- އޭޖީ ބުނަނީ ޕާޓީއިން ވަކިވާނީ ދަފްތަރުން އުނިކުރުމުން
- އިދިކޮޅު މެންބަރުން ބުނަނީ ސިޓީލާ ހިސާބުން ވަކިވީ ކަމަށް
- ޕީޕީއެމްގެ އަސާސީ ގަވާއިދުގައި ވެސް ބުނަނީ އެހެން
ސުޕްރީމް ކޯޓްގައި މިހާރު ކުރިއަށްދާ މެންބަރުންގެ ގޮނޑި ގެއްލުނު މައްސަލައިގެ ޝަރީއަތުގައި، މިއަދު ބޭއްވި އަޑުއެހުމުގައި އެންމެ ބޮޑު ބަހުސަކަށްވީ، ސިޔާސީ ޕާޓީއެއްގެ މެންބަރު ކަމުން މީހަކު ވަކިވާނެ ގޮތާމެދު އެވެ. އެގޮތުން މިއަދުގެ އަޑުއެހުމުގައި ބަންޑާރަ ނައިބްގެ އޮފީސް ތަމްސީލް ކުރައްވާ ވަކީލުންނާއި އެ މައްސަލަ ހުށަހެޅުއްވި މެންބަރުންނާ ދެމެދު ހިޔާލުތަފާތުވުން އުފެދި ބަހުގެ ހަމަލާތައް ބަދަލު ކުރި އެވެ.
ދައުލަތް ތަމްސީލުކުރައްވާ ބަންޑާރަ ނައިބުގެ އޮފީހުގެ ސީނިއާ ސްޓޭޓް އެޓާނީ މައާޝާ ލުތުފީ ވިދާޅުވީ، ގާނޫނުގައިވާ ގޮތުން ޕާޓީތަކުގެ ދަފުތަރަކީ އިލެކްޝަން ކޮމިޝަނުން ބަލަހައްޓަންޖެހޭ އެއްޗެއް ކަމަށެވެ. މެންބަރަކު ޕާޓީއާ ގުޅިއްޖެ ކަމަށް ބަލާނީ އެ މެންބަރެއްގެ ނަން ދަފުތަރުގައި ހިމެނުމުން ކަމަށް އޭނާ ވިދާޅުވި އެވެ. އެ އުސޫލުގެ ދަށުން ދައުލަތުން ދެކޭ ގޮތުގައި މެންބަރަކު ޕާޓީއިން ވަކިވާނީ ވެސް ހަމަ ދަފުތަރުން އެ މެންބަރެއްގެ ނަން އުނިކުރީމަ ކަމަށް މައާޝާ ވިދާޅުވި އެވެ. އެމީހަކު ޕާޓީން ވަކިވާން އެދުނަސް އަދި ހަމަ އެ ހިސާބުން މެންބަރުކަމުން ވަކިނުވާނެ ކަމަށް މައާޝާ ވިދާޅުވި އެވެ. ވަކީލް އެގޮތަށް ވިދާޅުވީ އެއްވެސް ގާނޫނަކަށް ނޫނީ އުސޫލަށް ރިއާޔަތް ނުކުރައްވާ ދައުލަތުގެ އަމިއްލަ އޮޕީނިއަންގެ ގޮތުގަ އެވެ.
ވަކީލް މައާޝާ އެގޮތަށް ވިދާޅުވަނީ ކޮން ގާނޫނެއްގެ ކޮން ގަވައިދެއްގެ މައްޗަށް ރިޔާއަތްކޮށްތޯ މެންބަރުންގެ ވަކީލެއް ކަމަށްވާ އިބްރާހިމް ރިފްއަތު ވަނީ ސުވާލު ކުރައްވާފަ އެވެ. ރިފްއަތު ވިދާޅުވީ، މެންބަރު ކަމުން ވަކިވާނީ ދަފުތަރުން އެމީހެއްގެ ނަން އުނިކުރުމުން ކަމަށް އެއްވެސް ގާނޫނެއްގައި ވެސް ގަވައިދެއްގައި ވެސް ނެތް ކަމަށެވެ. ދައުލަތުން އެހެން ވިދާޅުވާން ޖެހޭނީ ގާނޫނެއް ނުވަތަ ގަވައިދެއްގައި އެހެންވާނަމަ ކަމަށް އެ ވަކީލް ވިދާޅުވި އެވެ.
މެންބަރުންގެ އަނެއް ވަކީލް ހިސާން ހުސެއިން ވިދާޅުވީ، ޕާޓީން ވަކިވާން އެ މެންބަރަކު އެދޭ ހިސާބުން އެ މެންބަރަކު ޕާޓީން ވަކިވާނެ ކަމަށެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 15 ވަނަ މާއްދާގެ (ނ)ގައިވާ ގޮތުން ވެސް ޕާޓީގެ ކޮންމެ މެންބަރަކަށްވެސް ކުރިން ނޯޓިސް ދިނުމަކާ ނުލައި ޕާޓީގެ މެންބަރުކަމުން ވަކިވެވޭނެ ކަމަށެވެ. އެ މާއްދާގައި ވެސް އޭނާ ޕާޓީން ވަކިވީ ކަމަށް ކަނޑައަޅާނީ ދަފުތަރުން ނަން އުނިކުރީމަ ކަމަށް ބުނެފައިނުވާ ކަމަށެވެ. އަދި މިފަދަ މައްސަލަތައް ބޮޑުވެފައިވާ، ޕީޕީއެމްގެ އަސާސީ ގަވާއިދުގައިވާ ގޮތުން ވެސް މެންބަރަކު އެ ޕާޓީން ވަކިވާން ފޯމް ހުށަހަޅާ ހިސާބުން އެމީހެއް މެންބަޝިޕް އެ ޕާޓީ އިން އުވުނީކަމަށް ބުނެފައިވާ ކަމަށް ވެސް ވަކީލުން ވިދާޅުވި އެވެ.
ހިސާން ވިދާޅުވީ، މެންބަރެއްގެ ނަން ދަފުތަރުން އުނިކުރުމާއި އެ މެންބަރަކު ޕާޓީން ވަކިކުރުމާ އެއީ ތަފާތު ދެ ކަމެއް ކަމަށެވެ. އޭގެ މިސާލެއް ވެސް ހިސާން ދެއްކެވި އެވެ. ހިސާން ވިދާޅުވީ، ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު އެމްޑީޕީއިން ވަކިކުރިތާ އެތައް ދުވަހެއްވީއިރު ވެސް އިލެކްޝަން ކޮމިޝަނުން އޭނާގެ ނަން ދަފުތަރުން އުނި ނުކުރާ ކަމަށެވެ. ނަމަވެސް އޭނާގެ ނަން ދަފުތަރުން އުނި ނުކޮށް އޮތުމަކީ ގާނޫނީ ގޮތުން ރީކޯ މޫސާއަކީ އެމްޑީޕީގެ މެންބަރެކޭ ބުނެވޭނެ ހާލަތެއް ނޫން ކަމަށެވެ.
އިލެކްޝަން ކޮމިޝަނުން ނިންމަންޖެހޭ އިޖުރާއަތެއް ނުނިމި އޮތުމަކީ އެމީހާއަށް ޕާޓީއެއްގައި ހުރުމަށް މަޖުބޫރު ކުރެވޭނެ ކަމެއް ނޫން ކަމަށް ހިސާން ވިދާޅުވި އެވެ. ހިސާން ވިދާޅުވީ، 2013 ވަނަ އަހަރު ސުޕްރީމް ކޯޓުން ކުރައްވާފައިވާ ހުކުމަކަށް ބަލާއިރު އެއްވެސް ޕާޓީއެއްގައި މެންބަރަކު ހުރުމަށް މަޖުބޫރު ކުރެވިގެން ނުވާނެ އެވެ. އަދި އެގޮތަށް ކަންކަން އޮންނަ ނަމަ މެންބަރުން "ހައިޖެކްކޮށްގެން" ގެންގުޅުމުގެ ފުރުސަތު ޕާޓީތަކަށް ލިބޭނެ ކަމަށް ވެސް ހިސާން ވިދާޅުވި އެވެ.
ވަކީލް އިބްރާހިމް ރިފްއަތު ވިދާޅުވީ، ސިޔާސީ ޕާޓީތަކުގެ ގަވައިދުގައިވާ ގޮތުން މީހަކު ޕާޓީން ވަކިވާން އެ ޕާޓީއަކަށް ހުށަހެޅިތާ 14 ދުވަސްވެއްޖެނަމަ އިލެކްޝަން ކޮމިޝަނުން އެމީހަކު ޕާޓީން ވަކިކޮށްދޭން ޖެހޭނެ ކަމަށެވެ. އެ ގަވާއިދުގެ 18 ވަނަ މާއްދާގެ (ހ)ގައި އެހެން ބުނެފައިވާއިރު އެއީ އިލެކްޝަން ކޮމިޝަނަށް އިހްތިޔާރީ ކަމެއް ނޫން ކަމަށާއި ލާޒިމުވާ ކަމެއް ކަމަށް ރިފްއަތު ވިދާޅުވި އެވެ.
އެކަމާ ގުޅޭ ގޮތުން އިލެކްޝަން ކޮމިޝަންގެ ސީނިއާ ލީގަލް އޮފިސަރު ރިފްއަތު އަބްދުﷲ ވިދާޅުވީ، މީހަކު ޕާޓީން ވަކިވާން ކޮމިޝަންގައި އެދިއްޖެނަމަ އެމީހަކު ޕާޓީން ވަކިވާން ޕާޓީއަށް ހުށަހަޅާފައިވާތާ 14 ދުވަސްވެފައިވޭތޯ ކަށަވަރުކުރަންޖެހޭ ކަމަށެވެ. ގަވާއިދުގައިވާ ގޮތުން މީހަކު ޕާޓީއިން ވަކިވާން ހުށަހަޅަންޖެހޭނީ އެ ޕާޓީއަކަށެވެ. ސާދަ ދުވަސް ތެރޭގައި އިލެކްޝަނަށް އެ ޕާޓީއަކުން ނާންގައިފިނަމަ، އިލެކްޝަން ކޮމިޝަނަށް ފޯމަކުން އެކަން ހުށަހެޅޭނެ އެވެ. އިލެކްޝަންގެ ވަކީލް ރިފްއަތު އަބްދުﷲއަށް ރައްދުދީ ވަކީލް އިބްރާހިމް ރިފްއަތު ވިދާޅުވީ، އެ ފޯމް ހުށަހެޅުމުން އިތުރަށް ކަމެއް ކަށަވަރުކުރަންޖެހޭނެ ކަމަށް އެއްވެސް ގާނޫނެއްގައި ނެތް ކަމަށެވެ.
އެއަށް ރައްދު ދެއްވަމުން އިލެކްޝަންގެ ވަކީލް ރިފްއަތު ވިދާޅުވީ، ޕާޓީއަށް ހުށަހެޅިތާ 14 ދުވަސްވެފައިވާކަން ކަށަވަރުކުރަން ޖެހޭނެ ކަމަށް ލިޔެފައިނެތް ނަމަވެސް އެކަން ކުރުމަކީ ބުއްދީގެ ހަމަތަކުން ބަލާނަމަ ކުރަންޖެހޭނެ ކަމެއް ކަމަށެވެ. އެކަން ޔަގީންނުކޮށް އިލެކްޝަން ކޮމިޝަނަށް ފޯމް ހުށަހަޅާ ކޮންމެ މީހެއްގެ މެންބަޝިޕް ބާތިލުކުރާނަމަ ގިނަ ބައެއްގެ ހައްގުތައް ގެއްލިގެންދާނެ ކަމަށް ވަކީލް ވިދާޅުވި އެވެ.
"އެއީ މިއީ ދުވާލު ފަދައިން ފެންނަން އޮތް ހަގީގެއް" ކަމަށް ވަކީލް ވިދާޅުވި އެވެ.
މެންބަރުންގެ ގޮނޑީގެ މައްސަލައިގެ އަޑުއެހުންތައް މިއަދު ވަނީ ނިންމާލައިފަ އެވެ. ދެން އޮންނާނީ އެ މައްސަލައިގައި ހުކުމް އިއްވުމެވެ.