ހަބަރު

އައިޖީއެމްއެޗް އާ އިމާރާތުގެ 25 ވަނަ ބުރީގެ ކޮންކްރީޓް އަޅަން ފަށައިފި

  • އިމާރާތް އަންނަ އަހަރު ނިމޭނެ
  • އިމާރާތުގެ އަގު 140 މިލިއަން ޑޮލަރު
  • މަސައްކަތް ކުރަނީ ސިންގަޕޫރު މީހުން

އައިޖީއެމްއެޗް އާ އިމާރާތުގެ 25 ވަނަ ބުރީގެ ކޮންކްރީޓް އެޅުމުގެ މަސައްކަތް ފަށައިފި އެވެ.

އައިޖީއެމްއެޗްގެ މީޑިޔާ އޮފިޝަލް އަހުމަދު މައުސޫމު "އަވަސް" އަށް ވިދާޅުވީ 25 ވަނަ ބުރީގެ ކޮންކްރީޓް މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި، މިމަހު އެ މަސައްކަތް އެއްކޮށް ނިމެނޭނެ ކަމަށެވެ.

"މި މަހުގެ ނިޔަލަށް ކޮންކްޓީން މަސައްކަތް އެއްކޮށް ނިމޭނެ،" މަންސޫރު ވިދާޅުވި އެވެ.

އައިޖީއެމްއެޗް 25 ބުރީގެ އިމާރާތުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރު އެވެ. ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ "ޝެންހުއާ ކޮންސްޓްރަކްޝަނާ" ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުއަށް 140 މިލިއަން ޑޮލަރު ހަރަދު ކުރެ އެވެ. މި އިމާރާތުގެ މަސައްކަތް އަންނަ އަހަރު ނިމޭނެއެވެ.

އައިޖީއެމްއެޗްގެ އާ އިމާރާތް ފަރުމާކޮށްފައިވަނީ ހަ ބުރި ނޭޝަނަލް ޑައިގްނޯސްޓިކް ސެންޓަރަކަށެވެ. އަދި މީގެ އިތުރުން ލައިފް ސަޕޯޓް ސިސްޓަމް އިންސްޓޯލް ކުރާ ގޮތަށް މިތަން ވަނީ ފަރުމާކޮށްފައިވެ އެވެ. އަދި މީގެ އިތުރުން ރޭޑިއޭޝަން ނުފެތުރޭ ގޮތަށް "ޝީލްޑް" ކުރުމާއި ސިއްހީ ފަރުވާދިނުމަށް ބޭނުންކުރާ ގޭސް ފަދަ ތަކެތި ރައްކާތެރިކަމާ އެކު ބެހެއްޓޭނެ އިންތިޒާމެއް މިތަނުގައި ހުންނާނެ އެވެ. މީގެ އިތުރުން މި އިމާރާތުގައި ޗައިލްޑް ކެއާ ސެންޓަރަކާއި ޖިމާއި ރިހެބިލިޓޭޝަން ސުއިޓަކާއި ހައިޑްރޯ ތެރަޕީ ސުއިޓެއްގެ އިތުރުން ސްވިމިން ޕޫލެއް ވެސް ހުންނާނެ އެވެ.