ހަބަރު

"ރުމާލު 2"ގެ ނަމުގައި ޕީޕީއެމް މާލޭ ހިޔާ ޖަގަހަ ހުޅުވައިފި

ޕީޕީއެމްއިން މާލޭ ހިޔާ ހުސްބިމުގައި ހެދި އެ ޕާޓީގެ އާ ޖަގަހަ ހުޅުވައިފި އެވެ. "ރުމާލު2"ގެ ނަމުން ނަން ދީފައިވާ މި ޖަގަހަ ހުޅުވައިދެއްވީ ރައީސް އަބްދުﷲ ޔާމިނެވެ.

ޕީޕީއެމްގެ ނައިބު ރައީސް އަބްދުލް ރަހީމް އަބްދުﷲ ވިދާޅުވީ، ޕީޕީއެމްގެ އާ ޖަގަހައިގައި ވަރަށް ގިނަ ހަރަކާތްތަކެއް ކުރިއަށްދާނެ ކަމަށެވެ. އެގޮތުން މާދަމާ އެ ޖަގަހައިގެ ހަރަކާތްތައް ކުރިއަށްދާނެ ގޮތް އިއުލާން ކުރާނެ ކަމަށެވެ.

އަބްދުލް ރަހީމް ވިދާޅުވީ، ދެން ރާއްޖެއިން ފެނިގެން ދާނީ ޕީޕީއެމްގެ ހަރަކާތްތައް ކަމަށެވެ. މާލޭ އާއި އަތޮޅު ތެރޭގެ ރަށްތަކުގައި ވެސް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ރައީސް ޔާމީންގެ ވަރަށް ތަފާތު ކެމްޕެއިން ހަރަކާތެއް ދެ ދުވަހެއްގެ ތެރޭގައި އިއުލާން ކުރާނެ ކަމަށް ވެސް އަބްދުލް ރަހީމް ވިދާޅުވި އެވެ.

މާލޭ ހިޔާގެ ބިމުގައި ސިޔާސީ ޕާޓީއެއްގެ ޖަގަހައެއް ހަދާތީ ހައުސިން މިނިސްޓްރީއަށް ފާޑުކިޔުންތައް އަމާޒުވުމުން އެ މިނިސްޓްރީން ވަނީ ޖަގަހައެއް ހަދަން އެ ބިން ދޫނުކުރާ ކަމަށް ބުނެފަ އެވެ. އެ ބިން ދޫކޫރީ އެ ތަނުގައި ކެފޭއެއް ހަދަން ބިޑް ހުށަހެޅި ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ހޯދި ފަރާތަށް ކަމަށެވެ. އެކަމާ ގުޅިގެން ޕީޕީއެމްގެ ނައިބު ރައީސް އަބްދުލް ރަހީމް އަބްދުﷲ ވިދާޅުވީ، މާލޭ ހިޔާގެ ހުސް ބިމުގައި ޕީޕީއެމްގެ ޖަގަހައެއް ހަދަނީ މީހެއްގެ އަތުން ބިން ކުއްޔަށް ނަގައިގެން ކަމަށާއި އެ ބިން ހޯދީ ކޮރަޕްޝަނުގެ ތެރެއިން ނޫން ކަމަށެވެ.

އެ ބިން މިނިސްޓްރީން ދޫކުރި ބޭނުން ނޫން އެހެން ބޭނުމެއްގައި ބޭނުން ނުކުރެވޭނެ ކަމަށް ބުނެ އެ މައްސަލަ ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ވެސް ހުށަހަޅާފަ އެވެ.