ހަބަރު

މާލޭ ހިޔާ ބިމުގައި ޖަގަހަ ހަދަނީ ކޮރަޕްޝަންގެ ތެރެއިން: މަހުލޫފް

ދައުލަތުގެ ބިމެއްގައި ރައީސް އަބްދުﷲ ޔާމީންގެ ކެމްޕެއިން ޖަގަހެއް ކޮރަޕްޝަނާ ނުލާ ހެދޭނެ ގޮތެއް ނެތް ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް މިއަދު ވިދާޅުވެއްޖެ އެވެ.

ކުޒޫނުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މަހުލޫފް ވިދާޅުވީ، މާލޭ ހިޔާގެ ހުސް ބިމަކީ ބޮޑު ބިމެއް ކަމަށާއި އެ ބިމުގައި ރައީސް ޔާމީންގެ ސިޔާސީ ކެމްޕެއިންތައް ހިންގަން ޖަގަހައެއް ހެދިގެން ނުވާނެ ކަމަށެވެ. އެ ބިން ބޭނުން ކުރަން ޖެހޭނީ ރައްޔިތުންނަށް އެންމެ ފައިދާވާ ގޮތަށް ކަމަށެވެ.

"ދިވެހި ރައްޔިތުންގެ މާލޭ ރައްޔިތުންގެ ބިމުގަ ރައީސް ޔާމީންގެ ޖަގަހަ ނުހެދޭނެ، އެކަން އެހެނެއް ނުކުރެވޭނެ، އެކަމަކީ ސީދާ އެކަމުގައި ކޮރަޕްޝަން އެކުލެވިގެންދާ ކަންކަން، އެކަމަކީ ފަހުން ބަލާ ތަހުގީގު ކުރެވޭނެ ކަންކަން، އެކަންކަން ކަމުގައި ބައިވެރިވި ފަރާތްތަކަށް ފިޔަވަޅު އެޅޭނެ ކަންކަން،" މަހުލޫފް ވިދާޅުވި އެވެ.

މާލޭ ހިޔާގެ ބިމުގައި ސިޔާސީ ޕާޓީއެއްގެ ޖަގަހައެއް ހަދާތީ ހައުސިން މިނިސްޓްރީއަށް ފާޑުކިޔުންތައް އަމާޒުވުމުން އެ މިނިސްޓްރީން ވަނީ ޖަގަހައެއް ހަދަން އެ ބިން ދޫނުކުރާ ކަމަށް ބުނެފަ އެވެ. އެ ބިން ދޫކޫރީ އެ ތަނުގައި ކެފޭއެއް ހަދަން ބިޑް ހުށަހެޅި ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ހޯދި ފަރާތަށް ކަމަށެވެ. އެކަމާ ގުޅިގެން ޕީޕީއެމްގެ ނައިބު ރައީސް އަބްދުލް ރަހީމް އަބްދުﷲ ވިދާޅުވީ، މާލޭ ހިޔާގެ ހުސް ބިމުގައި ޕީޕީއެމްގެ ޖަގަހައެއް ހަދަނީ މީހެއްގެ އަތުން ބިން ކުއްޔަށް ނަގައިގެން ކަމަށާއި އެ ބިން ހޯދީ ކޮރަޕްޝަނުގެ ތެރެއިން ނޫން ކަމަށެވެ.

އެ ބިން މިނިސްޓްރީން ދޫކުރި ބޭނުން ނޫން އެހެން ބޭނުމެއްގައި ބޭނުން ނުކުރެވޭނެ ކަމަށް ބުނެ އެ މައްސަލަ ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ވެސް ހުށަހަޅާފަ އެވެ. ޕީޕީއެމްގެ ޖަގަހަ އެ ބިމުގައި ހަދަނީ މަތީގައި ރެސްޓޯރެންޓެއް ވެސް ހިންގާ ގޮތަށެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މަހުލޫފް ވިދާޅުވީ، ދައުލަތުގެ ބިމެއް ކަމަށްވާ ވެސްޓް ޕާކް ބިމުގައި ވެސް ޕީޕީއެމްގެ ޖަގަހައެެއް ހަދަމުންދާ ކަމަށާއި ޖަގަހަ ހަދައިގެން އެ ބިންތައް ބޭނުން ކުރުމަކީ ބިންތަކުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ބޭނުން ކުރުން ނޫން ކަމަށެވެ.

"ވެސްޓް ޕާކްގަ ވެސް ޕީޕީއެމްގެ ޖަގަހައެއް ހަދާ ވާހަކަ އެބަ ދައްކާ، މިހެނެއް މިކަންކަމެއް ނުކުރެވޭނެ، އެތައް ނިކަމެތި ހާލެއްގަ މާލޭގަ ރައްޔިތުން ދިރިއުޅެމުން މިދަނީ، މާރަނގަޅޭ ނޫންތޯ ޕީޕީއެމް ޖަގަހަ ހެދިތަނުގަ ނިކަމެތި ރައްޔިތުންނަށް އެތަނުގަ ފްލެޓް އަޅަން އެ ބިން ހުސްކޮށްލަ ދިނިއްޔާ، މިހާރު މުޅިން ވެސް ފްލެޓް އަޅަނީ މުއްސަނދިންނަށް ފްލެޓް ލިބޭ ހިސާބުގަ، ފުދޭވަރަކަށް ބޮޑު ބިމެއް އޮތް ތަނެއް އެއީ، އެހެންވީމަ މާރަނގަޅޭ ނޫންތީ ޖަގަހައިގެ ބަދަލުގައި އެތަނުގައި ނިކަމެތި ރައްޔިތުންނަށް ބޯހިޔާވެހިކަމެއް ލިބޭނެ ގޮތަކަށް އެތަން ހެދިއްޔާ،" މަހުލޫފް ވިދާޅުވި އެވެ.

ގަދަ ބާރުން ބިންތައް "ފެލައިލައިގެން" ރައީސް ޔާމީނަށް ތާއިދު ނުހޯދޭނެ ކަމަށާއި އެ ޖަގަހަތަކަށް ވަންނާނެ ރައްޔިތަކު ވެސް ނުވާނެ ކަމަށް މަހުލޫފް ވިދާޅުވި އެވެ. އެ ޖަގަހަތަކުގެ މަސައްކަތުގައި މިނިސްޓްރީ އާއި އެމްއާރްޑީސީގެ ވެހިކަލްތައް އަދި މުވައްޒަފުން ބޭނުންކުރާ މައްސަލަ ވެސް މަހުލޫފް ފާހަގަކުރެއްވި އެވެ. ޖަގަހައިގެ މަސައްކަތުގައި މިނިސްޓްރީގެ މުވައްޒަފުން ހަރަކާތްތެރިވަމުންދާ ވާހަކަ މިނިސްޓްރީން ވަނީ ދޮގުކޮށްފަ އެވެ.

މަހުލޫފް ވިދާޅުވީ، ޕީޕީއެމްއަށް އޮތްކަން ދައްކަން މިހާރު ރަށްރަށުގައި ކުރިއަށް ގެންދަން ހަރަކާތްތަކަށް ދިޔުމަށް ސިވިލް ސާވިސް މުވައްޒަފުންނާއި ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރުކުރަމުންދާ ކަމަށް މަހުލޫފް ވިދާޅުވި އެވެ. އަދި އެ ހަރަކާތްތަކުގައި ބައިވެރިނުވާ މުވައްޒަފުންނަށް އެކިއެކި ފިޔަވަޅުތައް އަޅަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. ހައުސިން މިނިސްޓްރީ އިން ބުނެފައި ވަނީ އެޖަގަހައިގެ މަސައްކަތުގައި އެ މިނިސްޓްރީގެ އެއްވެސް މުވައްޒަފަކު ބައިވެރިކޮށްފައި ނުވާނެ ކަމަށެވެ.

މީގެއިތުރުން ފަސްޓްލޭޑީ މެޑަމް ފާތިމަތު އިބްރާހިމް ހިންގާ ހަރަކާތްތަކަށް ސަރުކާރުގެ ކުންފުނިތަކުން ސްޕޮންސާ ދިނުމަކީ ވެސް މައްސަލައެއް ކަމަށް މަހުލޫފް ވިދާޅުވި އެވެ. އެސްޓީއޯގެ ހަރަދުގައި ކުޑަކުދިންގެ ހަރަކާތެއް ހިންގާފަ އެއީ ޕީޕީއެމްގެ އިވެންޓެއް ކަމަށް ބުނި ނަމަވެސް އެއީ އެކަން ކުރެވިގެންވާނެ ގޮތް ނޫން ކަމަށް މަހުލޫފް ވިދާޅުވި އެވެ.