ވިޔަފާރި

ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ފަށަން ދިރާސާތަކެއް ހަދައިފި

ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ވިޔަފާރީގެ އުސޫލިން އަލުން ފަށަން އިނގިރޭސި ވިލާތުގެ ޓީމަކުން ދިރާސާތަކެއް ހަދައިފި އެވެ.

ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނީ މި މަހުގެ ހަޔަރުން 11 އަށް އިނގިރޭސިވިލާތުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީއިން ކުރިއަށް ގެންދިޔަ މި ދިރާސާގެ ނަތީޖާ ތިން މަސް ދުވަހުގެ ތެރޭގައި ލިބޭނެ ކަމަށެވެ.

އެ އޮތޯރިޓީން ބުނީ "ރިސްކް އެސެސްމަންޓް" ގައި ބަލާފައިވަނީ ހިދުމަތް ފެށުމަށް ވާންޖެހޭ ތައްޔާރީތަކާއި މިފަދަ ބައެއް ކަންތައްތައް ކަމަށެވެ.

ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ވިޔަފާރީގެ އުސޫލުން ދިނުން މެދުކަނޑާލާފައިވާތާ 15 އަހަރު ވެއްޖެ އެވެ. ނަމަވެސް އަލުން މި ހިދުމަތް ފަށަން ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި މި ކަމަށް އެދި ބޭރުގެ ކުންފުނިތަކުން ޝައުގުވެރިކަން ފާޅު ކުރަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ކުރިން ވަނީ ބުނެފަ އެވެ.

މިހާރު ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ދެނީ އެމްއެންޑީއެފުންނެވެ. މީގެ ކުރިން ރާއްޖޭގައި ވިޔަފާރީގެ އުސޫލުން ހެލިކޮޕްޓަރުގެ ހިދުމަތް ދީފައިވެ އެވެ. ނަމަވެސް ހެލިކޮޕްޓަރުގެ ހިދުމަތް ހުއްޓާލާފައިވަނީ ނުރައްކާތެރި ހާދިސާތަކެއް ހިނގައި ބައެއް މީހުން މަރުވުމުންނެވެ.