ހަބަރު

މެންބަރުންގެ ހައްގުތައް ދެން ހޯދައިދެވޭނީ ސުޕްރީމް ކޯޓަށް: ސައުދު

Aug 13, 2017
2

ރައްޔިތުން މަޖިލީހުގެ މެންބަރުންގެ މިނިވަންކަން އެކީ އެކަށް ނަގާލާފައިވާ ކަމަށާއި ގެއްލިފައިވާ މިނިވަންކަމާއި މެންބަރުންގެ ހައްގުތައް ހޯދައިދެވޭނީ ދެން ސުޕްރީމް ކޯޓަށް ކަމަށާއި އެއީ ހަމައެކަނި އުންމީދު ކަމަށް އިލެކްޝަންސް ކޮމިޝަނުން މެންބަރުގެ ކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާ ވިލިގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިން ވިދާޅުވެއްޖެ އެވެ.

ސައުދުގެ ގޮނޑި ގެއްލުނު މައްސަލައިގައި އޭނާ ސުޕްރީމް ކޯޓަށް ވައްދާފައިވާ މައްސަލައިގައި އަޑުއެހުންތައް ނިންމާލުމުގެ ގޮތުން ޝަރީއަތުގެ މަޖިލީހުގައި ލިބުނު ފުރުސަތުގައި ވާހަކަދައްކަވަމުން ސައުދު ވިދާޅުވީ މެންބަރުންގެ ހައްގުތައް ވަރަށް ބޮޑަށް ގެއްލިފައިވާ ކަމަށާއި ހަމައެކަނި މެންބަރުންގެ ހައްގުތައް ހިމާޔަތް ކޮށްދޭ މާއްދާ ވެސް އުވާލުމަށް ބަންޑާރަ ނައިބު މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ. އަދި މެންބަރުންގެ މިނިވަންކަން ގެއްލިވާލާފައިވާ މި ދަނޑިވަޅުގައި މަޖިލީހުގެ މިނިވަންކަން ކަށަވަރުކޮށް ދިނުމާއި އެ މިނިވަންކަން ގެއްލުވާލުމުގެ ފުރުސަތު އޮތީ މިހާރު ސުޕްރީމް ކޯޓްގެ އަތްމަތީގައި ކަމަށް ވެސް ސައުދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މެންބަރުންގެ ގޮނޑީގެ މައްސަލައިގައި ސުޕްރީމްކޯޓުން ނިންމާނެ ނިންމުމަކަށް ގައުމު އިންތިޒާރު ކުރަމުން އަންނަ ކަމަށެވެ. އަދި އެ ނިންމުމުގެ ސަބަބުން ސިޔާސީ މައިދާން އިތުރަށް ހަލަބޮލިވެ ގައުމުގެ މުޅި މަސްރަހު އިތުރަށް ހަލަބޮލިވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އެހެން ކަމުން ސުޕްރީމް ކޯޓްގެ ނިޔާއަކީ ރައްޔިތުންގެ ވިންދާ އިހުސާސްތަކަށް ބެލުމަށް ފަހު ނުފޫޒެއް ނެތި ގާނޫނުތަކުގެ ތެރެއިން ނިންމާނެ ނިންމުމެއް ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

ސައުދުގެ މައްސަލައިގެ އަޑުއެހުންތައް ނިންމާލި އިރު ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު، ވައްޑެގެ ގޮނޑީގެ މައްސަލައިގެ އަޑުއެހުންތައް ވެސް ވަނީ ނިންމާލައިފަ އެވެ. ދެން އެ މައްސަލަތަކުގައި އޮންނާނީ ހުކުމް އިއްވުމެވެ. މީގެ އިތުރަށް މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތުގެ ގޮނޑީގެ މައްސަލައިގެ އަޑުއެހުންތައް ވެސް މިއަދަށް ތާވަލްކޮށްފައިވެ އެވެ.