖައްސާނެ ކަމަށްވެ އެވެ. ފިލްމުގެ ޝޫޓިން ފެށުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ފަހުކޮޅު އެވެ.

ސަލްމާނާއި އެކި ޑައިރެކްޓަރުންނާ މެދު ފިލްމާ ގުޅިގެން ހިޔާލު ތަފާތު ވަމުން އަންނައިރު، މި ފިލްމު ޑައިރެކްޓްކުރާނެ މީހަކު ފަސޭހައިން ވާނެ ހެނެއް ހިޔެއްނުވެ އެވެ. ސަލްމާނާ ޒާތީ ގޮތުން ޖެހޭ ކޮންމެ މީހެއްގެ ކެރިއަރު ހަލާކުވެފައިވާއިރު، މި ފިލްމު ޑައިރެކްޓްކުރަން މީހަކު ހަވާލުވެދާނެ ތޯ އެއީ އުފެދޭ ސުވާލެކެވެ.