ހަބަރު

ކަމަދޫ ބައި-އިލެކްޝަނުން ސަރުކާރާ މެދު ރާއްޖެ ދެކޭ ގޮތް އެނގިއްޖެ: ނަޝީދު

މިއަދު ބޭއްވި ބ. ކަމަދޫ ބައި އިލެކްޝަނުން ދައްކުވައިދެނީ ހަމައެކަނި އެ ރަށް ދެކޭ ގޮތް ނޫން ކަމަށާއި އެއީ މުޅި ރާއްޖެ ވެސް ދެކޭ ގޮތް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްއާ ވާދަކޮށް ކަމަދޫ ބައި އިލެކްޝަން އެމްޑީޕީއިން ކާމިޔާބުކުރުމާއެކު ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިއަދު ކަމަދޫގެ ވޯޓުން ރަމުޒު ކޮށްދެނީ ހަމައެކަނި ކަމަދޫގެ ރަށްވެހިން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ދޭތެރޭ ދެކޭ ގޮތް ނޫން ކަމަށާއި އެއީ މުޅި ރާއްޖޭގެ ބަސް ކަމަށެވެ.

ބ. ކަމަދޫގެ ބައި- އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓް އަހުމަދު ސާޖިދު ކާމިޔާބުކުރީ ޕީޕީއެމްގެ އަލީ ނާއިޒާ ވާދަކޮށްގެންނެވެ. ވަގުތީ ނަތީޖާ ދައްކާ ގޮތުން، އެމްޑީޕީ ކެންޑިޑޭޓް ސާޖިދުއަށް ލިބިފައި ވަނީ، 169 ވޯޓެވެ. ޕީޕީއެމް ކެންޑިޑޭޓް ނާއިޒަށް ލިބިފައި ވަނީ 142 ވޯޓެވެ. ކަމަދޫ ކައުންސިލްގެ ބައި އިލެކްޝަނެއް ބާއްވަން ޖެހުނީ، އެ ކައުންސިލަށް ހޮވުނު މެންބަރަކު ހުވާކުރިތާ ދެ ދުވަސް ތެރޭގައި ކައުންސިލަރު ކަމުން އިސްތިއުފާ ދެއްވުމުން އެވެ.

ކަމަދޫ ކައުންސިލްގެ ހުސްވެފައިވާ ގޮނޑިއަށް ވޯޓްލުން މާލެ އާއި އެ ރަށުގައި ފަށާފައި ވަނީ މިއަދު ހެނދުނު 8:00ގަ އެވެ. އެ އިންތިހާބުގައި 338 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވާ އިރު ކަމަދޫ ސުކޫލާއި މާލޭ އިލެކްޝަން ސެންޓަރުގައި ވެސް ވޯޓުލުން ކުރިއަށް ގެންދިޔަ އެވެ.

މި ބައި-އިލެކްޝަނާ ދިމާކޮށް ކަމަދޫގައި ދެ ޕާޓީ އިން ވަނީ ފޯރިގަދަ ކެމްޕޭންތަކެއް ކުރިއަށް ގެންގޮސްފަ އެވެ ފޯރިގަދަ ކެމްޕޭންތަކެއް ކުރިއަށް ގެންދިޔަ ނަމަވެސް، މިއަދު ވޯޓްލުން ކުރިއަށް ދިޔައީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާ ވަރަށް އަމާން ކަމާ އެކު އެވެ. އަދި ވޯޓްލުމުގެ ތެރޭގައި ވެސް އެއްވެސް މައްސަލައެއް ޖެހިފައެއް ނުވެ އެވެ.