މަޑުއްވަރީ ދާއިރާގެ މެންބަރުކަމުން ވަކިވެފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނާ މުހައްމަދު އަމީތާއި ވިލިގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިންގެ ބަންދަށް ހަތަރު ދުވަސް މިއަދު ކުރިމިނަލް ކޯޓުން ޖަހައިފި އެވެ.
އަމީތާއި ސައުދު ހައްޔަރުކޮށްފައި ވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު އިދިކޮޅު މެންބަރުންނާ އެކު އޭނާ ވެސް މަޖިލީހަށް ވަދެފައިވާތީ އެވެ. ފުލުހުން އެ ދެ މެންބަރުން ހައްޔަރު ކުރީ ކޯޓް އަމުރެއްގެ ދަށުން އެވެ. ފުލުހުން އަމީތާއި ސައުދުގެ މައްޗަށް ކުރާ ތުހުމަތަކީ އޭނާ މަޖިލީހުގެ މެންބަރުކަމުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް އިން ނިންމާފައި ވަނިކޮށް އާންމު މީހެއްގެ ގޮތުގައި ހުރެ އޭނާގެ މަޖިލީހުގެ ތެރެއަށް ވަދެފައިވާތީ އެވެ. އެދެ ބޭފުޅުންގެ ގޮނޑީގެ މައްސަލަ ސުޕްރީމް ކޯޓުން މިހާރު ދަނީ ބަލަމުންނެވެ.
ފުރަތަމަ އަމީތާއި ސައުދުގެ ބަންދަށް ވެސް ޖެހީ 15 ދުވަހެވެ. އެ މުއްދަތު މިއަދު ހަމަވެފައިވާއިރު 15 ދުވަހަށް އެ ދެ ބޭފުޅުން ބަންދުކުރި މައްސަލަ ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފަ އެވެ. އަދި މިހާރު އެ މައްސަލަތަކުގެ އަޑުއެހުންތައް ވެސް ވަނީ ނިންމާލާފަ އެވެ.
މީގެ އިތުރުން ފަނޑިޔާރަކު އަވަހާރަކޮށްލަން ރޭވިކަމުގެ ތުހުމަތުގައި ސައުދުގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ދައުވާއެއް އުފުލައިފަ އެވެ.
އަމީތުގެ އިތުރުން ހަމަ އެ މައްސަލައިގެ ތުހުމަތުގައި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. ވައްޑެގެ ގޮނޑީގެ މައްސަލަ ވެސް ސުޕްރީމް ކޯޓުން މިހާރު ދަނީ ބަލަމުންނެވެ. މާދަމާ ވެސް މި މައްސަލަތަކުގެ އަޑުއެހުމެއް ސުޕްރީމް ކޯޓުގައި ވަނީ ތާވަލުކޮށްފަ އެވެ.