ދުނިޔެ

ސައުދީ ގައި އީދު ބަންދަށް މިފަހަރު 16 ދުވަސް

ސައުދީ އަރަބިއްޔާގެ ސިވިލް ސާވަންޓުންނަށް މިއަހަރުގެ ބޮޑު އީދު ބަންދުގެ ގޮތުގައި 16 ދުވަސް ލިބޭ ކަން އެގައުމުގެ ސިވިލް ސާވިސް މިނިސްޓްރީން އިއުލާނުކޮށްފިއެވެ.

ސައުދީ ސިވިލް ސާވިސް މިނިސްޓްރީއާ ހަވާލާދީ ސައުދީ ގެޒެޓް ނޫހުން ބުނީ އެގައުމުގެ ސިވިލް ސާވަންޓުންނަށް އީދު ބަންދު ފެށޭނީ މިހިނގާ އޮގަސްޓް މަހުގެ 24 ވަނަ ދުވަހު ( ހައްޖުމަހުގެ ދެވަނަ ދުވަހު) ގެ ރަސްމީގަޑި ނިމުމުން ކަމަށެވެ. އީދު ބަންދު ނިމޭނީ އަންނަ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ( ހައްޖު މަހުގެ 15 ވަނަ ދުވަހު) އެވެ.

ސައުދީ ސިވިލް ސާވިސް މިނިސްޓްރީގެ ގަވައިދު ބުނާ ގޮތުން އީދު ބަންދު ފެށެން ޖެހެނީ ހައްޖުމަހުގެ ފަސް ވަނަ ދުވަހުއެވެ. އަދި ނިމެން ޖެހެނީ ހައްޖުމަހުގެ 15 ވަނަ ދުވަހުއެވެ. އެ އުސޫލުން ބަލާ ނަމަ މިއަހަރުގެ އީދު ބަންދު ފެށޭނީ އޮގަަސްޓްމަހުގެ 27 ވަނަ ދުވަހުްއެވެ.

ނަމަވެސް މިއަހަރުގެ ބަންދު އިތުރުކުރީ ބަންދު ދުވަސްތަކެއްގެ މެދު ތެރެއިން އަންނަ ރަސްމީ ބަންދު ދުވަހެއް ބަންދު ކުރުމަށް ގަވާއިދުގައި އޮންނާތީ ކަމަށް މިނިސްޓްރީއާ ހަވާލާދީ ނޫހުގައި ވެއެވެ.

އީދު ބަންދަށް ދުނިޔޭގެ ގިނަ އިސްލާމީ ގައުމުތަކުގައި މިހާ ގިނަ ދުވަހެއް ނުލިބެއެެވެ.