ދުނިޔެ

ހައްޖުވެރިން ގެންދަން ބޯޓު ގަތަރަށް ޖައްސަން ހުއްދައެއް ނުދިން: ސައުދިއާ

ގަތަރުގެ ހައްޖުވެރިން ސައުދީ އަރަބިއްޔާއަށް ގެންދިއުމަށް ފޮނުވަން އުޅުނު މަތިންދާބޯޓް ދޯހާގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސަން އެދުމުން ގަތަރުން އެކަމަށް ހުއްދަ ނުދިން ކަމަށް ސައުދީ އަރަބިއްޔާގެ ގައުމީ އެއާލައިން ސައުދިއާ އިން ބުނެފިއެވެ.

ސައުދިއާއިން މިހެން ބުނި ނަމަވެސް ގަތަރު ސަރުކާރުން އެކަން ދޮގުކުރެއެވެ. ގަތަރުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން އަލްޖަޒީރާއަށް ބުނެގައި ވަނީ މަތިންދާބޯޓްތައް ޖައްސަން ހުއްދަނުދިން ކަމަށް ދައްކާ ވާހަކައަކީ ދޮގެއް ކަމަށެވެ.

ސައުދިއާގެ ޑިރެކްޓާ ޖެނެރަލް ސޯލިހު އަލް ޖާސިރުއާ ހަވާލާދީ އެގައުމުގެ ނޫސްތަކުން ބުނީ މަތިންދާބޯތްތައް ޖެއްސުމުގެ ހުއްދައަށް އެދިފައިވާ އެތައް ދުވަހެއް ވީ އިރުވެސް ގަތަރުގެ އިދާރާތަކުން އެކަމަށް އިޖާބަދީފައި ނުވާ ކަމަށެވެ.

ގަތަރުގެ ހައްޖުވެރިން ސައުދީ އަރަބިއްޔާއަށް ގެންދަން މަތިންދާބޯޓެއް ފޮނުވުމަށާއި ހައްޖުވެރީންނަށް ޓަކައި ބޯޑަރު ހުޅުވައިލަން ރަސްގެފާނު ސަލްމާން ބިން އަޒީޒު އަލް ސައުދު އަމުރުކުރައްވާފައިވާ ކަމަށް ސައުދީ ސަރުކާރުން ބުނީ މިދިޔަ ބުރާސްފަތި ދުވަހުއުއެވެ.

ސައުުދީ ސަރުކާގެ ނޫސް އެޖެންސީ (އެސްޕީއޭ)އާ ހަވާލާދީ އަރަބް ނިއުސް އިން އޭރު ބުނީ ސަލްމާން ރަސްގެފާނު އެކަމަށް އަމުރުކުރެއްވީ ބުދަދުވަހުގެ ފަހުގެ ވަގުތެއްގައި ކަމަށެވެ. ރަސްގެފާނު އަމުރުކުރެއްވީ ގަތަރާއި ސައުދީ ގުޅޭ ސަލްވާ ބޯޑަ ކްރޮސިން ހުޅުވައިލުމަށާއި ސައުދީ އެއާލައިންގެ ޕްރައިވެޓް މަތިންދާބޯޓެއް ގަތަރުގެ ވެރިރަށް ދޯހާއަށް ފޮނުވުމަށެވެ.

ނޫހުން ބުނީ ގަތަރުގެ ހައްޖުވެރީންނަށް ޓަކައި އެ އިންތިޒާމްތައް ހަމަޖެއްސުމަށް ރަސްގެފާނަށް ހުށަހެޅުއްވީ ދަރިކަލުން އަދި ވަލީ އަހުދު އަމީރު މުހައްމަދު ބިން ސަލްމާން ކަމަށެވެ. މުހައްމަދު އެކަން ހުށަހެޅުއްވީ ގަތަރުގެ ޝައިހު އަބުދުﷲ ބިން އަލީ ބިން އަބުދުﷲ ބިން ޖާސިމް އައް ސާނީ އާ އެކު ބޭއްވެވި ބައްދަލުވުމަކަށް ފަހުގައެވެ.

ރަސްގެފާނު ސަލްމާން ސައުދީ އަރަބިއްޔާގެ ކަމާ ބެހޭ ފަރާތްތަކަށް އަންގަވާފައި ވަނީ ހަމަ ގަތަރުގެ ހައްޖުވެރިން ހަމަ އެކަނި ގެނަައުމަކަށް ނޫނެވެ. އޭގެ ބަދަލުގައި ރަސްގެފާނުގެ މެހުމާނުންގެ ގޮތުގައި ސައުދީ ސަރުކާރުން ހަރަދުކުރާ ގޮތަށް އެމީހުން ގެނައުމަށެވެ.

ގަތަރުގެ ހައްޖުވެރީންނާއި މެދު މިހާ ދީލަތިކޮށް ކަންތައްތައް ހަމަޖައްސަން ސަލްމާން އަމުރުކުރައްވާފައި މިވަނީ ސައުދީން ގަތަރާ ގުޅުން ކަނޑާލައި ބޯޑަރު ބަންދުކުރުމުން ހައްޖުވެރިންނަށް ދަތިތަކާ ކުރިމަތިވެފައިވާ ކަަމަށް ވާހަކަތައް ފެެތުރިފައި ވަނިކޮށެވެ.

ޓެރަރިޒަމަށް ވާގިދޭ ކަމަށް ބުނެ އަރަބި ގައުމުތަކުން ގަތަރާ ގުޅުން ކަނޑައިލީ މިދިޔަ ޖޫން މަހުގެ ހަތަރުވަނަ ދުވަހުއެވެ. އެއަށް ފަހު އެގައުމުތަކުން އެދޭ 13 ކަމެއް ކުރަން ގަތަރަށް ޑިމާންޑް ކުރިއެވެ. . އީރާނާ ސިޔާސީ ގުޅުން ކަނޑައިލުމާއި ގަތަރުގައިވާ ތުރުކީގެ އަސްކަރީ މަރުކަޒުތައް ބަންދުކުރުމާއި އަލް ޖަޒީރާ ބަންދުކުރުން އޭގެ ތެރޭގައި ހިމެެނެ އެވެ. އެއިން އެއްވެސް ކަމެއް ނުކުރާނެ ކަމަށް ގަތަރުން ބުނެފައި ވަނިކޮށް ގުޅުން ކަނޑައިލި ގައުމުތަކުން މިހާރު ވަނީ ޑިމާންޑްތައް ދޫކޮށްލާފައެވެ.